ކުރާ ކޮންމެ އަޅުކަމަކީ ދުޢާއެކެވެ! ޤަބޫލުފުޅުކުރެއްވެވުން އެދި މިކަންކަމަށް ސަމާލުކަންދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކުރާ ކޮންމެ އަޅުކަމަކީ ދުޢާއެކެވެ! ޤަބޫލުފުޅުކުރެއްވެވުން އެދި މިކަންކަމަށް ސަމާލުކަންދޭށެވެ!

ދުޢާއެވެ ބުނުމުން އަހަރެމެންގެ ހިތަށް ގެނެވޭނީ ދެއަތް އުފުލައި މިކުރާ ދުޢާއެވެ. ނަމަވެސް ދެއަތް އުފުލައި މިކުރަނީ ދުޢާގެ ދެވަނަ ބާވަތެވެ. އެހެނީ ކުރާނަމާދާއި ހިފާ ރޯދައާއި ޙައްޖުވުމާއި ޞަދަޤާތް ދިނުމާއި މިހެންގޮސް އަތްފައިން މިކުރާ ކޮންމެ އަޅުކަމަކީ ދުޢާއެވެ.

އެއީ ފުޢާޢަކަށްވަނީ ކީއްވެގެންތޯ ސުވާލުކޮށްފާނެއެވެ. ޖަވާބަކީ އެހުރިހާ އަޅުކަމެއްވެސް އަހަރެމެންކުރަނީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ ކުރެވޭ ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވައްދަވައިދެއްވެވުން އެދިއެވެ. ކުރާ ކޮންމެ އަޅުކަމަކަށް ދުޢާއެވެ ނުކީނަމަވެސް ކޮންމެ އަޅުކަމަކީވެސް ދުޢާއަކަށްވެގެންދާ ސަބަބަކީ އެއީއެވެ. 

މިކަން ބަޔާންކޮށްދޭން މިޖެހެނީ ވަރަށް ބޮޑު ސަބަބެއް އޮތީމައެވެ. އެއީ ކޮންމެ އަޅުކަމެއްކުރިނަމަވެސް ވެވުނު އެންމެ ބޮޑަކަށް ފަރުވާތެރިވާން ބުނުމެވެ. ދެއަތް އުފުލައި ކުރާ ދުޢާޢިޖާބަކުރެއްވެވުން ވަނީވެސް ދުލުން ބަސްތައް ދެންނެވިނަމަވެސް ދުޢާކުރާއިރު ހިތް މަޑުމޮޅިކޮށް ހިތުން އެކަންކަމަށް އެދި އެދިދެންނެވުމުންނެވެ. 

ދުލުން ކިތަންމެ ރިވެތި ބަސްތަކެއް ބޭނުންކޮށްގެން ކިތަންމެ ފަށުވި ޢިބާރާތުން ﷲ ތަޢާލާއަށް ދެންނެވިނަމަވެސް އެއެދުނު ކަންކަން ހިތާއިވެސް ގުޅި ހިތުން އެކަންކަމަށް ނުއެދޭނަމަ ދުޢާ ފުރިހަމައެއް ނުވާނެއެވެ. 

ދެން ބަލައިލަންވީ މިވާހަކަތަކާއި ކުރާ އަޅުކަމާއި ހުރި ގުޅުމަށެވެ. އެގުޅުމަކީ ކޮންމެ އަޅުކަމެއް ކުރިނަމަވެސް ހިތް ﷲ ތަޢާލާ އާއި ގުޅިފައިވާންޖެހޭނެ ކަމެވެ. ނޫންނަމަ އެ އަޅުކަމަކީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ އަޅުކަމަކަށްނުވާނެއެވެ. ކޮންމެ އަޅުކަމަކީ ދުޢާއެކެވެ. އެދުޢާކުރަންވާނީ ކުރާ ޢަމަލާއި ހިތާއި ދިމާވާގޮތަށް ސީދާކޮށްގެންނެވެ. އިޚްލާޞްތެރިކަމާއިއެކުގައެވެ. ކުރި އަޅުކަން ޤަބޫލުފުޅު ކުރެއްވެވުން އޮތީ މިބުނި ފަދައިން ކުރާ އަޅުކަމުގެ ޢަމަލުތަކާއި ހިތާއި ސީދާކުރެވުނު ވަރަކުންނެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން  

މިއަދު އޮންލައިން