އިމްތިޙާންތައް ފަސޭހަކުރައްވަވައި ދެއްވެވުން އެދިއާއި ދަތި އުނދަގޫ ޙާލަތުގަ ކުރާނެ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އިމްތިޙާންތައް ފަސޭހަކުރައްވަވައި ދެއްވެވުން އެދިއާއި ދަތި އުނދަގޫ ޙާލަތުގަ ކުރާނެ ދުޢާއެއް!

އިމްތިޙާނަށް ކޮންމެ ދަރިވަރަކުވެސް ތައްޔާރުވަނީ އެތައް މަސައްކަތަކުންނެވެ. އިމްތިޙާނަކީ ތިމާގެ މުޅި ޙަޔާތާއި ގުޅިފައިވާ އެންމެ މުހިންމު އެއް ބިންގަލެވެ. އެހެނީ އިމްތިހާނުގެ ނަތީޖާ އެމީހާގެ މުޅި ޙަޔާތުގައިވެސް މުހިންމު ދައުރެއް އަދާކުރާނެތީއެވެ. އެހެންކަމުން އިންސާނުންގެ ޙަޔާތުގައި އެންމެ މުހިންމު ކަމެއްދޭ އެއްކަމަކީ އިމްތިހާނުތަކެވެ. އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރާ އެއްކަމަކީ އިމްތިޙާނުތަކުން ފާސްވުމަށެވެ. އަދި އެންމެ ގިނަ ވަގުތާއި ފައިސާ ހޭދަކުރަނީ ވެސް އިމްތިޙާންތަކަށް ތައްޔާރުވުމަށެވެ!

ކިޔެވުމުގެ ހުރިހާ މަރުހަލާތަކެއްގައި ވެސް އެންމެ މުހިންމު ކަމަކީ ދުޢާކުރުމެވެ. އެހެނީ ކޮންމެ ކަމެއްވެސް އަހަރެމެންނަށް ޙާޞިލުކުރެވޭނީ ﷲ ތައާލާ އެކަމެއް ޙާޞިލުކުރައްވަވައި ދެއްވެވުމުންނެވެ. އަދި އަހަރެމެންކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުމުންނެވެ.

އިމްތިޙާންތަކުން ފާސްވުމަށްވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ އެކަމަށް އެދި ﷲ ތަޢާލާއަށް ދުޢާކުރުމެވެ. އެހެނަސް ގިނަ ބައަކު ވަނީ ދުޢާކުރުންމަތިން ހަނދާންނައްތާލައިފައެވެ. އަބަދުވެސް ވިސްނަންވީ ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް ކާމިޔާބު ލިބުން ވަނީ ﷲ ގެ ޙަޟްރަތުން ކަމެވެ.

މިދުޢާއަކީ އިމްތިޙާނުން ފާސްވުމަށާއި ދަތި އުނދަގޫ ޙާލަތުގައި ކުރަން އޮތް ދުޢާއެކެވެ. ގިނަ ބައަކު މިފަދަ ދުޢާތައް ދަނެއެވެ. ބޭނުމަކީ ދުޢާކުރަން ހަނދުމަކޮށްދިނުމެވެ. ކޮންމެ ކަމެއް ކުރުމުގައިވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމުގެ ވިސްނުން ކުރިއަށް ނެރެން ހަނދުމަކޮށްދިނުމެވެ.

اللهُمَّ لا سَهْلَ إلا مَا جَعَلتَهُ سَهْلا وَ أنتَ تَجْعَلُ الحزْنَ إذا شِئْتَ سَهْلا

މި ދުޢާގެ މާނައީ: "ހައްދަވައިގެންގުޅުއްވަވާ އިލާހްއެވެ. އިނބަ ﷲ ފަސޭހަ ކުރެއްވެވި ކަމެއް މެނުވީ ފަސޭހައެއް ނުވާނެއެވެ. އިނބަ ﷲ އިރާދަކުރައްވަވައިފިނަމަ ދަތިއުނދަގޫ ކަންކަން ފަސޭހަކޮށްދެއްވަވައެވެ.!"

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން