ކަންބޮޑުނުވާށެވެ! ތިބާ ކުރި ދުޢާ ދުނިޔޭގަ ޢިޖާބަ ނުކުރެއްވެވުމަކީ މާބޮޑު ރަޙްމަތެކެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކަންބޮޑުނުވާށެވެ! ތިބާ ކުރި ދުޢާ ދުނިޔޭގަ ޢިޖާބަ ނުކުރެއްވެވުމަކީ މާބޮޑު ރަޙްމަތެކެވެ!: މުފްތީ މެންކް

ކަންކަމަށް އެދި ދުޢާކުރަނީ އެމީހަކު އެދޭ ގޮތަށް އެކަމެއް ހިންމަވައިދެއްވެވުން އެދިގެންނެވެ. ނަމަވެސް ﷲ ތަޢާލާ އެބައަކު ދެކެ ލޯބިވެވޮޑިގަންނަވާ އަޅުން ދުޢާކުރުމުން ބައެއް ކަންކަމުގައި އެދޭ ގޮތް ނޫން އެހެން ގޮތަކަށް ކަންކަން އިރާދަކުރައްވަވައެވެ. އެދުނު ކަންތަކުގެ ބަދަލުގައި އެމީހަކަށް ފައިދާ ބޮޑުވާނެ އެހެންކަމެއްވެސް މިންވަރުކުރައްވަވައެވެ.

އެއީ އެމީހާގެ ދުޢާ އައްސަވައިވޮޑިނުގަންނަވާތީއެއް ނޫނެވެ. މީސްތަކުން ކުރާ ހުރިހާ ދުޢާ ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ. ދުޢާކުރުމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުގައި ލިޔުއްވިގެންދެއެވެ. އެހެންކަމާއިއެކުވެސް އެދުނު ގޮތް ނޫން ގޮތަކަށް އިރާދަކުރައްވަވަނީ އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީއެވެ!

މިސާލަކަށް ބުނާނަމަ އިމްތިޙާނުން ތިބާ ފާސްވާން އެންމެ ބޭނުންވި މާއްދާތަކުން ތިބާ ފާސްނުވެދާނެއެވެ. ދިރިއުޅެން ކުރަން ބޭނުންވި މަސައްކަތް ނޫން މަސައްކަތެއް ކުރަން ޖެހިދާނެއެވެ. ތިބާ އެދުނު ބައިވެރިޔާ ނޫން މީހަކު ދެއްވަވައިފާނެއެވެ.

މިފަދަ ޙާލަތްތަކުގައި ﷲ ތަޢާލާގެ ނިންމެވުމަށް ޝަކުވާ ނުކުރާށެވެ! އެކަންކަން މެދުވެރިކުރެއްވެވީ އެކަމުން (ތިބާ ބޭނުންވި ގޮތުން) ތިބާއަށް ލިބެން އޮތީ ގެއްލުންކަން ﷲ ތަޢާލާ ދެނެވޮޑިގަންނަވާތީ އެކަމުން ތިބާ ސަލާމަތްކުރެއްވެވުމަށް ކަމަށް ޔަޤީންކުރާށެވެ!

އަދި ޢާޚިރަތް ދުވަހު ތިބާއަށް ފައިދާބޮޑުވާނީ ތިބާ އެދުނުކަންތައް ހިންމަވައި ނުދެއްވެވުމުން ކަމުގައިވާނަމަ އެކަމެއް އެއްގޮތަކަށްވެސް ދުނިޔޭގައި ހިންމަވައި ނުދެއްވަވައިފާނެއެވެ. ވީމާ އެދޭކަންކަން އެދޭ ވަގުތުގައި އެދޭ ގޮތަށް ހިންމަވައި ނުދެއްވެވުމަކީ ﷲ ތަޢާލާ ތިބާއަށް ރުހިވޮޑިނުގަންނަވާތީކަމަށް އެއްގޮތަކަށްވެސް ހީނުކުރާށެވެ!

އެންމެ ގިނަ ބައަކު އެންމެ ބޮޑަށް މާޔޫސްވާ އެއްކަމަކީ ކައިވެނިކުރަން އެމީހާ ބޭނުންވާ މީހަކާއި ކައިވެނި ނުކުރެވުމެވެ. އެކަމަށް އެތައް މަސައްކަތެއް ކުރުމުންވެސް ކާމިޔާބު ނުވުމެވެ. އެހެންވެ ވަރަށް ގިނަ ދަރުސްތަކުގައި އަހަރެން ބުނަމެވެ. އެކައިވެނިވުމަށް މިންވަރުނުކުރެއްވެވީ އެކައިވެނީގެ ސަބަބުން ލިބެން އޮތް ގެއްލުމުގެ ސަބަބުންކަމަށާއި އުފާވެރިކަން ލިބުން އޮތީ އެހެން މީހަކާއި ކައިވެނިކުރުމުންކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީ ކަމަށް ޤަބޫލުކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން