ދެމީހުންނަށް އެކުގަ ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތިއްޖެނަމަ އޯގާތެރިކަމާއިއެކު ކައިވެނި ރޫޅާލުމަކީ މައްސަލައެއް ކަމަށް ދެކެގެން ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ދެމީހުންނަށް އެކުގަ ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތިއްޖެނަމަ އޯގާތެރިކަމާއިއެކު ކައިވެނި ރޫޅާލުމަކީ މައްސަލައެއް ކަމަށް ދެކެގެން ނުވާނެ!: މުފްތީ މެންކް

ދެމަފިރިން އެކުގައި ދިރިއުޅެން މަސައްކަތްކުރަމުންގޮސް އެކުގައި ދިރިނުއުޅެވޭ ޙާލަތަށް ހިނގައްޖެނަމަ އޮތީ ވަރުވުމެވެ. ވަރިކުރުމެވެ. އެހާލަތުގައި އެއީ ލަދުގަންނަންޖެހޭ އަދި ކަންބޮޑުވާންޖެހޭ ކަމެއްވެސް ނޫނެވެ. ޞަޙާބީންގެތެރެއިންވެސް އެތައް ބޭކަލެއް ވަރިކުރެއްވެވިއެވެ. އަދި އަހަރެންގެ ޙަޔާތުގައިވެސް ވަނީ ވަރިކުރެވިފައެވެ. ވީމާ ވަރިއާއިމެދު ނުބައިކޮށް ނުވިސްނާށެވެ!

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ދެމަފިރިން އެކުގައި އުޅުމަށެވެ. ރިވެތިގޮތުގައި އެކުގައި ނުއުޅެވިއްޖެނަމަ ރިވެތިގޮތުގައި ވަރިކުރުމަށެވެ. ވީމާ ވަރިކުރަންވާނީ ރިވެތިގޮތުގައެވެ. ރުޅިވެރިކަމެއް އަނިޔާވެރިކަމެއް އިސްނުކޮށެވެ.

"ކަލޭ ދިރިއުޅުނަކަ ނުދޭނަން. ކަލެއަށް މަގޭ ހުރި ނުބައިކަން ދައްކައިލާނަން! ހިތިރަހަ ލައްވާލާނަން! ނިކަމެތިކޮށްލާނަން! ޙާލުގަ ޖައްސާނަން! އެހެން މީހަކާ ކައިވެނިކުރިއަކަވެސް ނުދޭނަން!" ފަދަ ހުތުރުބަސްތައް ނުބުނާށެވެ! މިފަދަ ބަސްތައް ބުނެ ނުބައި ޢަމަލުތައްކުރާ މީހުން އެކަމުގެ ރަހަ ދެކޭނެއެވެ.

ތިބާ ބުނާ ނުބައި ބަސްތައް ވަނީ ހަމަ ތިބާއަށެވެ. ތިބާކުރާ ނުބައި ކަންކަން ވެސް ވަނީ ހަމަ ތިބާއަށެވެ. ތިބާގެ ނުބައިކަމުން ގެއްލުން ތިބޭނީ ހަމަ ތިބާއަށެވެ! ﷲ ތަޢާލާގެ ރުހިވޮޑިނުގަތުންވެސް ލިބޭނީ ހަމަ އެމީހަކަށެވެ. އަނެކާއަށް އެކަމުން ކުރާނެ އެއްވެސް އަސަރެއް ނެތެވެ. އަނެކާއަށް ލިބޭނީ އިތުރު މޮޅުތަކެވެ. އެހެނީ އަނިޔާ ލިބޭ މީހާގެ ދުޢާއަށް އެއްވެސް ހުރަހެއް ނެތެވެ.

ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ކައިވެނި ރޫޅިއްޖެނަމަ އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ޢަމަލެއް ނުކޮށް އީމާންކަމުގައި ސާބިތުވުމެވެ.

ވަރިކުރުމަށްފަހު ނުވަތަ ވަރިވުމަށްފަހު އެކަކު އަނެކަކަށް ހެޔޮކޮށްހިތުން އިތުރުކުރާށެވެ! ދެމީހުން އެކުގައި އުޅުނުއިރު އެކަން ނުކުރެވުނުކަމަށްޓަކައި ދެމީހުން ދުރުވުމުން އެކަންކުރާށެވެ! ކައިވެނި ރޫޅުމަކީ އެއްވެސް ޙާލެއްގައި ދެމީހުންނަކީ ދެ ހަތުރުންނަށްވާންޖެހެންވީ ސަބަބެއް ނޫނެވެ.

ކޮންމެ ދެމީހަކުވެސް ކައިވެނިކުރަނީ ޢުމުރު ދުވަހު އެކުގައި އުޅުމުގެ މަތިވެރި ނިޔަތުގައެވެ. ނަމަވެސް މައްސަލަތައް ކުރިމަތިވެ އެކުގައި ދިރިނުއުޅެވޭ ޙާލަތަށް ކަންކަން ދެއެވެ. އެއީ އަބަދުވެސް މެދުވެރިވާނެ ކަމެކެވެ. ބައެއްފަހަރު އެއީ ވަކިމީހަކު ނުބައިވެގެނެއްވެސް ނޫނެވެ. ދެ މީހަކަށްވުމުން ޚިޔާލުތަފާތުވެ ދެމީހުންނަށް އެކުގައި ދިރިނުއުޅެވޭ ޙާލަތަށްދަނީއެވެ. ވީމާ އެންމެ މުހިންމު ކަމަކީ އެކުގައި ނުއުޅެވޭނަމަ ރިވެތި ގޮތުގައި ދެމީހުން ވަކިވުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން