އެހެން މީހުންނަށް ނުބައިބަސް ބުނުމަކީ އެކަމުގެ ސަބަބުން ﷲ ގެ ކޯފާ ލިބި، އެކަމުގެ ގެއްލުން އަމިއްލަ ދަރިންނަށް ފޯރާކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
އެހެން މީހުންނަށް ނުބައިބަސް ބުނުމަކީ އެކަމުގެ ސަބަބުން ﷲ ގެ ކޯފާ ލިބި، އެކަމުގެ ގެއްލުން އަމިއްލަ ދަރިންނަށް ފޯރާކަމެއް!

ބަސްބުނެ އުޅޭ ގޮތާއި ކުރާ އަޅުކަމާއިހުރި ގުޅުން އުނގޭހެއްޔެވެ؟ ތިބާ މީސްތަކުންނާއި މުޢާމަލާތުކުރާ ގޮތް ތިބާ ކުރާ ހެޔޮ ޢަމަލުތަކާއި ގުޅިފައިވާ މިންވަރު އެނގޭހެއްޔެވެ؟ ތިބާ ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވުމުގައި، ތިބާ ﷲ ތަޢާލާގެ އަޅުންނާއި (އެހެންމީހުންނާއި) ވާހަކަދައްކައި އުޅޭ ރިވެތިކަން މުހިންމު ދައުރެއް އަދާކުރެއެވެ. އެދެކަންތައް ވަނީ ގުޅި ލާމެހިފައެވެ.

ނިކަން ވިސްނައިލަބަލާށެވެ! އެއްދުވަހަކު ޞަޙާބީއަކު އޭނާގެ އަޅަކަށް ނުބައި ބަސްތައް ވިދާޅުވެ އިހާނެތި ގޮތަކަށް ކަންތައް ކުރައްވަވަމުން ގެންދަވަނިކޮށް އޭނާގެ ކޮނޑުގައި ރަސޫލް އަތްޕުޅުން ޖައްސަވައިލެއްވެވުމުން އެޞަޙާބީ ދިއައީ ސިއްސައިގެންނެވެ. އެއީ އޭނާއަށް ކުރެއްވެވުނު ނުބައި ޢަމަލުތައް ރަސޫލް އަށް ފެނިވަޑައިގަތީތީއެވެ.

އެހިނދު ރަސޫލް ޙަދީޘްފުޅުކުރެއްވެވީ ކީކޭކަމަށް ހެއްޔެވެ؟ "މިއަޅު މީހާގެ މައްޗަށް ތިބާއަށް ލިބިފައިވާ ބާރަށްވުރެ މާބޮޑު ބާރު ތިބާގެ މައްޗަށް ﷲ ތަޢާލާއަށް ލިބިވޮޑިގެންވެއެވެ." މިބަސްފުޅަކީ އެ ޞަހާބީ އެވިދާޅުވި ބަސްފުޅުތަކުގެ ސަބަބުން ﷲ ތަޢާލާގެ ރުހިވޮޑިނުގަތުން އެޞަޙާބީއަށް ލިބިވަޑައިގެންފާނެ ކަމުގެ ވަރަށް ވަރުގަދަ އިންޒާރެކެވެ.

އެނގޭހެއްޔެވެ؟ ކުރެއްވެވުނު ކުށް ވިސްނިވަޑައިގަތުމުން ﷲ ތަޢާލާއަށް ބިރުވެތިވެވަޑައިގެން ﷲ ތަޢާލާއަށްޓަކައި އެއަޅުކަލޭގެ ވަޤުތުން މިނިވަން ކުރެއްވެވިއެވެ.

ތިބާއަށް ބާރު ލިބިފައިވުމުން އެހެން މީހުންނަށް ނުބައިބަސްތައް ބުނަނީއެވެ. ބާރު ލިބިފައިނުވިނަމަވެސް ޢާއިލާގެ މީހުންނަށްވެސް ނުބައި ބަސްތައް ބުނަނީއެވެ. ނިކަން ވިސްނައިލަބަލާށެވެ! ތިބާ އާއި ދިމާއަށް ނުވަތަ ތިބާގެ ދަރިންނާއި ދިމާއަށް އެހެންމީހަކު އެފަދަ ނުބައިބަސްތައް ބުނަނީއެވެ. ހިތަށް އަސަރެއް ނުކުރާނެ ހެއްޔެވެ؟ 

އަދިވެސް ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ތިބާއަކީ އެހެންމީހުންނަށް ރިވެތި ގޮތުގައި މުޢާމަލާތުކުރާ މީހަކުނަމަ އެހެން މީހުން އެކަން ފާހަގަކުރާނެއެވެ. ތިބާގެ ދަރިންނާއި ބައްދަލުވުމުން އެކުދިންނަށް ހެޔޮކޮށް ހިތައި ރިވެތިގޮތުގައި މުޢާމަލާތުކުރާނެއެވެ. އެއީ ތިބާގެ ކިބައިގައި ހުރި އެސިފަތަކުގެ ސަބަބުންނެވެ. އެމީހުން ތިބާދެކެ ލޯބިވާތީއެވެ. 

ހަމައެފަދައިން ތިބާއަކީ މީސްތަކުންނަށް ނުބައި ބަސްތައް ބުނާ މީހަކު ނަމަ އެއީ އިންޞާފުކަމުގައި ނުވިނަމަވެސް ތިބާ ދެކެ އަންނަ ރުޅި ތިބާގެ ދަރިންނަށް ބާލާނެއެވެ. އެކުދިންނަށްވެސް ނަފްރަތުކުރާނެއެވެ. އެއީ ޠަބީޢީ ކަމެކެވެ. 

ނިކަން ވިސްނައިލަބަލާށެވެ! މީސްތަކުންނަށް ނުބައި ބަސްތައް ބުނެއުޅޭ މީހަކު މަރުވިކަމުގެ ޚަބަރުލިބުމުން ފުރަތަމަވެސް އެކަމަށްޓަކައި މީސްތަކުން އެބަ އުފާކުރެއެވެ. އެއީ އޭނާގެ ދުލުގެ ނުބައިކަމުން ސަލާމަތްވެވުނީތީއެވެ. މިޙާލަތަށް ދާން ބޭނުންވާނީ ކާކުހެއްޔެވެ؟ 

ކޮންމެއަކަސް ކިތަންމެ ނުބައިކޮށް އުޅުނު މީހަކު މަރުވިނަމަވެސް އެފަދަ ކަމެއް ނުކުރާށެވެ. އޭނާއަށްޓަކައި އިންނާލިﷲ ކިޔައި ހެޔޮދުޢާކުރާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ. 

މީސްތަކުންނޭވެ! މިހުރިހާ ވާހަކަތަކެއް މިދެއްކީ ދޫ ރައްކަތެރިކުރުމުގެ މުހިންކަން ބޮޑުކަން ފައުޅުކުރުމަށެވެ. ހެޔޮ ރިވެތި ބަސްތައް ނޫނީ ނުބުނާށެވެ. އެކަމުގެ ސަބަބުން ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ. ބަޔާން މިކުރީ ކުޑަމިންވަރެކެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން