ގެންގުޅޭ ފޯނުން ޘަވާބު ހޯދައި ސުވަރުގެ ލިބުމުގެ މަގު ފަހިކުރަން ބޮޑުތަނުން ފަސޭހަ މަގެއް! އިންޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ގެންގުޅޭ ފޯނުން ޘަވާބު ހޯދައި ސުވަރުގެ ލިބުމުގެ މަގު ފަހިކުރަން ބޮޑުތަނުން ފަސޭހަ މަގެއް! އިންޝާ ﷲ

ގިނަބައަކު ފަތިސްވުމުން އުފާވެރި ދުވަހަކަށް އެދި އެމީހަކު ދަންނަ އެންމެންނަށް މެސެޖްކުރެއެވެ. އެއީ ގޯސްކަމެއްކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް ފޯނުން ކުރަން އެއަށްވުރެ މާފައިދާ ބޮޑު ކަމެއް އެބައޮތެވެ. މިކިޔައިދެނީ އެކަމުގެ ވާހަކައެވެ. 

އިންސާނަކަށް އެންމެ ފައިދާކުރާނެ، އެންމެ ހެޔޮކަން ބޮޑު އަމަލުތަކުގެ ތެރޭގައި އެހެންމީހުންނަށް ހިތްވަރުދީ، މަގުފަހިކޮށްދީ ނަމާދުކުރުވުން ހިމެނެއެވެ. އެކަން ޤަވާއިދުކޮށް ކުރެވޭނަމަ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެ ގިނަނިޢްމަތްތައް ވަޒަންކުރަންވެސް ނުއެނގޭނެއެވެ. 

އެހެން މީހުން ލައްވައި ނަމާދުކުރުވިކަމުގެ ޘަވާބު އެދޭމީހާވެސް ފުރަތަމަ ކަމަކަށް އެމިހާކުރަންޖެހޭ ފަރުޟު ނަމާދުތައްކުރާށެވެ. އެއަށްފަހު އެހެން ކަންކަމާއި އުޅުމުން ނޫނީ ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. 

ވީމާ ފުރަތަމަ ކަމަކަށް ތިމާ ތެދުވަންވީ ފަތިސް ނަމާދަށެވެ. ތެދުވެ ފުރަތަމަ ކުރާކަމަކަށް ގޭގައި ތިބި އެންމެންނަށް ގޮވާ ހޭއްލަވައިގެން ފަތިސް ނަމާދުކުރުވަންވީއެވެ. އެއާއިއެކު ފޯނުގައި ހުރި ނަމްބަރުތަކަށް ގުޅައި އެމީހުން ހޭލައްވަންވީއެވެ. މެސެޖްވެސް ކުރަންވީއެވެ. އެމީހުން ލައްވައިވެސް ފަތިސް ނަމާދުކުރުވަން މަސައްކަތްކުރަންވީއެވެ.

އެއަށްފަހު ދެން ބައްދަލުވާ ކޮންމެ ނަމާދު ވަގުތެއް ގާތްވުމުން ހަނދާންކޮށްދެވެން އޮތް ގޮތަކަށް މީސްތަކުންނަށް ނަމާދުކުރަން ހަނދާންކޮށްދޭންވީއެވެ. ނަމާދުކުރަން ޢާއިލާގެ މީހުންނަށް ނަޞޭޙަތްދީ އަމުރުވެސްކުރާށެވެ! ހަމައެއާއިއެކު ނަމާދުވަގުތު ޖެހޭއިރު އެމީހަކާއިއެކުގައި ތިބި ބައަކު ގޮވައިގެން އަވަހަށް މިސްކިތަށް ދާންވީއެވެ.

ކޮންމެ މީހަކަށް ދީނީ ދަރުސް ދޭ މީހަކަށް ނުވެވިދާނެއެވެ. އެހެނީ އެކަން ކުރެވޭނީ ދީނީ ޢިލްމް ޙާޞިލްކުރައްވައިގެން ތިއްބަވާ ބޭފުޅުންނަށެވެ. ނަމަވެސް ކޮންމެ މީހަކީވެސް މީސްތަކުން ނަމާދަށް ގެންދާ މީހަކަށް ވެވިދާނެއެވެ. އަދި ކޮންމެ މީހަކީވެސް މީސްތަކުން ނަމާދަށް ގެންދަން މަސައްކަތްކުރާ މީހަކަށްވާން ވެސް ޖެހެއެވެ.

މިބުނި ކަންކަން ކުރަން ކޮންމެހެން ދީނީ ޢީލްމުވެރިއަކަށްވާކަށް ނުޖެހޭނެއެވެ. އެއްވެސް ފަރާތެއްގެ ހުއްދައެއްވެސް ބޭނުމެއް ނުވާނެއެވެ. އެހެނީ އެކަންކަމަކީ ކޮންމެ މީހަކާއިވެސް ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތެކެވެ. މިކަންކަން މިފަދައިން ކުރާ މީހާގެ ދަރަޖަ ދަރުސްދޭ ޝައިޚުންނަށްވުރެ މާބޮޑަށް މަތިވެރިއެވެ. ސަބަބަކީ ދަރުސް ނިންމަވާލައްވަވާފައި ޝައިޚް ވަޑައިގަންނަވަނީއެވެ. މީސްތަކުންލައްވައި ނަމާދުކުރުވާ މީހުން އެގެންދަނީ ދުވާލަކު 5 ފަހަރު އެކަންކުރަމުންކަމުގައިވާތީއެވެ.

އެހެން މީހުން ލައްވައި ނަމާދުކުރުވަން މަސައްކަތްކުރަން ބޭނުންވާ މީހާ ފުރަތަމަކަމަކަށް ކުރަންޖެހޭނެ ކަމަކީ އަމިއްލަ ޢާއިލާގެ މީހުން އެކަމަށް އަހުލުވެރިކުރުވުމެވެ. އެމީހާ ދައްކާ ވާހަކަތަކަށް އެހެން މީހުން އިތުބާރުކުރާނީވެސް އެއިރުންނެވެ.

މިކިޔައިދިނީ މީހުން ލައްވައި ނަމާދުކުރުވިކަމުގެ ޘަވާބު ލިބިގަނެ ސުވަރުގެ ލިބުމަށް މަގު ފަހިކުރަން ބޮޑުތަނުން ފަސޭހަ ކަމާއިއެކު ކުރިއށްދެވިދާނެ މަގެކެވެ! ބާރަށް ކުރިއަށް ގޮސް ސަލާމަތްކަން ލިބިގަންނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން