ކެންސަރު ޖެހުން މިހާބޮޑަށް އިތުރުވަމުން އަންނައިރު ކެންސަރު ޖެހެން މަގުފަހިކުރާ މީހުންނަށް ފިޔަވަޅު ނާޅަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކެންސަރު ޖެހުން މިހާބޮޑަށް އިތުރުވަމުން އަންނައިރު ކެންސަރު ޖެހެން މަގުފަހިކުރާ މީހުންނަށް ފިޔަވަޅު ނާޅަނީ ކީއްވެ؟

ރާއްޖޭގައި ކެންސަރު ޖެހުން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އެހެންކަމަށްވާއިރު ކެންސަރުޖެހުމަށް މަގުފަހިވާކަންކަން މަގުމަތީގައާއި ޢާންމު ތަންތަނުގައި ކުރުމުން އެއްވެސް އަދަބެއް ނުދެނީ އަދި އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނުއަޅަނީ ކީއްވެގެންކަމާއިމެދު ސުވާލުއުފެދެއެވެ.

މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ޢާންމުތަންތަނުގައާއި މަގުމަތީގައި ތިބެގެން ދުންފަތުގެ އިސްތިޢްމާލްކުރުމެވެ. ހިނގާ މީހުންގެ މޫނަށް ދުންތައް ފޮނުވުމެވެ.

ސީޝާބޯ ތަންތަނަށް ވަންނަ ކިތަންމެ ގިނަބައކަށް ކެންސަރުޖެހުމަކީ މައްސަލައެއް ނޫންކަމަށް ބެލިދާނެއެވެ. އެމީހުން އެތަންތަނަށްވަންނަނީ ކެންސަރު ޖެހުމަކީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭތީއެވެ. ނަމަވެސް މަގުތައް މައްޗަށް ނުނުކުމެ މީހުންނަކަށް ނުއުޅެވޭނެއެވެ. އެހެންކަމަށްވާއިރު މަގުތައް ޙިމާޔަތްކުރެވެން ނުޖެހެންވީ ކީއްވެގެންތޯއެވެ؟

މަގުމަތީގައި މީހުން ހިނގަނީ ކެންސަރުޖެހެން ބޭނުންވެގެނެއް ނޫނެވެ. މަގުމައްޗަށް ނުނުކުމެ ދިރިއުޅެވޭނެ ގޮތެއް ނެތުމުންނެވެ. މަގުތަކަށް ނުކުތުމުން ޝީޝާ ހާލިތަކުގައި ދުންބުރުވާފަދައިން ހިނގާ މީހުންގެ މޫނަށް ދުންބުރުވުމަކީ އަވަށްޓެރި ޤައުމުތަކުގައި މަނާކަމަކަށްވެފައި އެކަން ކުރުމުން އަދަބުދޭ ކަމެއް ނަމަވެސް ރާއްޖޭގައި ހަމަ ކުރުން ހުއްދަކަމެކެވެ. އެކަންވެފައި އޮންނަނީ ގަޓްހުރި މީހުން ކުރާކަމަކަށެވެ.

މަގުމަތީގައި ހިނގާ މީހުންގެ މޫނަށް ދުންބުރުވަން ސަރުކާރުން ހިތްވަރުދީފައިވާއިރު ކެންސަރު ޖެހުމުން ބޭސްކޮށެއް ނުދެވެއެވެ. އާދޭސްކޮށް ސަލާންޖަހައިގެންވެސް ލިބެނީ ކުރަންޖެހޭ ޚަރަދުން ކުޑަކުޑަ މިންވަރެކެވެ. އަނެއްބައި ހޯދަންޖެހެނީ ހަމަ ނާށިގަނޑުހިފައިގެން ހިނގައި ސަލާންޖަހައިގެންނެވެ.

ޑަބްލިޔޫއެޗްއޯގެ ރިޕޯޓްތަކުން އެނގޭގޮތުގައި ދުންފަތުގެ އިސްތިޢްމާލުކުރާ މީހާއަށްވުރެ ކެންސަރުޖެހުމުގެ ފުރުޞަތު ބޮޑީ އޭނާ ފޮނުވާދުން ފޯރާ މީހުންނަށެވެ! މިކަންކަން އެޗްޕީއޭއަށް ރަނގަޅަށް އެނގޭއިރުވެސް އަބަދުވެސް ދައްކަނީ ކޮންމެވެސް ބަހަނާއެކެވެ. ޢާންމު ޞީއްހަތު ރައްކައުތެރިކުރުވޭނެ ގޮތަކަށް ކަންކަމެއް ނުކުރެވެއެވެ. މިއީ މިއަދު ހަމަ ކޮންމެ މީހަކުވެސް ކަންބޮޑުވާންޖެހިފައިވާ ކަންކަމެވެ.

 

މިއަދު އޮންލައިން