މިސްކިތަށް އަރަންވުމުން ފަޓުލޫނުގެ ފައިކުރި އޮޅައިލާ ބައަކު އުޅެއެވެ. ސުވާލަކީ އޮޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެކަންކުރަނީ ވަކި ހިސާބެއް ހާމަކުރުމުގެ ބޭނުމުގައިނަމަ ފަޓުލޫނު އެހަމައެއްގައި ބަހައިޓެން ކުރިންސުރެ އުޅުނު ނަމަ އޮޅާކަށް ނުޖެހޭނެއެވެ.
ހަމައެފަދައިން އަތްދިގުގަމީސް ލައިގެން ތިބޭ މީހުން ނަމާދުކުރަންވުމުން އަތް އޮޅުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ކުރިން އޮޅައިގެންހުރިނަމަވެސް ނަމާދުކުރަންވުމުން އޮތީ ދިގުކޮށްލުމެވެ.
އަތްދިގު ގަމީހުގެ އަތުކުރި އޮޅައިގެން ހުރެ ނަމާދުކުރުމުގެ ޙުކުމަކީ ކޮބައިތޯ؟ އަޅުގަނޑަށް އެނގިފައި އޮތް ގޮތަށް ނަމަ، އަތް ދިގު ގަމީހެއް ނަމަ، ސަޖިދައިގައި އޮންނައިރު، ގަމީހުގެ އަތުކުރި ބިންމަތީ ނުޖެހޭ ގޮތަށް އޮޅައިގެން ހުރުމަކީ ހުއްދަ ގޮތެއް ނޫނެވެ.
މިސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވި ޖަވާބު:
الحمد لله, والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
ފިރިހެނުން ނަމާދުކުރާއިރު ހެދުން ނުއޮޅުމަށާއި، އިސްތަށިގަނޑު ގޮށްޖަހާފައި ނުބެހެއްޓުމަށް، ކީރިތި ރަސޫލާ (ﷺ) އަމުރުފުޅު ކުރައްވަވާފައިވެއެވެ. ޙަދީޘް ކުރެއްވެވިއެވެ. "ހަތް ގުނަވަން މަތީގައި ސަޖިދަ ކުރުމަށް ތިމަން ކަލޭގެފާނަށް އަމުރުވެވިގެންވެއެވެ. އަދި ހެދުން ނުއޮޅުމަށާއި އިސްތަށިގަނޑު ގޮށް ނުޖެހުމަށެވެ."
މިޙަދީޘުން ދޭހަވާ ގޮތުގައި ގަމީހުގެ އަތުކުރީގެ އިތުރުން ފަޓުލޫނުގެ ފައިކުރިވެސް އޮޅައިގެން ނުވާނެއެވެ. އެހެން ނަމަވެސް ފިރިހެނަކު ފައިކުރި ތަނބިކަށްޓަށްވުރެ ތިރީގައި ބަހައްޓައިގެން ނަމާދުކޮށްފިނަމަ ނަމާދު ޞައްޙަ ނުވުން ގާތެވެ. އަތުކުރި އޮޅައިގެން ނުވަތަ ފައިކުރި އޮޅައިގެން ނަމާދުކުރުމަކުން ނަމާދު ބާޠިލެއް ނުވާނެއެވެ. އެހެން ނަމަވެސް މަކްރޫހަ ވާނެއެވެ. މާނައަކީ ނަމާދުން ލިބެންވާ ފުރިހަމަ ސަވާބު އެމީހަކަށް ނުލިބޭނެއެވެ.
والله أعلم
(މިއީ ގިނަބައަކަށް ނުއެނގޭތީ ނަމަވެސް ތަކުރާރުވަމުންދާ ކަމަކަށްވާތީ މިއަދުނޫހުގައި މިގެންދަނީ މިކަން ހަނދާންކޮށްދެމުންނެވެ. ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ބަސްފުޅެއްވެސް (ހަމަ މިމޭރުމުން) ވާނީ ޝާއިޢްކުރެވިފައެވެ. ތަކުރާރުކުރަން ޖެހެނީ މިކަމަށް ގިނަ ބައަކު އަދިވެސް ސަމާލުކަން ނުދީ ގަމީހާއި ފަތުލޫނުގެ ފައިކުރި އޮޅައިގެން ނަމާދުކުރާތީއެވެ. އެގޮތަށް ނަމާދުކުރުން، ސަވާބުން ބައެއް ގެއްލިގެންދާތީ އެކަން މީސްތަކުންގެ ސަމާލުކަމަށް ގެނައުމަށެވެ.)