ވޯލްޑްކަޕާއެކު ޤަތަރުގެ ސަބަބުން އިސްލާމްދީނަށް ލިބެމުންދާ ނަޞްރުގެ މަތިވެރިކަން- ދުނިޔެ ސިއްސުވާލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ވޯލްޑްކަޕާއެކު ޤަތަރުގެ ސަބަބުން އިސްލާމްދީނަށް ލިބެމުންދާ ނަޞްރުގެ މަތިވެރިކަން- ދުނިޔެ ސިއްސުވާލައިފި!

މީސްތަކުންގެ ގާތުގައި އެމީހަކަށް އެންމެ އަގުހުރި އެއްޗަކީ ކޮބައިތޯ ބުނެފިނަމަ ދޭނީ ވަރަށް ތަފާތު ޖަވާބުތަކެކެވެ. ދައްކާނީ ތަފާތު އެއްޗެތީގެ ވާހަކައެވެ. ނަމަވެސް މިސުވާލުގެ ޖަވާބު ރަސޫލް ދެއްވަވާފައިވަނީ މުޅިން ތަފާތު ގޮތަކަށެވެ. 

"ތިބާގެ ސަބަބުން އެންމެ މީހަކަށް ނަމަވެސް ﷲ ތަޢާލާގެ މަގަށް ހިދާޔަތު ލިބިއްޖެނަމަ އިރުގެ އަލިކަމާއި ރޭގަނޑުގެ އަނދިރިކަން ލިބެމުންދާ ހުރިހާ ސަރަހައްދުތަކުގައިވާ ހުރިހާ އެއްޗަކަށްވުރެ އެކަމުގެ މަތިވެރިކަން ﷲ ތަޢާލާގެ ޙަޟްރަތުގައި މާބޮޑެވެ." މިފަދަ ޢިބާރާތަކުންނެވެ. 

މިއަދު ޤަތަރުގެ ޙާލަތަށް ނިކަން ބަލއިލަބަލާށެވެ. މިހައިތަނަށްވެސް އިސްލާމްވީ އެކެއް ދެމީހެއް ނޫނެވެ. އެތައް ސަތޭކަބައެކެވެ. މިހާރުވެސް ކުރިއަށްދަނީއެވެ. އެނބުރި އަމިއްލަ ޤައުމަށްގޮސް އިސްލާމްވާނެ މީހުންވެސް ބައިވަރެވެ. އިން ޝާ ﷲ 

މިފަދަ ބޮޑު ނަޞްރެއް އިސްލާމް ދީނަށް ލިބިގެން މިދިއައީ ޤަތަރުގެ އަމީރުން ކުރެއްވެވި ހާދަ ބުރަ މަސައްކަތަކުންނެވެ. އެކަމަށް ހާދަ ބޮޑެތި ހޭދަ ކުރައްވައިގެންނެވެ. މިސާލަކަށް ތަފާތު 8 ބަހުން ލިޔެ ޤަތަރުގައި ބަހައްޓާފައިވާ ދީނީ ޝިޢާރުތަކެވެ. ކޮންމެ މެޗަކަށް ސްޓޭޑިއަމަށްދާއިރު ގޮނޑިމަތީބާއްވާފައި އޮންނަ 8 ބަހުން ލިޔެފައިވާ ލިޔުމެވެ. ޤާބިލް 2000 މީހުން ކެނޑިނޭޅި ދީނަށް ދަޢުވަތުދޭން ކުރަމުން ގެންދާ ބުރަ މަސައްކަތްތަކެވެ. 

އިސްލާމީ އުންމަތަށް މިކަންކަން މިވަނީ ވަރުގަދަ ފިލާވަޅަކަށްވެފައެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އިސްލާމް ދީނުގެ ޙަޤީޤަތް މީސްތަކުންނަށް އަންގައިދެވިއްޖެނަމަ އެތައް ހާސްބައަކު ވަގުތުން އިސްލާމްވާނެކަމެވެ. އިސްލާމީ އުންމަތް ފޭލްވަމުން މިދަނީ އެކަން ނުކުރެވޭތީއެވެ. 

ކޮންމެއަކަސް ނުކުރެވި އޮތްކަމެއްގެ ވާހަކަ ނުދައްކަމާ ހިނގާށެވެ! ދެންވެސް ކުރިއަށްދާން މަސައްކަތް ފަށަމާ ހިނގާށެވެ! ކޮންމެ މުސްލިމަކުވެސް އެމީހެއްގެ ފެންވަރުން މަސައްކަތް ފެށުން އަވަސްކުރަމާ ހިނގާށެވެ. އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ﷲ ތަޢާލާގެ ދީން މަތިވެރިކުރަންކަމާއި އެކަމުން ލިބެން އޮތް ޘަވާބުގެ މަތިވެރިކަން ކުރިން މި ބަޔާންކުރީއެވެ.

 

- އިސްލާމީ ނޫރު

މިއަދު އޮންލައިން