ބޭނުންވާ ކޮންމެ ކަމެއް ވަގުތުންވުމަށް ނޭދޭށެވެ! އެއީ ވާނެކަމެއް ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ބޭނުންވާ ކޮންމެ ކަމެއް ވަގުތުންވުމަށް ނޭދޭށެވެ! އެއީ ވާނެކަމެއް ނޫނެވެ!

އަހަރެމެން ކޮންމެ މީހަކީވެސް ދިރިއުޅުމުގައި އެތައް ބައިވަރު ކަންކަމަށް އަބަދުވެސް ބޭނުންވެފައި ތިބެންޖެހޭ ބައެކެވެ. ކޮންމެ ކަމަކަށްވެސް އެދި ދަންނަނަވަން ޖެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. އެކަލާނގެ އަނގަވާފައިވަނީވެސް ކޮންމެ ކަމަކަށް އެދިގެންވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށެވެ. ވީމާ ހަމަ ދަންނަވަމުން ގެންދަންވީއެވެ.

ވިސްނަންވީ 2 ކަމަކަށެވެ. އެއީ ކެތްތެރިކަން އިސްކުރުމަށާއި ނަމާދު ޤާއިމުކުރުމަށެވެ. ނަމާދުޤާއިމުކުރުމުގެ މާނައަކީ ފަރުޟު ފަސް ނަމާދު ބަރާަރަށް އަދާކުރަމުން ގެންދިއުމެވެ. އަދި ފަރުވާތެރިވެ ޖަމާޢަތުގައި ކުރަން މަސައްކަތްކުރުމެވެ. ވަގުތުޖެހުމުން ވީހައި އަވަހަކަށް ނަމާދުކުރުމެވެ.

އަހަރެމެންނަށް ސަލާމަތް ޞިއްހަތުގައި ބަނޑުފުރާނަ މުއްތިކޮށްގެން ތިބެވޭނަމަ އަހަރެމެންނަށް އެވަނީ ﷲ ތަޢާލާގެ ނިޢްމަތް ލިބިފައެވެ. ކެތްތެރިވާށެވެ! ޝުކުރުވެރިވާށެވެ! ބޭނުންވެގެން ހުންނަ ހުރިހާ ކަންކަން ވަގުތުން ފުރިހަމަވާނެ ކަމަށް އުންމީދުވެސް ނުކުރާށެވެ!

ކޮންމެ މީހަކުވެސް އެދޭނީ ނުވަތަ ބޭނުންވާނީ އެމީހަކު ބޭނުންވާހައިކަންކަން ވަގުތުން ވަގުތަށް ފުރިހަމަވުމަށެވެ. ނަމަވެސް ﷲ ތަޢާލާ ކޮންމެ ކަމެއްވެސް ފުރިހަމަކުރައްވަވައި ދެއްވަވާނީ އެކަމަކުން އެމީހަކަށް އެންމެ ބޮޑަށް ފައިދާކުރާނެ ވަގުތުގައެވެ. އެކަމުގެ ޔަޤީންކަން ހިތުގައި ބާއްވާނަމަ ކަންކަން ޙާޞިލު ނުކުރެވި ލަސްވެގެން އުފެދޭ ކަންބޮޑުވުންތަކުން ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ

އިންސާނުންގެ ކިބައިގައި ހުރުން އެންމެ މުހިންމު ސިފައަކީ ކެތްތެރިކަމެވެ. ކެތްތެރިކަމުގެ އަގު ﷲ ތަޢާލާގެ ޙަޟްރަތުގައި އެހައިބޮޑުވެގެންދަނީ އެސަބަބަށްޓައެވެ. ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގިއެދޭ މީހުންނާއިއެކުގައިކަމަށް ވަޙީ ބަސްފުޅުގައި އޮތުމުން މިކަމުގެ ދަލީލަކަށް ފުދެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން