އިޚްލާޞްތެރިކަމާއެކު މައްސަލަ ޙައްލުކުރަން ބޭނުންވެ، ދެމަފިރިން އެކުގަ އެދިއްޖެނަމަ ﷲ އެކަމަށް މަގުފަހިކުރައްވަވައި ދެއްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އިޚްލާޞްތެރިކަމާއެކު މައްސަލަ ޙައްލުކުރަން ބޭނުންވެ، ދެމަފިރިން އެކުގަ އެދިއްޖެނަމަ ﷲ އެކަމަށް މަގުފަހިކުރައްވަވައި ދެއްވަވާނެ!: މުފްތީ މެންކް

ކައިވެނިތައް ރޫޅެމުން މިދަނީ ޖެހޭ މައްސަލަތައް ޙައްލުކުރަން ދެމަފިރިންނަށް އެކުގައި މަސައްކަތްކުރެވޭތީއެވެ. ކުރިމަތިވާ ކަމުގެ ބާވަތުން އެކަކު އެމައްސަލަތައް ޙައްލުކުރަން ބޭނުންނުވާތީއެވެ. ގިނަފަހަރު އެކަން ދިމާވަނީ މާބޮޑަށް މަކަރު ހެދުމުގެ ސަބަބުން ފޫހިކަންބޮޑުވެ އެކަކު މާބޮޑަށް މާޔޫސްވެގެންދާތީއެވެ. 

އެއްވެސް ދެމަފިރިއަކު އެދެމީހުންގެ މެދުގައިވާ މައްސަލަތައް ޙައްލުކުރަން ބޭނުންވެގެން އިޚްލާޞްތެރިކަމާއިއެކު ދެމަފިރިން އެކުގައި ﷲ ތަޢާލާއަށް ދަންނަވައިފިނަމަ އެދެމަފިރިންގެ މައްސަލައަށް ﷲ ތަޢާލާ ޙައްލެއް ދައްކަވާނެތެވެ! އިން ޝާ ﷲ 

މިފަދައިން ކަންކަން މިންވަރުކުރައްވަވާނީ އަމިއްލަ އެއްވެސް އެދުމެއް ކުރިއަށް ނުނެރެ، ވަރަށް ތެދުވެރި، އިޚްލާޞްތެރިކަމާއިއެކު މައްސަލަ ޙައްލުވުމަށް ދެމަފރިންވެސް އެދުމުންނެވެ. އެވަގުތު މައްސަލަ ހައްލުކުރުމަށްފަހު ފަހުން ބަދަލުހިފަން، ބޭވަފާތެރިވުން ފަދަ އެއްވެސް ނިޔަތެއް އެކެއްގެ ކިބައިގައިވެސް އޮވެގެން ނުވާނެއެވެ. އެފަދަ އެއްވެސް ނިޔަތެއް ނެތި މައްސަލަ ޙައްލުކުރަން ދެމަފިރިން އެކުގައި އެދި ދަންނަވައިފިނަމަ އެމީހުންނަށް މަގެއް ދައްކަވާނެކަމަށް ﷲ ތައާލާ ވަނީ ވަޙީކުރައްވަވައިފައެވެ. ވީމާ މިއީ އެއްވެސް ޝައްކެއްކުރަން ޖެހޭނެ ކަމެއް ނޫނެވެ.

ވީމާ ދެމަފރިންގެ މެދުގައި މައްސަލައެއް ޖެހޭއިރަށް ވަރިކުރުމާއި ހަމައަށް ނުގެންދާށެވެ! އެކަމެއް ޙައްލުކުރަން ކުރެވެން ހުރި ހުރިހާ ކަންކަން ކުރާށެވެ! ނަމަވެސް އަބަދުވެސް ބުނާފަދައިން އެކެއްގެ ކިބައިން އަނިޔާވެރިކަން އަބަދުލިބޭނަމަ، އެކުގައި ދިރިނުއުޅެވޭނެކަން ޔަޤީންކުރެވިއްޖެ ނަމަ ރީތިގޮތުގައި ވަރިކުރާށެވެ! ޞުލްޙަވެރިކަމާއި އޯގާތެރިކަން އިސްކޮށްގެން ކަންކަން ނިންމާށެވެ! އެއްވެސް މންވަރަކަށް ރުޅިއައސްފައި ހުރެގެން ވަރިނުކުރާށެވެ! 

ދުޢާއަކީ އުފަލުގައި ހުރިހާ ދެމަފިރިންނަށް އުފާވެރިކަން އިތުރުކުރައްވަވައި ދެއްވެވެވުމެވެ! އަނިޔާ ލިބެމުންދާ ދެމްފިރިންގެ މައްސަލަތައް ޙައްލުވެ އުފާވެރިކަންލިބުމެވެ! ހުރިހާ ދެމަފިރިންވެސް އުފަލުގައި ލެއްވެވުމެވެ! އާމީން 

- މުފްތީ މެންކްގެ ދަރުސަކުން

 

 

މިއަދު އޮންލައިން