އެކަނިވާހިނދު ﷲ އަށް ބިރުނުގަނެ ފާފަކުރެވޭ މީހުންނަށް އޮތް ބޮޑު ނުރައްކަލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
އެކަނިވާހިނދު ﷲ އަށް ބިރުނުގަނެ ފާފަކުރެވޭ މީހުންނަށް އޮތް ބޮޑު ނުރައްކަލުގެ ވާހަކަ-

މިދައްކަނީ ހަމަ މުސްލިމުންގެ ވާހަކައެވެ. މީސްތަކުންގެ ތެރޭގައި އުޅޭއިރު އެމީހުންގެ ޢަމަލުތައް ހުންނަ ގޮތުން ފެންނާނީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހުންގެ ގޮތުގައެވެ. ނަމަވެސް މީސްތަކުންގެ ތެރެއިން ދުރަށްގޮސް އެކަނިވެވުމުން އޭނާގެ ޢަމަލުތައް ތަފާތުވެގެންދެއެވެ.

މިހާރަށް ބަލައި ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. މީސްތަކުންގެ ތެރޭގައި އޭނާ އުޅޭއިރު އިސް ތިރިކުރެއެވެ. ބެލުން ހުއްދަ ނޫން ތަންތަން ނުބަލައެވެ. ނަމަވެސް ގެއަސް ގޮސް ކޮޓަރިއަށްވަނުމާއިއެކު ބަރަހަނާ މަންޒަރުތައް ބަލަން ފަށައެވެ. ފާޙިޝް ޢަމަލުތަކަށް އަރައިގަނެއެވެ.

މިހެން މިވަނީ މުސްލިމުންގެ ނަމުގައިއި ތިބި މީހުންގެ ތެރެއިން ވެސް މިއަދު ގިނަބައަކީ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް މިންވަރަކަށް ބިރުވެތިކަން އޮތް ބައަކަށް ނުވާތީއެވެ. އެކަން އެނގިގެންމިދަނީ އެމީހަކު އެކަނިވާހިނދުކުރާ ޢަމަލުތަކުންނެވެ. ރަސޫލް (ﷺ) އެފަދަ މީހުން ސިފަކުރައްވަވާފައިވާ ގޮތް ނިކަން ދެކިބަލާށެވެ!

ތިބާއަކީ މުސްލިމެކެވެ. ނަމާދުކޮށް ރޯދަ ހިފައެވެ. ޒަކާތް ދިނުމާއި އެހެން ފަރުޟުތައްވެސް އަދާ ކުރެއެވެ. އަދި ﷲ ތަޢާލާގެ މަގުގައި ޖިހާދު ކުރަންވެސް ހުންނަނީ ތައްޔާރަށެވެ. މިހުރިހާ ކަމެއް ކުރަމުން ވެސް ތިބާގެ އަގު ﷲ ތަޢާލާގެ ޙަޟްރަތުގައި، ވަޔަށް ބުރައިގެން މިދާ ހިރަފުހަށްވުރެ ނިކަމެތިވާން ބޭނުންވަނީ ހެއްޔެވެ؟

ރަސޫލް (ﷺ) މިކަން ބަޔާން ކުރެއްވެވުމުން އަރިއަހުގައި ތިއްބެވި ޞަހާބީން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެން އެއީ ކިހިނަކުންވާނެ ކަމެއްތޯ އާއި އެއީ ހަމަ މުސްލިމުންގެ ތެރެއިން ހިމެނޭ ބައެއްތޯ ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި ރަސޫލް (ﷺ) ހަދީޘްފުޅު ކުރެއްވެވީ އެމީހުންނަކީ ހަމަ މުސްލިމުންގެ ތެރެއިން ހިމެނޭ ބައެއް ކަމަށެވެ. އެމީހުންނަކީ ކޮން ބައެއްކަން ބަޔާންކޮށްދެއްވަވަމުން ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެމީހުންނަކީ އެމީހުން މީސްތަކުންގެ ތެރޭގައި އުޅޭއިރު މުސްލިމެއްގެ ގޮތުގައި އެކަނި އުޅެފައި އެކަނިވާހިނދު ﷲ ތައާލާއަށް ބިރު ނުގަންނަ މީހުން ކަމަށެވެ.

މިއަދުގެ ޙާލަތަށް ބަލައިފިނަމަ މީސްތަކުންގެ ތެރޭގައި އުޅޭއިރު މުސްލިމުން ކުރާ ކަންކަން ކުރުމަށްފަހު ރޭގަނޑުވުމުން ﷲ ތަޢާލާއަށް ބިރު ކަނޑާލައި ރޭގަނޑުގެ އަރާމް ހޯދާ އެތައް ބައަކު އެބަ އުޅެއެވެ. އަމިއްލަ ޤައުމުން ބޭރުވެވެވުމާއިއެކު ހިތަށް އެރިހައި ގޮތަކަށް އުޅޭ އެތައް ބައަކު އެބަ އުޅެއެވެ. އެމީހުން ޤައުމުގައި ތިބޭއިރުވެސް އެމީހުން ކުރާ ހުރިހާ ކަމެއް ބައްލަވައި ވޮޑިގެންވާ ކަލާނގެ، ހަމަ އެމީހުން ޤައުމުން ބޭރުގައި ކުރާ ކަންކަން ބައްލަވައިވޮޑިގެން ނުވާކަމަށް ޤަބޫލުކުރަނީ ހެއްޔެވެ؟ އަދި އަމިއްލަ ޤައުމުގައިވެސް ރޭގަނޑު ވަލު ދޮރުން ސިއްރިޔާތުގައި ނައިޓް ކްލަބްތަކަށް ވަދެ ކުރާ ކަންކަން ﷲ ތަޢާލާއަށް ސިއްރުކުރެވޭ ކަމަށް ހީކުރަނީ ހެއްޔެވެ؟ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ސިއްރުން ޒިނޭކުރާއިރު އެކަން ﷲ ތަޢާލާއަށް ސިއްރުކުރެވޭ ކަމަށް ހީކުރަނީ ހެއްޔެވެ؟

މީސްތަކުންނޭވެ! މިފަދަ ކޮންމެ ކަމެއް ކުރި ނަމަވެސް އެކަމުން އެނގިގެންދަނީ ހަމަ އެއް ކަމެކެވެ. ތިބާ އެކަނިވާހިނދު، ތިބާގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ބިރުވެތިކަމެއް ނެތް ކަމެވެ. އެހާލަތުގައި ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ތިބާގެ އަގު، ވަޔަށް ބުރައިގެންދާ ހިރަފުހަށްވުރެ ދަށްވެގެންދެއެވެ!

މީސްތަކުންނޭވެ! ﷲ ތަޢާލާއަށް ބިރުވެތިވާން ޖެހޭނީ މީސްތަކުންގެ ކުރިމަތީގައި ނުވަތަ ތިމާ ދަންނަ ބައެއްގެ ކުރިމަތީގައި ހުންނައިރު އެކަންޏެއް ނޫނެވެ! ތިބާވީ ކޮންމެ ތަނެއްގައިވެސް ހުންނައިރުއެވެ. ނޫން ނަމަ ތިބާގެ ކިބައިގައި އޮތީ ކޮން އީމާން ކަމެއް ހެއްޔެވެ؟ ﷲ ތަޢާލާއަށް ދެއްކޭނީ ކޮން މޫނެއް ހެއްޔެވެ؟

--ޝައިޚް ޝާދީ އަލްސުލެއިމާންގެ ދަރުސަކުން

މިއަދު އޮންލައިން