ދުނިޔޭގައި އިންސާނުން ލެއްވެވި ފަދައިން އިންސާނުންނަށް އެކި ގޮތްގޮތުން ގެއްލުންދޭނެ އެތައް އެއްޗެއްވެސް ﷲ ތަޢާލާ ވަނީ ލައްވަވައިފައެވެ. އެންމެ ބޮޑަށް ގެއްލުންދޭނީ ޝައިޠޯނުންނެވެ. ހަމައެއާއިއެކު އެފަދަ ހުރިހާ އެއްޗެއްގެ ނުބައިކަމުން ސަލާމަތްވެވޭނެ މަގުތައްވެސް ﷲ ތަޢާލާ ވަނީ ދައްކަވައިފައެވެ.
ދެއިރު އާޔަތުލްކުރުސި އާއި ކީރިތި ޤުރްއާނުގެ އެންމެ ފަހު 3 ސޫރަތް 3 ފަހަރު ކިޔެވުމުގެ އިތުރުން ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެއިގެ އިތުރުން މިދިޢާވެސް ކުރަމުންގެންދާށެވެ.
بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ
އީމާންކަންމަތީގައި ޘާބިތުވެ ހުރެ ކޮންމެ ދުވަހަކު މިދުޢާކުރަމުން ގެންދާ މީހާއަށް ކުރިމަތިވާ އެންމެހައި ނުރައްކަލަކުން ސަލާމަތްކުރައްވަވައި ދެއްވަވާނެތެވެ. އިންޝާ ﷲ އަބަދުވެސް ބުނާފަދައިން މިފަދަ ދުޢާތައް އެންމެންނަށްވެސް އެނގެއެވެ. ނުކުރެވެނީއެވެ. ވީމާ އަހުރެން މިކުރާ ކަމަކީ ދުޢާކުރަން ހަނދުމަކޮށްދިނުމެވެ. ރައްކައުތެރިކަން އެދޭ މީހާއަށް އޮތީ ދުޢާކުރުމެވެ.
ތިބާއަށް ރައްކައުތެރިކަން ދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ. ވީމާ މީސްމީހުންގެ ގާތަށްގޮސް ރައްކައުތެރިކަން ނުއުޅޭށެވެ. އެއީ އެމީހުންނަށް ކޮށްދެވޭނެ ކަމެއް ނޫނެވެ. އެހެންމީހުންނަށް ކަމެއް ކޮށްދެވޭނީ ފުރަތަމަ އެމީހުންނަށް ބޭނުންވާ ރައްކައުތެރިކަން އެމީހުންނަށް އަމިއްލައަށް ހޯދޭނެނަމަ ނޫންހެއްޔެވެ؟ އެމީހުންވެސް ރައްކައުތެރިކަމަށް އެދެންޖެހޭނީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ރައްކައުތެރިކަން އެމީހުންނަށްވެސް ލިބޭނީ ﷲ ތަޢާލާ ދެއްވެވި ނަމައެވެ.
- މުފްތީ މެންކުގެ ދަރުސަކުން