ސިޙުރުވެރިންގެ އެންމެ ބޮޑު އެއް އޮޅުވާލުން- އަތުން ޚަރަދުކުރުމުގެ ކުރިން ވިސްނާލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ސިޙުރުވެރިންގެ އެންމެ ބޮޑު އެއް އޮޅުވާލުން- އަތުން ޚަރަދުކުރުމުގެ ކުރިން ވިސްނާލާ!

- ކުރަން މަސައްކަތްކުރާ ކޮންމެ ކަމެއް ނުވުމުން އެއީ ސިހުރު ހާހޫރާ އެސްފީނާއިން ކަމަށް ޤަބޫލުނުކުރާށެވެ!

 

ބައެއް މީހުންނަށް ލޯބިވެރިޔާ ނުލިބުން ފަދަ ވަރަށް އާދައިގެ ކަންކަމުގައިވެސް އެއީ ސިހުރުން ކަމަށް އެބަ ޤަބޫލުކުރެވެއެވެ. ލޯބިވެރިޔާ ނުލިބޭ ކޮންމެ ފަހަރަކު އެކަން މެދުވެރިވަނީ ސިހުރަކުން ކަމަށްނުވެދާނެއެވެ. އޭނާގެ ކިބައިން ތިބާއަށް ލިބެން އޮތީ ގެއްލުމާއި ހިތްދަތިކަން ކަމުގައިވާނަމަ ﷲ ތާޢާލާ އެގޮތަށް މިންވަރުކުރެއްވެވުމަކީވެސް ވެދާނެ ކަމެކެވެ. ވީމާ ކޮންމެ ކަމެއް ސިހުރާއި ނުގުޅުވާށެވެ! 

ތިމާއަށް ގެއްލުން ހުންނަ އެތައް ކަމެއް ކުރެވުމުން ﷲ ތަޢާލާ މީސްތަކުން ސަލާމަތްކުރައްވަވަތެވެ. އެހެން ނޫން ނަމަ ގިނަ ބައަކަށް ލިބޭ ހިތާމަތައް އިތުރުވެގެންދާނެއެވެ. އަދި ބޮޑެތި ގެއްލުންތައް ލިބުންވެސް މާގިނަވާނެއެވެ. 

ތިމާ ކުރަން މަސައްކަތްކުރާ ކޮންމެ ކަމެއް ޙާޞިލުނުކުރެވުމުން އެއީ ސިހުރު ހާހޫރަ އާއި އެސްފީނާއިން ކަމަށް ޤަބޫލުކުރެވޭނަމަ އެއީ އެމީހާގެ އީމާންކަމުގެ ބަލިކަށިކަން ބޮޑުކަމެވެ. އެހެނީ ކުރެވެން އުޅޭ ކަމަކީ އެމީހަކަށް އެކަމުން ގެއްލުން ލިބޭނެ ކަމެއްނަމަ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅުންނަށް އެކަމެއް ވުމަށް އެކި ގޮތްގޮތަށް ﷲ ތައާލާ ހުރަސް އަޅުއްވަވަތެވެ. 

އެންމެންނަށްވެސް ވިސްނޭނެ ވަރަށް އާދައިގެ މިޘާލެއްވެސް ބުނެފާނަމެވެ. މީހަކުދެކެ ވަރަށް ބޮޑަށް ލޯބިވީއެވެ. ކައިވެނިކުރަން މަސައްކަތްކުރެވުނެވެ. ނަމަވެސް ކައިވެނިނުކުރެވުނީއެވެ. އެޙާލަތުގައި ދެން ގުޅިގެން ކައިވެނިކުރާ މީހާއަކީ ތިމާ ލޯބިވެގެން ކުރިން އުޅެވުނު މީހާއަށްވުރެ ތިމާ ދެކެ މާބޮޑަށް ލޯބިވާ މީހަކު ކަމުގައިވެދާނެއެވެ. އޭނާއަށްވުރެ ހުރިހާ ގޮތަކުން މާރަމނގަޅު މީހަކަށްވެދާނެއެވެ. 

ތިމާއަށް ސިހުރުގެ އުނދަގުލެއްވާކަމަށް ޝައްކުކުރެވޭނަމަ ރުޤްޔާކުރަން އެނގޭ ހެޔޮލަފާ މީހުންނާއި މަޝްވަރާކުރާށެވެ! އަދި އެއްވެސް އުނދަގުލެއް ނުވި ނަމަވެސް ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔަމުންގެންދާށެވެ! ހަށިރައްކަލަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާށެވެ. ގެއިން ނުކުންނައިރުވެސް ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިގަތުމަށް ކިޔަންޖެހޭ ޛިކުރުތައް ކިޔައިގެން ނޫނީ ނުނުކުންނާށެވެ!

"ތިމާ މިއުޅެނީ ހުރިހާ އަޅުކަމެއް ކުރަމުން ވަރަށް ރަނގަޅަށޭ، ތިމާއަށް ސިހުރެއް އެސްފީނާއެއް ނުޖެހޭނެއޭ" ހީނުކުރާށެވެ! ރަސޫލް () އަށް އެކަންކަން ޖެހިވަޑައިގެންނެވިކަން އެއީ ޤުރްއާނުން ސާބިތުވާން އޮތްކަމެކެވެ. ވީމާ ތިމާއަށް ނުޖެހޭނެ ކަމަށް ހީކުރުމެއް އަދި ޔަޤީންކުރުމެއް ނެތެވެ. ޙައްލަކީ ހަމަ ކުރިން ބުނިފަދައިން ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ހުންނަން މަސައްކަތްކުރުމެވެ.

މިބާވަތުގެ ކަންކަމުގައި ސިޙުރުވެރިންގެ ގާތަށް ދިއުމުން އެއީ ޞިހުރަކުން މެދުވެރިކަމެއް ނޫންކަމުގައިވީނަމަވެސް އެއީ ސިޙުރަކުން މެދުވެރިވިކަމެއް ކަމަށްބުނެ އޮޅުވައިލާނެއެވެ. ސިޙުރުވެރިން ގެންގުޅޭ ޖިންނިތައް މެދުވެރިކޮށް ތިބާއަށް އެކަން ޤަބޫލުކުރެވޭވަރުގެ ހެކިތައްވެސް ދައްކާނެއެވެ. ސިޙުރު ބާޠިލުކުރުމުގެ ނަމުގައި އެތައް ބައިވަރު މަކަރުތަކެއް ހަދާނެއެވެ. ތިބާގެ އަތުން އެތައް ބައިވަރު ފައިސާތަކެއް އަތުލާނެއެވެ. 

ސިޙުރުވެރިންގެ ގާތަށް ދިއުން ދީނީ ގޮތުން ޙަރާމްވުމުގެ އިތުރުން މިބަޔާންކުރީ ދުނިޔަވީ ގޮތުން ސިޙުރުވެރިންދޭ ބޮޑު ގެއްލުމުގެ ވާހަކައެވެ. ވިސްނައި ފިކުރުކޮށްލުމުން މިކަންކަން ވިސްނޭނެއެވެ. އެކަމަކުން މީސްތަކުންނަށް ކިތަންމެ ކުޑަމިންވަރެއްގެ ނަމަވެސް ޙަޤީޤީ ފައިދާއެއް ކުރާނެ އެއްވެސް ކަމަކީ ދީނުގައި ޙަރާމްވެގެންވާ ކަމެއް ނޫނެވެ. ޙަޜާމްކުރައްވަވާފައިވާ ކޮންމެ ކަމެއް ޙަރާމްކުރައްވަވާފައިވަނީ ހަމަ މީސްތަކުންގެ ފައިދާއަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން