"ކައިވެނީގެ އަހުދު އުވާލައި ބޮޑެތި ފާފަތައް ކުރުމަށްފަހު ބައިވެރިޔާ ކުށްވެރިކުރުމަކީ އިބިލީސް ﷲ ތައާލާ ކުށްވެރިކުރުން ފަދަ ކަމެއްކަމަށާއި ބިރުވެތިވުމަށް" ބަހެއް ބުނާނަމަ ފުރަތަމަ ބަލައިލަންވީ ކައިވެނީގެ ޢަހްދު އުވާލުމަކީ ކޮބައިތޯއެވެ؟
ކައިވެނީގެ އަހުދުތައް ކައިވެނީގެ ޚުޠުބާގައި އެކިޔައިދެނީއެވެ. އެއިގެ ތެރެއިންވެސް އެންމެ މުހިންމު އެއްކަމަކީ ދެމަފިރިންވެސް އެކަކު އަނެކަކަށް ވަފާތެރިވުމެވެ. ވީމާ ބޭވަފާތެރިވެއްޖެނަމަ އެކުރެވޭކަމަކީ ވަފާތެރިވުމަށްވީ ޢަހުދު އުވާލުމެވެ.
ދެން ބަލައިލަންވީ " ބޮޑެތި ފާފަތައް ކުރުމަށްފަހު ބައިވެރިޔާ ކުށްވެރިކުރުމަކީ އިބިލީސް ﷲ ތައާލާ ކުށްވެރިކުރުން ފަދަ ކަމެއް" ކަމަށް މިބުނީ ކީއްވެގެންތޯއެވެ. ކީރިތި ޤުރްއާނަށް ބަލާށެވެ! ﷲ ތަޢާލާ އާދަމްގެފާނަށް ސަޖިދަކުރައްވަން އެންގެވުމުން އިބިލީސް އެކަން ނުކުރީއެވެ. ނުކިޔަމަންތެރިވުމުން ﷲ ތަޢާލާ އިބިލީހަށް ލަޢްނަތްލެއްވެވުމުން އިބިލީސް ކުށްވެރިކުރީ ﷲ ތަޢާލާއެވެ. އިބިލީސް މަސައްކަތްކުރީ އެއީ އޭނާ ކުރިކުށެއް ނޫން ކަމަށާއި ﷲ ތަޢާލާ މިންވަރުކުރެއްވެވި ކަމެއްކަން ބަޔާން ކުރުމަށެވެ.
ދެންބަލައިލަންވީ ދެމަފިރިން އެކަކު އަނެކަކަށް ބޭވަފާތެރިވުމަށްފަހު ބުނާ ބަހަށެވެ. ގިނަ ފަހަރު ތިމާއަށް ކުރެވުނީ ކުށެއްކަމަށް ނުވަތަ ކުށެއް ކުރެވުނުކަން ޤަބޫލެއް ނުކުރެއެވެ. ކުށެއް ކުރެވުނުކަން ޤަބޫލުކުރުމަށްފަހުގައިވެސް މިބުނަނީ އެކުށް ކުރެވުނީ ބައިވެރިޔާ މިވެނި އެވެނި ކަމެއް ކުރީތީ ކަމަށެވެ. މިއީ ބުނެވިގެންވާނެ ބަހެއް ނޫނެވެ.
ބައިވެރިޔާ ކުރާ ކަމަކުން އެކުގައި އުޅެވެން ނެތްކަމަށް ޤަބޫލުކުރެވިއްޖެނަމަ އޮތީ ވަރިކުރުމެވެ. ނުވަތަ ވަރިވުމެވެ. އިސްލާމް ދީނުގައި އޮތީ ވަރިކުރުމާއި ވަރިވުން ހުއްދަ ކުރައްވަވައިފައެވެ. އެހެން ނަމަވެސް ބައިވެރިޔާ ނުބައި ކަމެއް ކުރުމުން އެއްވެސް ފާފައެއް ކުރަން ހުއްދައެއް ނުކުރައްވަވަތެވެ. ބައިވެރިޔާ ކިތަންމެ ބޮޑު ނުބައިކަމެއް ކުރިނަމަވެސް ތިމާ ފާފައެއްކޮށްފިނަމަ ފާފަވެރިވާނީ ބައިވެރިޔާއެއް ނޫނެވެ. ފާފަކުރި މީހެކެވެ.
ބިރުވެތިވާން މިބުނަނީ އެހެންވެގެންނެވެ. ބައިވެރިޔާ ކުރި ނުބައި ޢަމަލަކަށް ބަދަލުހިފަން ނަމަވެސް ތިމާ ފާފައެއް ކޮށްފިނަމަ ފާފަވެރިވާނީ ތިމާ ކަމުގައިވާތީއެވެ. އެމީހަކު ކުރި ފާފައެއްގެ ޒިންމާ އުފުލަންޖެހޭނީ އެމީހަކަށެވެ. އެހެން މީހަކަށް ނޫނެވެ.
ދެން މިބުނެލަނީ މިފަދަ ޙާލަތްތަކުގައި ޝައިޠޯނާ އަދާކުރާ ނުބައި ދައުރުގެ ވާހަކައެވެ. ބުނާނެއެވެ. ވަސްވާސްދޭނެއެވެ. ކަލޭގެ ފިރިމީހާ ނުވަތަ އަނބިމީހާ މިވެނި މީހަކާއިއެކު މިވެނި ކަމެއް ކޮށްފިއެވެ. މިވެނި މީހަކާއިއެކު ގުޅުން ހިންގައިފިއެވެ. ބަދަލު ހިފަން ނުކެރި ފިނޑިވެފައި ތިއަ ހުންނަނީ ކީއްވެގެން ހެއްޔެވެ؟ ކަލޭދެކެ ލޯބިވާ މީހުން ބައިވަރެވެ. މިވެނި މީހަކީ ކިހައި ރީތި ، ރަނގަޅު މީހެއް ހެއްޔެވެ؟ އަޅެ ނިކަން އޭނާއަށް ގުޅައިލަބަލާށެވެ. ގުޅައިލުމަކީ ފާފައެއްވެސް ނޫނެއް ނޫންހެއްޔެވެ؟
ފުރަތަމަ ވަސްވާސްދޭނީ ގުޅައިލުމަށެވެ. އޭނާއާއިއެކު ފާފައެއް ކުރުމަކަށް ނޫނެވެ. ޝައިޠޯނާގެ ބަހަށް ހެއްލި ގުޅާލައިފިނަމަ އެހިސާބުން މަޑުމަޑުން ލަވަމުން ލަވަމުން ގެންގޮސް ފާތަކަށް މަގުފަހިކުރުވައި ފާފަކުރުވާނެއެވެ.
އަނެއްކާވެސް ބުނަން އޮތީ ހަމަ ބިރުވެތިވާށެވެ! ޝައިޠޯނާއަކީ އެންމެހައި އިންސާނުންގެ އެންމެ ބޮޑު ޢަދުއްވުކަން ޤުރްއާނުން އެނގެން އެބައޮތެވެ. އަހަރެމެން އެންމެން ނަރަކައަށް ވައްދުވަން ކުރެވެން އޮތްހައި މަސައްކަތެއް ކުރުވާނެކަންވެސް އެނގެން އެބައޮތެވެ. ވީމާ އަހަރެމެންނަށް އޮތީ ﷲ ތަޢާލާއަށް ބިރުވެތިވެ އެއްވެސް ފާފައަކަށް އަރައި ނުގަނެ ހުންނަން މަސައްކަތްކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން