ސިޙުރުވެރިއެއް އެހެން މީހެއް ކިޔާނެ ކަމެއް ނެތެވެ. "އަންހެނަކު ނުލިބިގެން، ފިރިހެނަކު ނުލިބިގެން، ފައިސާ ގިނަކުރަން، އަތްމަތި ދަތިކަން ފިލުވަން، އޮފީހުގަ ކުރިއެރުން ހޯދަން" އަދި މިނޫންވެސް މިފަދަ އެއްވެސް ކަމެއްގައި އެއްވެސް ބާވަތެއްގެ އެހީތެރިކަމަށް އެދި މީހެއްގެ ގާތަށް ހިނގައްޖެނަމަ އެމީހަކު އެވަނީ ގެއްލިނިވެގެންވާ މީހުންގެ ތެރެއިންނެވެ.
ކުރުގޮތަކަށް ބުނާނަމަ ލޮލަށް ނުފެންނަ، އެމީހަކަށް ސީދާ ބާރުނުފޯރުވޭ، ޣައިބުގައިވާ އެއްވެސް ކަމެއްގައި އެހެން ދެވަނަ މީހެއްގެ އެހީތެރިކަމަށް އެދިގެން ކިތަންމެ މޮޅު މީހެއްގެ ގާތަށް ނަމަވެސް ހިނގައްޖެނަމަ އެމީހަކު ފެތޭނީ މި ޙަދީޘްފުޅުގައިވާ މީހުންގެ ތެރެއިންނެވެ. އެއީ “ޣައިބުގައިވާ ކަންކަން އެނގޭ ކަމަށް ބުނާ މީހުންގެ ބަސް ޤަބޫލުކޮށްފިމީހާއަކީ ތިމަންކަލޭގެފާނު ގެންނެވި ކަންކަމަށް އީމާންވެގެން ހުރި މީހެއް ނޫން ކަމަށް ރަސޫލް ﷺ ކުރެއްވެވި ޙަދީޘްފުޅުގައިވާ މީހުންނެވެ.
ދެން ނިކަން ބުނެބަލާށެވެ! ތިމާ ކުރަން ބޭނުންވާ ކަމެއް ނުކުރެވިގެން ނުވަތަ ތިމާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިވުމުން އެފަދަ މީހުންގެ ގާތަށް ގޮސް ތިމާގެ އީމާންކަން ނަގާލަން ހެޔޮވެދާނެހެއްޔެވެ؟
ވިސްނާށެވެ! ތިމާއަށް ރަނގަޅު ގޮތެއް ހޯދައިދެވިދާނެކަމަށް ޤަބޫލުކޮށް އެއްވެސް މީހެއްގެ ކިބައިން އެހީތެރިކަމަށް އެދުމުން ފެތިގެން އެދަނީ މިބުނި މީހުންގެ ތެރެއިންނެވެ.
އެހެނެއް ނޫނެވެ. އަތްމަތިދަތިވުމުން ފައިސާހުރި މީހެއްގެ ގާތަށް ގޮސް ކަމަކު އެދުމަކީ ތަފާތު ކަމެކެވެ. އެހެނީ އެއިރުން އެއެދެވެނީ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާފައިނާ ނިޢުމަތަކުން އެހީތެރިވެދިނުމަށެވެ. އެއީ ދިނުމާއި ނުދިނުމުގެ އިޚްތިޔާރު އޭނާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ކަމެކެވެ. އެފަދަ ކަމެއްގައި ޣައިބާއި ގުޅުންހުރި އެއްވެސް ކަމެއް ނެތެވެ.
ކައިވެނީގެ ގުޅުމަށްބަލާއިއރު ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުމުން ލަފާ އެހުމާއި އެފަދަ އެހީތެރިކަމަށް އިތުބާރުކުރެވޭ މީހުންގެ ކިބައިން އެދެވިދާނެއެވެ. ނަމަވެސް ފަންޑިތަހަދާމީހެއްގެ ނުވަތަ ޞިޙުރުވެރިއެއްގެ އެހީތެރިކަން ހޯދުމަކީ އެއްވެސް މިންވަރަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.
އެހެނެއް ނޫނެވެ. ބޮޑެތި ކަންކަން ކުރިމަތިވުމުން ތިމާއަށްޓަކައި ހެޔޮދުޢާއެއް ކޮށްލައި ދިނުމަށް ހެޔޮލަފާ މީހުންގެ ކިބައިން އެދެވޭނެއެވެ. އެއިރުން އެހީތެރިކަމަށް އެއެދެވެނީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އަދި އެހެންމީހުންނަށްޓަކައި ހެޔޮދުޢާކުރުމަކީ މަތިވެރިގެންވާ ސުންނަތެކެވެ. ރަސޫލް ﷺ ވަނީ އެކިއެކި ކަންކަމާއި ގުޅިގެން އެތައް ޞަޙާބީންނަކަށް ހެޔޮދުޢާކޮށްދެއްވަވައިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން