ތިމާ އެދޭކަންކަން މިއަދު ފުރިހަމަވާންއެދޭއިރު ނަމާދާ އަޅުކަންކުރަން ފެށުން މާދަމާއަށް ފަސްކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ތިމާ އެދޭކަންކަން މިއަދު ފުރިހަމަވާންއެދޭއިރު ނަމާދާ އަޅުކަންކުރަން ފެށުން މާދަމާއަށް ފަސްކުރަނީ ކީއްވެ؟

ގިނަ ބައަކު އަބަދުވެސް އުޅެނީ މާދަމާ ކުރަންޖެހޭ ކަމެއް ނުކުރެވިދާނެ ކަމުގެ ބިރަށް ހީބިހި ނަގައިގެންނެވެ. އެއީ ހަމަ މުޅިން ބޭކާރު ކަމެކެވެ. ބަޤަރާ ސޫރަތުގެ އެންމެ ފަހު އާޔަތް ކިޔައިލާށެވެ. "ﷲ، އެއްވެސް ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ ތަކްލީފެއް ނުޖައްސަވަމެވެ." ނެތް ހެއްޔެވެ؟ މިވަރުން ނުފުދެނީ ހެއްޔެވެ؟

މާދަމާ ކުރަން ޖެހޭނެކަމަށް ޤަބޫލުކުރެވޭ ކަންކަން މިއަދު ރާވައިލުމަކީ މުޅިން ތަފާތު ކަމެކެވެ. އެއީ އެކަމެއް ކުރަން ތައްޔާރުވުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް އެއިގެ މާނައަކީ އެކަމެއް ނުކުރެވިދާނެކަމަށްޓަކައި ކަންބޮޑުވުމެއް ނޫނެވެ. ކަންބޮޑުވާން ޖެހޭނީ މިއަދު ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވިދާނެ ކަމާއިމެދުގައެ

ދިރިއުޅުމުގައި ކަމެއް ބުރަވާއިރަށް ފުރަތަމަ ކަމަކަށްވެސް ކުރެވޭ ކަމަކަށްވެފައި އޮންނަނީ ތިމާ ކުރަންޖެހޭ އަޅުކަންކުރުމާއި ދުރުހެލިވުމެވެ. ތިމާ ކޮންމެހެން އަދާކުރަންޖެހޭ ފަރުޟްތަކާއި ސުންނަތްކަންކަން ނުކޮށް ދޫކުރަން ފެށުމެވެ. އެކަން އެއްގޮތަކަށްވެސް އެގޮތަށް ނުކުރާށެވެ. ކޮންމެ ޙާލެއްގައިވެސް އެވަޤުތަކު ކުރަން އޮންނަ އަޅުކަން ކުރަމުން ގެންދާ މީހާއަށް އޭނާގެ ބޭނުންތައް ދާނީ ފުދެމުންނެވެ. އިން ޝާ ﷲ

ބަނޑުހައިވުމުން ނުކައި، ފެންބޮވައިގަތުމުން ފެންނުބޮއި ނުތިބެވޭތީ ކޮންމެ ގޮތަކުން ނަމަވެސް އެކަންކަން ކުރަން މަސައްކަތްކުރަމުއެވެ. ފަރުޟު ނަމާދު ނުކުރެވި ހުންނަ މީހާއަށް ހަމައެފަދައިން އިޙްޞާބްކުރެވެން ޖެހޭނެއެވެ. ނަމާދުވަގުތު ޖެހި ނަމާދު ނުކުރެވި ހުންނައިރު ހަމައެފަދައިން އިޙްޞާޞް ނުކުރެވޭނަމަ އެއީ ވަރަށް ހިތާމަހުރި ކަމެކެވެ.

މިއަދު ކުރަން ޖެހޭ ކަންކަން އިޚްލާޞްތެރިކަމާއިއެކު މިއަދު ކުރާ މީހާއަށް މާދަމާ ކުރަން ޖެހޭ ކަންކަން ކުރެވޭނެ މަގު ﷲ ތަޢާލާ ދައްކަވައިދެއްވަވާނެތެވެ. އިން ޝާ ﷲ. ބޭނުންވަނީ އިޚްލާޞްތެރިކަމާއި ހިތްވަރާއި ޢަޒުމެވެ. މާދަމާ ކުރަންޖެހޭނެ ކަމަށް ޤަބޫލުކޮށްގެން ހުންނަ ވަރަށް އުނދަގޫ ކަމެއް ވަރަށް ލުއިކޮށްދެއްވަވާނީ ވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ ހުރިހާ ކަމަކަށްވެސް ގުޅުން ބަދަހިކުރަންވީ ﷲ ތާޢާލާ އާއިއެވެ.

މި ދެއްކި ވާހަކައިގައި ނަމާދުގެ އިތުރުން އެހެން އަޅުކަން ކުރުން ވެސް ހިމެނެއެވެ. ކަން ބޮޑުވާންވީ މިއަދު ކުރަންޖެހޭ އަޅުކަންތައްތައް ނުކުރެވިދާނެތީއެވެ. މިއަދު ކުރަންޖެހޭ އަޅުކަންތައްތައް ކުރާ މީހާއަށް މާދަމާ ކަންކަން ކުރެވޭނެ މަގު ﷲ ތަޢާލާ ދައްކަވައި ދެއްވަވާނެތެވެ. ކުރަންވީ ހަމައެކަނި ކަމަކީ އެކަމަށް މަސައްކަތް ކުރުމާއިއެކު ދުޢާ ކުރުމެވެ.

މާދަމާ ކަމެއް ނުކުރެވިދާނެ ކަމަށް މިއަދު ނުވިސްނާށެވެ. މިއަދު ކުރަން ޖެހޭ ކަންކަން ވީ އެންމެ ފުރިހަމައަށް މިއަދު ކުރަމުން ގެންދާށެވެ! މާދަމާގެ ކަންކަމަށް ވިސްނާނީ މާދަމާއެވެ. ވީމާ މާދަމާ އެއްވެސް ކަމެއް ނުކުރެވިދާނެ ކަމަށް ވިސްނައި މިއަދު ކަންބޮޑުވުމެއް ނެތެވެ. މާދަމާ ތިމާގެ މައްޗަށް އެއްވެސް ކަމެއް ވާޖބުވާނީ މާދަމާ ތިބާ ދުނިޔޭގައި ހުރިނަމަ ނޫންހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން