މިދަތިހާލުގައި ހުންނަންވީ ކިހައި ދުވަހަކުތޯ؟ މިހިތްދަތިކަމުގައި ޢުމުރަށް ހުންނަންވީތޯ؟- 2 ސުވާލުގެ ޖަވާބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
މިދަތިހާލުގައި ހުންނަންވީ ކިހައި ދުވަހަކުތޯ؟ މިހިތްދަތިކަމުގައި ޢުމުރަށް ހުންނަންވީތޯ؟- 2 ސުވާލުގެ ޖަވާބު-

ވަރަށް ގިނައިން ކުރިމަތިވާ ސުވާލެކެވެ! މިދަތިހާލުގައި ހުންނަންވީ ކިހައި ދުވަހަކު ހެއްޔެވެ؟ މިހިތްދަތިކަމުގައި ޢުމުރަށް ހުންނަންވީހެއްޔެވެ؟ 

މިދެ ސުވާލުގައި މިވަނީ ތަފާތު ދެކަމެކެވެ. ފުރަތަމަ އެއޮތީ ދަތިޙާލުގެ ވާހަކައެވެ. ދަތިޙާލަށް ކެތްތެރިވާންވީ އެކަން ދެމިއޮތްހައި ދުވަހަކަށެވެ. ﷲ ތަޢާލާ އެކަން ފިއްލަވައިދެއްވަވަންދެންނެވެ. އެހެނީ ތިބާއަށް މަސައްކަތް ކުރެވޭނީއެވެ. ދަތިޙާލުން ސަލާމަތްކޮށްދެއްވެވޭނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. 

ވީމާ ބުނަން އޮތީ ޢުމުރު ދުވަހު ކެތްކުރަންޖެހުނަސް ކެތްތެރިވާށެވެ. ކެތްތެރިންނަށް އޮތް ޖަޒާ ޤުރްއާނުގެ އެތައް އާޔަތެއްގައިވެއެވެ. ހަމައެކަނި މިއާޔަތުންވެސް ފުދެއެވެ. 

قُلْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا فِي هَٰذِهِ الدُّنْيَا حَسَنَةٌ ۗ وَأَرْضُ اللَّهِ وَاسِعَةٌ ۗ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ 

"ކަލޭގެފާނު ވިދާޅުވާށެވެ! އޭ އީމާންވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި ﷲ ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ޙިސާބެއްނެތިއެވެ." (އައްޒުމަރު: 10) 

ދެން އޮތީ ދެވަނަ ސުވާލެވެ. މިހިތްދަތިކަމުގައި ޢުމުރަށް ހުންނަންވީހެއްޔެވެ؟ މިސުވާލު ގިނައިން ކުރިމަތިވަނީ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހި ހިތްދަތިޙާލުގައި ދުވަސްތައް ވޭތިކުރަންޖެހުމުންނެވެ. ވީމާ މިއީ ކުރިން ބުނި ޙާލަތާއި މުޅިން ތަފާތު ޙާލަތެކެވެ. މީހެއްގެ ކިބައިން ލިބެމުންދާ އަނިޔާއެކެވެ. 

އެހާލަތުގައި ފުރަތަމަ އޮތީ އަނެކާއަށް ވިސްނައިދީގެން ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރުމެވެ. އެގޮތުން މަގެއް ނުފެނިއްޖެނަމަ އަނިޔާލިބިލިބި އިނުމެއް ނުވަތަ ހުރުމެއް ނެތެވެ. އުފާވެރިކަން ލިބޭނެ މަގެއް އިޚްތިޔާރު ކުރުމަކީ ކެތްތެރިނުވުމެއް ނޫނެވެ. އިސްލާމް ދީނުގައި އެކަން ވަނީ ހުއްދަ ކުރައްވަވައިފައެވެ. 

އެހެނަސް ފިޔަވަޅު އަޅަންވާނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. ތިމާ މިއަޅާ ފިޔަވަޅަކީ މިހާރު ކުރަންޖެހިފައިވާ ހިތާމަތަކުން ސަލާމަތްވެވި އުފާވެރިކަން ލިބޭނެ ފިޔަވަޅެއްކަން ކަށަވަރުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަންވާނެއެވެ. ނޫންނަމަ ކުރިމަތިވާ ޙާލަތަކީ މާހިތާމަވެރި ޙާލަތަކަށްވެސް ވެދާނެތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން