އެއީ 5 ކުދިންގެ ބައްޕައެކެވެ. ޢުމުރުން ދުވަސްވެ މުސްކުޅިވީއިރުވެސް އަބަދުހެން މިޔުޒިކް އަޑުއަހައި ލަވަބެލުމަށް ސަމާލުކަންދޭތީ ދަރިން ވަރަށް ކަންބޮޑުވެ ނަޞޭޙަތްދިނެވެ. ނަމަވެސް ޤަބޫލެއް ނުކުރެއެވެ. ބުނަނީ ބައްޕަ އުފާވާ ކަންކަން ކުރަން ބައްޕަ ދޫކޮށްލުމަށެވެ.
ކުދިންނަށް ކުރެވޭނެ އިތުރު ކަމެއް ނެތުމުން މަޑުންތިބީއެވެ. ޢުމުރުން 70 އަހަރަށްވުރެ މައްޗަށް ގޮސްފައި ހުއްޓައި ވަރަށް ބޮޑަށް ބަލިވިއެވެ. ޙާލު އިންތިހާއަށް ބޮޑުވިއެވެ. ބޭހުން ޝިފާއެއް ނުލިބެއެވެ. ބައެއް ފަހަރު ހީވަނީ ނޭވާނުލެވިގެން އުޅޭހެންނެވެ. އަނެއްބައިފަހަރު ދޮޅިފުރާ ނޭވާލައި އުޅޭ އުޞޫލުންވެސް ނޭވާލައެވެ.
ކުދިން ވަރަށް ދެރަވެ ހާސްވެގެން އުޅެމުންގޮސް އިމާމަކަށް ދަޢުވަތުދީގެން ގެއަށް ގެނެސް ބައްޕަގެ ޙާލު ދައްކައިލުމުން އިމާމް ވިދާޅުވީ ބައްޕައަށް އަޑުއިވޭހިސާބު ގާތުގައި މަޑުމަޑުން ޤުރްއާން ޖަހާފައި ބެހެއްޓުމަށެވެ. ދަރިން އެގޮތަށް ކަންތައްކުރުމުން ބައްޕައަށް ބުނެވުނީ ޤުރްއާނުގެ އަޑު އިވުމުން އުނދަގޫވާ ކަމަށާއި ނިއްވައިލުމަށެވެ. އަދި ބައްޕައަށް ކަމެއް ކޮށްދޭނެނަމަ މިޔުޒިކް ޖަހައިދިނުމަށެވެ. ހަމަ އެދުވަހު ހަވީރު އޭނާ ނިޔާވެއްޖެއެވެ.
މީސްތަކުންނޭވެ! މަރުވުމުން އެމީހާ ދުނިޔޭގައި ހުރެ ކުރި ނުބައިކަންކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ. އޭނާއަށް އާޚިރަތް ދުވަހު އޮތް ގޮތެއް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ނަމަވެސް މީސްތަކުންނަށް ޢިބްރަތަކަށްޓަކައި ދައްކަވާ މިބާވަތުގެ ކަންކަމުގެ ވާހަކަ ދައްކަން އެބަޖެހެއެވެ. ޢިބްރަތް ޙާޞިލްކޮށް ޢަމަލުތައް އިޞްލާޙްކުރެވޭނީ މިބާވަތުގެ ޙާދިސާތަކުގެ ވާހަކަދައްކައިގެންނެވެ.
ވިސްނައިލާށެވެ! ދުނިޔޭގައި ގަދަވެ ސަލާމަތުން ހުރިއިރު އޭނާ ލޯބިކުރީ ޝައިޠޯނާގެ ދުންމާރިތަކުގެ އަޑުއަހާށެވެ. ނަތީޖާއަކަށް އެވީ މަރުމަތީގައި ޤުރްއާނުގެ އަޑު އަހާލަންވެސް ނުކުޅެދުމެވެ. އަޑު އިވުމުން އުނދަގޫވުމެވެ. މިއީ ކޮންފަދަ ބޮޑު ފިލާވަޅެއްތޯއެވެ؟
ދުނިޔޭގައި އުޅެން މިލިބޭ މަދު ދުވަސްކޮޅު ޤުރްއާން ކިޔެވުން ގިނަކުރާށެވެ. ޤުރްއާނުގެ އަޑުއަހާށެވެ. ޤުރްއާނަށް ޢަމަލުކުރާށެވެ. ޤިޔާމަތް ދުވަހު ތިބާއަށްޓަކައި ކީރިތި ޤުރްއާން ޝަފާޢަތްތެރިވެ އަތުގައި ހިފައިގެން ސުވަރުގެ ވައްދާނެ މީހަކު ކަމުގައިވާން މަސައްކަތްކުރާށެވެ!
- ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން