ގެއަށް ހިލޭ ފިރިހެނުން ގެނެސް އަނބިން ލައްވައި އެމީހުންނަށް ޚިދުމަތްކުރުވުމުން ނުކުންނަ މައްސަލަތަކުގެ ޒިންމާ އުފުލަންޖެހޭނީ ފިރިމީހާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ގެއަށް ހިލޭ ފިރިހެނުން ގެނެސް އަނބިން ލައްވައި އެމީހުންނަށް ޚިދުމަތްކުރުވުމުން ނުކުންނަ މައްސަލަތަކުގެ ޒިންމާ އުފުލަންޖެހޭނީ ފިރިމީހާއަށް!

ވަރަށް ފަހުން ލިބުނު ޝަކުވާއެކެވެ. "އަހުރެންގެ ގެއަށް ގޮސް އުޅުނު މީހަކު އަހުރެންގެ އަނބިމީހާ ގެންގޮސްފިއެވެ." މާނައަކީ އަނބިމީހާ ވަރިވެގެން އޭނާ އާއިއެކު ދިއައީއެވެ. މިކަން ދިމާވި ސަބަބު އޮޅުންފިލުވިއިރު ގެއަށް މެހްމާނެއްގެ ގޮތުގައި ހިލޭ ފިރިހެނަކު ގެންގޮސް އަނބިމީހާ ލައްވައި އޭނާއަށް ޚިދުމަތްކުރުވީއެވެ. ދެމީހުން އެކަނިވެ ވާހަކަދައްކަންވެސް ފުރުޞަތުދިނީއެވެ.

ބައެއް ފިރިހެނުންނަށް ކަންކަން ކުރެވޭ ގޮތް އެއްގޮތަކަށްވެސް ރަނގަޅެއް ނޫނެވެ. ގެއަށް މެހްމާނަކު ދާއިރަށް ނުވަތަ ގެންގޮސްފައި އަނބިމީހާ ނެރުވައިގެން އެމީހާއަށް ޚިދުމަތް ކުރުވާތީއެވެ. ރީތި އަންބަކު ލިބިއްޖެ ނަމަ ފަޚުރުވެރިވާންވެސް އެކަން އެބަ ކުރުވައެވެ.  

އެހާލަތުގައި އަނބިމީހާ މެހްމާނަށް ނުބަލައިފިނަމަ ވަނީ ބޮޑާ އަންހެނަކަށެވެ. އެހެންވެ ބޮޑާ ނޫންކަން ދައްކަން ހިނިތުންވާން އުޅެން ހަދައިގެން އޮންނަނީ ހުރިހާ ކަމެއް ގޯހުން ގޯހަށް ގޮސްފައެވެ. ކަންކަން ގޮސްގެން ނުވާނެ ހިސާބަށް ކަންކަން ގޮސްފައެވެ.

މިކަމުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ހަމަ އެކަނި އެވަގުތު ޒިޔާރަތް ކުރި މެހްމާނެއް ނޫނެވެ. އަނބި މީހާއަށް ދަސްކޮށް މިދެވޭ ނުބައި އާދައެވެ. މިކަމުގައި އެންމެ ބޮޑަށް ކަންކަން ގޯސްވަނީ އެދެމީހުން އެކަނިވެ ވާހަކަދައްކަން ފުރުޞަތުދިނުމެވެ. އެފުރުޞަތުގެ ތެރެއިން އަތުކުރީގައި ހިފާލަންވެސް ފުރުޞަތުލިބެނީއެވެ. އަތުކުރީގައި ހިފާލަން ފުރުޞަތުލިބުނީމައި އަތުގައި ހިފައި ގެއިން ނެރެގެން ގެންދަނީއެވެ. 

ހިލޭ ފިރިހެނަކު ގެއަށް އަތުވެއްޖެނަމަ އެމީހަކަށް ޚިދުމަތްކުރަންވީ ފިރިމީހާއެވެ. އަނބިން ކާބޯތަކެތި ތައްޔާރުކުރީމާ އެމީހަކާއި ހަމައަށް ނެރޭމީހަކީ ފިރިމީހާ ކަމުގައިވާށެވެ. އަދި ގޭތެރޭގެ ޙާލަތު ހުންނަ ގޮތުން އަނބިމީހާއަށް އެމީހަކާއި ހަމައަށް ދާން ޖެހުނު ނަމަވެސް ދެމީހުން އެކަނިވުމުގެ ފުރުޞަތު ނުދޭށެވެ. 

އެކުވެރިން ކަމުގައިވީނަމަވެސް އެންމެންގެ ތަޤްވާވެރިކަން އެއްވަރަކަށް ހުންނާނެކަމަށް ނުދެކޭށެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ވިސްނުންވެސް ތަފާތުވާނެއެވެ. ކުރަން ބޭނުންވާ ކަންކަންވެސް ތަފާތުވާނެއެވެ. ވީމާ ކުރާ ކޮންމެކަމެއްވެސް ކުރަންޖެހޭނީ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ. އެފިޔަވަޅުތައް އެޅުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. ވީމާ ކަންކަން ގޯސްވެގެން ޝަކުވާކުރަންވާނީ ވާޖިބު އަދާކުރުމަށްފަހުގައެވެ. 

އަހުރެން ކިޔަވަން އުޅުނު ދުވަސްވަރު އުސްތާޛުންގެ ގޭގެއަށް ޒިޔާރަތް ކުރަމެވެ. އެއްވެސް ގެއަކުން އަނހެނަކު ނުވެސް ދެކެމެވެ. އެކަމަކު ކާން ބޯންދެއެވެ. މެހްމާންދާރީ އަދާކުރެއެވެ. މިހިރީ ދަސްކޮށް ޢަމަލުކުރަންޖެހޭ ކަންކަމެވެ. 

މިސާލަކަށް ބުނާނަމަ ގެއަށް ވަންނަ މެހްމާނުންނާއި ކޮންމެހެން ބައްދަލު ކުރަން ނުޖެހޭނަމަ އެގެއެއްގެ އަންހެނުން ބައްދަލު ނުކުރާ މުސްލިމް ޢާއިލާތައް މިއަދުވެސް ހަމަ ބައިވަރެވެ. ކައިވެނި ހެޔޮ ނުވާ މީހުންނާއި މަސްހުނި ނުވާ ޢާއިލާތައް ވެސް ހަމަ ބައިވަރެވެ. މިފަދަ ޢާއިލާތަކުގައި ހަމަޖެހުން ބޮޑުކަން ފާހަގަކުރެވެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން