ޔޫސުފްގެފާނުގެ ޤަބުރުފުޅު އޮތްތަން އެނގޭ މުސްކުޅި އަންހެނާ ސުވަރުގެއިން މޫސާގެފާނުގެ އަވަށްޓެރިއެއްގެ ދަރަޖަ ހޯދިގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 1ސ
ޔޫސުފްގެފާނުގެ ޤަބުރުފުޅު އޮތްތަން އެނގޭ މުސްކުޅި އަންހެނާ ސުވަރުގެއިން މޫސާގެފާނުގެ އަވަށްޓެރިއެއްގެ ދަރަޖަ ހޯދިގޮތުގެ ވާހަކަ-

އަބޫ މޫސަލް އަޝްޢަރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެއްފަހަރަކު އައުރާބީންގެ މީހަކު ދެއްވި ދައުވަތެއް ޤަބޫލުފުޅު ކުރައްވާ، މާތް ރަސޫލާ صلّى اللّـه عليه وسلّم އޭނާ ދިރިއުޅޭ ގެއަށް ވަޑައިގެންނެވިއެވެ. އޭނާ ވަރަށް ފުރިހަމައަށް އެކަލޭގެފާނަށް މެހުމާންދާރީ އަދާކުރެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އޭނާގެ ގެއިން ނުކުމެވަޑައިގަންނަވަމުން ވަޑައިގެންނެވީ ދެން ފަހަރަކު އޭނާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ގަނޑުވަރަށް ވަޑައިގެންނެވުމަށް ދައުވަތު ދެއްވައިފައެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ގަނޑުވަރަށް މި އައުރާބީ ކަލޭގެ އައުމުން އެކަލޭގެފާނު އޭނާއަށް މެހުމާންދާރީ އަދާކުރެއްވިއެވެ. އެއަށްފަހު އޭނާ އެނބުރި ދާން ފެށުމުން ޙަދީޘް ކުރެއްވިއެވެ. [ތިބާ އެންމެ އެދޭކަމެއް ބުނާށެވެ؟] އެހިނދު އެ އައުރާބީ ދެންނެވިއެވެ. [އަސްދާނުގޮނޑި ޖަހާ ސަވާރުވާން ތައްޔާރުކޮށްފައިވާ ޖަމަލަކާއި، އަހަރެންގެ ޢާއިލާއަށް ކިރުދޭނެ ބަކަރިއެކެވެ.] 

އޭނާގެ ޖަވާބާ ގުޅިގެން މި އުއްމަތުގެ ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް، އަޅުގަނޑުމެން އެންމެންނަށް އިބުރަތަކަށް ފުދޭނެފަދަ ފިލާވަޅެއް ދެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [ބަނީއިސްރާއީލުގެ މުސްކުޅި އަންހެނާ ފަދައިން ވުމަށް ތިޔަބައިމީހުންނަށް ކުޅަދާނަކަން ނުލިބުނީ ހެއްޔެވެ؟]  އެއީ ކޮން ވާހަކައެއްތޯ ދެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

"ފިރުޢައުނުގެ ކިބައިން ސަލާމަތްވުމަށް ބަނީއިސްރާއީލު ބާގައިގެ މީހުންނާއެކު، މޫސާ ޢަލައިހިސަލާމް މިޞްރުން ވަޑައިގަންނަވަނިކޮށް އެކަލޭގެފާނަށް މަގުއޮޅިވަޑައިގަތެވެ. އެ ވަގުތު އެތާނގައި ތިބި ބަނީ އިސްރާއީލުންގެ ޢިލްމުވެރީންގެ ބަޔަކު މޫސާގެފާނަށް ދެންނެވިއެވެ 

[ޔޫސުފުގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އެކަލޭގެފާނުވަނީ ވަޞިއްޔަތެއް ކުރައްވައިފައެވެ. އެއީ ބަނީއިސްރާއީލުން މިޞްރުން ފައިބަގައިގެން ދަމުން އެކަލޭގެފާނުގެ ގަބުރުފުޅު އެބައިމީހުންނާއެކު ގެންދިޔުމަށެވެ. އަޅުގަނޑުމެންނަށް މަގުއޮޅި ގެއްލިފައި މިވަނީ އެކަލޭގެފާނުގެ ވަޞިއްޔަތް ފުރިހަމަ ނުކުރުމުގެ ސަބަބުން ކަމުގައި ވެދާނެއެވެ.] މޫސާގެފާނު އެބައިމީހުން ކުރެ ޔޫސުފުގެފާނުގެ ޤަބުރުފުޅުވީތަނެއް އެނގޯތޯ ސުވާލު ކުރެއވުމުން އެބައިމީހުން ދެއްކީ ބަނީއިސްރާއީލުންގެ ތެރޭގައި އިން އަންހެނެކެވެ. އޭނާއަކީ މުސްކުޅިވެ އަބަހައްދަ ވެފައިވާ މީހެކެވެ. އޭނާ ނޫން އެހެން މީހަކަށް ޔޫސުފްގެފާނުގެ ޤަބުރުފުޅު ވީތަނެއް ނޭނގޭނެ ކަމަށް އެބައިމީހުން ދެންނެވިއެވެ. 

ދެން މޫސާގެފާނު ވަޑައިގެން އެ އަންހެން މީހާކުރެން ޔޫސުފްގެފާނުގެ ޤަބުރުފުޅު ވީތަނެއް އެއްސެވުމުން އޭނާ ދެންނެވިއެވެ. [މާތްﷲ ގަންދީ ބުނަމެވެ. އަޅުގަނޑު އެތަން ދައްކާނީ ސުވަރުގޭގައި ކަލޭގެފާނުގެ އަވައްޓެރިއަކަށް ވުމުގެ ނަސީބު އަޅުގަނޑަށް ލިބޭނެކަމުގެ ޔަޤީންކަން ދެއްވުމުންނެވެ.] 

މޫސާގެފާނު އެ އަންހެން މީހާގެ ވާހަކައާމެދު ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ. ނަމަވެސް ހަމަ އެވަގުތު ވަޙީގެ ޒަރިއްޔާއިން މޫސާގެފާނަށް އެ އަންހެން މީހާ އެދުނު ކަންތައް ފުރިހަމަކޮށް ދެއްވުމަށް އެންގެވިއެވެ. މޫސާގެފާނު އެގޮތައް އަމަލު ކުރެއްވުމުން އެ އަންހެންމީހާ، އެމީހުންނާއެކު ގޮސް ކުޑަ ފެންގަނޑެއް ދެއްކިއެވެ. 

އަދި ބުންޏެވެ. [މިތަން ކޮންނާށެވެ.] ދެން އެބައިމީހުން އެތަން ކޮނުމުން އެތަނުގެ ތެރެއިން ޔޫސުފުގެފާނުގެ ގަބުރުފުޅު ފެނިއްޖެއެވެ. އެބައިމީހުން އެކަލޭގެފާނުގެ ގަބުރުފުޅު ހިފައިންގެ ހިނގައިގަތުމުން ދާންވީ މަގު ސާފުވެ ފެނިއްޖެއެވެ.] 

{الهيثمي (ت ٨٠٧)، مجمع الزوائد ١٠/١٧٣رجاله رجال الصحيحأخرجه أبو يعلى (٧٢٥٤)، وابن حبان (٧٢٣)} 

މި ޙާދިޘާއިން މާތް ރަސޫލާ صلّى اللّـه عليه وسلّم، ޞަޙާބީންނަށް ދަސްކޮށްދެއްވަން ބޭނުންފުޅުވެވަޑައިގެންނެވި ފިލާވަޅަކީ އަރަހުށި މާތްﷲ ގެ ޙަޞްރަތުން ކަމަކަށް އެދޭނަމަ އާޚިރަތުގެ މަތިވެރި ދަރަޖައަށް އެދުމެވެ. ސުވަރުގެ ލިބުމަށް އެދި ދަންނަވާނަމަ ސުވަރުގޭގެ އާދައިގެ ދަރަޖައެއް ލިބުމަށް އެދި ދެންނެވުމުގެ ބަދަލުގައި މަތީ ދަރަޖައެއް ދެއްވުން އެދުމެވެ. އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނީ، މާތްﷲ އާއި އެކަލާނގެ ރަސޫލާ ގެ ބަސްފުޅަށް އަމަލުކޮށްގެންނެވެ. އެއްވެސް ޝައްކެއްނެތި އެކަލާނގެއަށް ވަކީލުކޮށް އިތުބާރުކޮށްގެންނެވެ.

މިއަދު އޮންލައިން