ފިރިމީހާ އެދުނަސް ޤަޟާ ރޯދަ ދޫކޮށެއް ނުލެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ފިރިމީހާ އެދުނަސް ޤަޟާ ރޯދަ ދޫކޮށެއް ނުލެވޭނެ!

ފިރިމީހާ އެދިއްޖެ ނަމަ ޤަޟާ ރޯދަ ދޫކޮށްލުން ހުއްދަވާނެތޯ؟ މިއީ ވަރަށް ގިނައިން ލިބޭ ސުވާލެކެވެ. 

މިސުވާލުކުރައްވާ ކިޔުންތެރިން ތިރީގައިވާ ލިޔުން ވިދާޅޫވެލައްވާށެވެ! 

"ފިރިމީހާ އެދުނު ނަމަވެސް ޤަޟާ ރޯދަ ހިފައިގެން ހުރެ ރޯދަ ދޫކޮށެއް ނުލެވޭނެއެވެ. އެއީ ފަރުޟު ރޯދައަކަށްވަތީއެވެ. ﷲ އަށް އުރެދުމަކަށްވާތީއެވެ!": ޝައޚް ޢިއްޒުއްދީން ޢަދްނާން 

"އެ ނޫން އެއްވެސް ގޮތެއް ނެތިގެން ނޫނީ ޤަޟާ ރޯދައަކަށް ހުރެ، ރޯދަ ދޫކޮށް ނުލެވޭނެއެވެ!" ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ސުންނަތް ރޯދައަކަށް ހުއްޓައި ފިރިމީހާ އެދިއްޖެ ނަމަ ރޯދަ ދޫކޮށްލަންޖެހުނު ނަމަވެސް ޤަޟާ ރޯދައަކަށް ހުންނައިރު ރޯދަ ދޫކުރާކަށް ނުޖެހޭނެއެވެ. ބައެއް ފިރިހެނުން އެމީހުންގެ އަނބިންނަށް ކަންކަން އޮޅުވައިލަމުން ގޮސް ސުންނަތް ރޯދަ ހިފޭނީ ފިރިމީހާގެ ހުއްދަ ލިބިގެން ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުގެ މާނަ އެބަ އެބަ އޮޅުވައިލައެވެ.  ކޮންމެ ސުންނަތް ރޯދައެއް ހިފަން ހުއްދަ ނަގަން އެބަޖައްސުވައެވެ. 

ޢިލްމުވެރިން އެވިދާޅުވާ ބަސްފުޅުގެ މާނަ ހަމަ ކުރިން މިބަޔާންކުރީއެވެ. އެއީ އަނބިމީހާ ރޯދައަށް ހުއްޓައި ޖިމާޢުވާން އެދިއްޖެނަމަ އެކަން ކޮށްދިނުމެވެ. އަނބިންނަށް ބުނެލަން އޮތީ ފިރިމީހާ އެދިއްޖެ ނަމަ އެކަން ކޮށްދޭށެވެ! އަދި ﷲ ތަޢާލާގެ ޙަޞްރަތުން ދަރުމައަށް އެދޭށެވެ! ތިބާގެ ނިޔަތާއި ތިބާ ކުރިމަސައްކތުގެ ދަރުމަ ތިބާއަށް އެތައް ގުނައަކަށް އިތުރުކުރައްވަވައި ދެއްވެވުމަށް އުންމީދުކުރާށެވެ. 

އަނބި މީހާ ހުރީ ގަދަވެސަލާމަތުން ކަމަށްވެފައި ގޭތެރޭގައި އޭނާ ބަލަހައްޓަން ޖެހޭ ކަންކަން ބަލަހައްޓަން އެއްވެސް ހުރަހެއް ނަމަ ވީހައި ގިނައިން ސުންނަތް ރޯދަހިފަމުން ގެންދަންވީއެވެ.  ސުންނަތް ރޯދައަކަށް ހުއްޓައި ފިރިމީހާ ޖިމާޢުވާން އެދިއްޖެ ނަމަ ރޯދަ ދޫކޮށްލަން ޖެހުމަކީ ކޮންމެހެން ސުންނަތް ރޯދައެއް ހިފާ ކޮންމެ ދުވަހަކު ފިރިމީހާގެ ހުއްދަނަގަން ޖެހުމެއް ނޫނެވެ! 

އަންހެނުންނަކީވެސް އަޅުކަންކުރުމުގައި މިނިވަން މުސްތަޤިއްލު ބައެކެވެ. ރޯދައަކީ ކުރާ އަޅުކަމުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ޘަވާބު ދެއްވަވާ އަޅުކަމެވެ. ވީއިރު އެފަދަ މަތިވެރި އަޅުކަމެއް ކުރަން ހުއްދަނަގަން ޖައްސުވައި ހުރަސް އެޅުމަކީވެސް ކޮންފަދަ ބޮޑު ނުބައިކަމެއް ކަމާއިމެދު ވިސްނައިލުން މުހިންމުއެވެ. 

ފިރިމީހާ ވާންވާނީ އަނބިމީހާއަށް ހުރިހާ ގޮތަކުންވެސް އެހީތެރިވެދޭ މީހަކަށެވެ. ވީމާ ސުންނަތް ރޯދަ ހިފަންވެސް އެހީތެރިވެދޭށެވެ. އެކަމުން ވެސް އެމީހަކަށް ލިބޭނީ ޘަވާބާއި ދަރުމައެވެ. އަނބިން ސުންނަތް ރޯދަހިފުމުގައި ވިސްނައިލަންވީ ކަމަކީ ފިރިމީހާ ދުރުދަތުރަކުން އެނބުރި އައުން ފަދަ ޚާއްޞަ ދުވަސްތަކުގައި ސުންނަތް ރޯދައަށް ނުހުރުމަށެވެ.

 

- މަޢުލޫމާތު: އިސްލާމް އޮންލައިން  

 

މިއަދު އޮންލައިން