ދަރިން ނުލިބިގެންވެސް އަދި ލިބުނު ދަރިން ގިނަވެގެންވެސް ޝަކުވާނުކުރާށެވެ! ދެ ގޮތަކީވެސް ﷲ ގެ ރަޙްމަތެވެ! ލެއްވެވި ނިޢްމަތެކެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދަރިން ނުލިބިގެންވެސް އަދި ލިބުނު ދަރިން ގިނަވެގެންވެސް ޝަކުވާނުކުރާށެވެ! ދެ ގޮތަކީވެސް ﷲ ގެ ރަޙްމަތެވެ! ލެއްވެވި ނިޢްމަތެކެވެ!: މުފްތީ މެންކް

އެއްބައަކު އަންހެން ދަރިން ގިނައިން ލިބިގެން ޝަކުވާ ކުރަނީއެވެ. އަނެއް ބައަކު ފިރިހެން ދަރިން ގިނައިން ލިބިގެން ޝަކުވާ ކުރަނީއެވެ. އަނެއް ބައަކު ދަރިން ލިބުނު އަދަދު މަދުވެގެން ޝަކުވާ ކުރަނީއެވެ. އަނެއް ބައަކު އެންމެ ދަރިއަކު ނުލިބިގެންވެސް ޝަކުވާ ކުރަނީއެވެ.

ދަރިން ލިބެން ބޭނުންވާންވީ ވަކި ޖިންސަކުން ނޫނެވެ. ދަރިން ދެއްވަވާނެ އަދަދާއި ޖިންސް ކަނޑައަޅުއްވަވަނީ ﷲ ތަޢާލާއެވެ. އެއަށް ބަދަލު ގެނައުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ވަކި ޖިންސަކުން ކުދިން ލިބުމުން ރުޅިއައުމަކީ، އެކުދިން ދެކެ ފޫހިވުމަކީ ﷲ ތަޢާލާގެ ނިންމެވުން ބަލައި ނުގަނެވޭ ކަމުގެ ހެއްކެކެވެ. އަހަރެމެންނަށް އޮތީ ދެއްވެވި ދަރިން ބަލައި ރަނގަޅު ގޮތުގައި ބޮޑުކުރުމެވެ.

ދަރިން ނުލިބޭނަމަ ހޯދަން މަސައްކަތް ކުރުމަކީ އަޅުކަމެކެވެ. ވީމާ ދަރިން ހޯދަން މަސައްކަތް ކުރަންވާނެއެވެ. ނަމަވެސް އެކަމަށް މަސައްކަތްކުރަންވާނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ގޮތްތަކަށެވެ. ދަރިން ނުލިބެނީ ހަމަ ކުޑަ ކުޑަ ޞިއްހީ މައްސަލައަކުން ކަމަށްވެސް ވެދާނެއެވެ. ފަރުވާ ކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ.

ހަމައެއާއިއެކު ދަރިން ނުލިބިގެން މާޔޫސް ނުވާށެވެ! އެކަމަށް ކެތްތެރިވުމަކީ އަދި ވަކިން ބޮޑު އަޅުކަމެކެވެ. ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ. ވީމާ ދަރިން ނުލިބުމަކީ ވެސް ނިޢްމަތެކެވެ. އެއްވެސް ޙާލެއްގައި ދަރިން ނުލިބުމަކީ ނިކަމެތިކަމެއް ނޫނެވެ. ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ދަރިއަކު ލިބޭނީ ﷲ ތަޢާލާ ދެއްވެވުމުން ކަމުގައިވާތީއެވެ. އަދި ލިބޭނީ ﷲ ތަޢާލާ ދެއްވެވި ޢަދަދަކަށްކަމުގައިވާތީއެވެ.

އަހަރެންނަށް ދެއްވެވީ ކިތައް ދަރިންކަން އެނގެން ބޭނުން ހެއްޔެވެ؟ އަހަރެންނަށް ﷲ ތަޢާލާ ދެއްވަވާފައިވަނީ 7 އަންހެން ދަރިންނާއި 2 ފިރިހެން ދަރިންނެވެ. އަހަރެމެން މިތިބީ ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވެގެންނެވެ. އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ ޝައިޚް ޢާޞިމް އަލްޙަކީމަށް ދެއްވަވާފައިވަނީ 13 އަންހެން ދަރިންނެވެ. ކޮންފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ؟

ވީމާ ދަރިން ނުލިބުމަކީވެސް އަދި ދަރިން ގިނަވުމަކީވެސް، މަދުވުމަކީވެސް އަދި ވަކި ޖިންސަކުން ދަރިން ގިނަވުމަކީވެސް ޝަކުވާއަކަށް ނުހަދާށެވެ! ޝުކުރުވެރިވާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން