އަޅުގަނޑު މިއުޅެނީ ހޯމަ ބުރާސްފަތީގައި ރޯދަހިފަން ފަށައިގެންނެވެ. ހިފަންފެށީ ވަރަށް ފަހުންނެވެ. ބައެއް ދުވަސްދުވަހު ރޯދައަށް ހުރެވުނުކަން ހަނދާންނެތި ފެންބޮވުން ފަދަ ކަންކަން އެބަ މެދުވެރިވެއެވެ. އެކަމާއި ވަރަށް ދެރަވެއެވެ. އަޅުގަނޑުގެ ސުވާލަކީ ހަނދާންނެތިގެން ފެންފޮދެއް ބޮވިއްޖެނަމަ ރޯދަ ގެއްލޭނެތޯއެވެ؟
ފުރަތަމަ ކަމަކަށް ސުންނަތް ރޯދަހިފަން ފެށިކަމަށްޓަކައި އުފާކޮށް މަރުޙަބާ ކިޔަމެވެ. ކުރެއްވި ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ދިމާވާ ގޮތަކުން ރޯދައަށްހުރެ ހަނދާންނެތި ކެވިދާނެއެވެ. އަދިބޮވިވެސްދާނެއެވެ! ސުންނަތް ރޯދައަށް ހުންނައިރު މިފަދަ ކަންކަން ދިމާވުން ގިނަވެސްވެއެވެ. އެހެނަސް ކަންބޮޑުނުވާށެވެ! ރޯދަ އެއް ނުގެއްލޭނެ އެވެ. ރޯދައާއިގެން ކުރިއަށްދާށެވެ.
"ރޯދައަށް ހުއްޓައި ހަނދާން ނެތިގެން ކައި ބޮއި ހެދުނު ނަމަވެސް ރޯދައަށް އަސަރެއް ނުކުރާނެ ކަމަށާއި ރޯދަ ކުރިއަށް ގެންދިއުމަށް ރަސޫލް (ﷺ) ވަނީ އިރުޝާދު ދެއްވަވައިފައެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ވިސްނައިލަން ޖެހޭނެ ކަމަކީ މިކަމުގައި އިޚްލާޞްތެރިވުމެވެ. ޤަޞްދުގައި ކައި ބޮއި ހެދުމަށްފަހު ބަހަނާއަކަށް ހަނދާން ނެތުން ހަދަން ހެޔޮ ނުވާނެއެވެ. ކޮންމެ ފަދަ ކޯފާއެއްވެސް ލައްވަވައިފާނެ ކަމަށް ބިރުގަންނަން ވާނެއެވެ. މީސްތަކުންނަށް އޮޅުވައިލެވުނު ނަމަވެސް ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ ހަމަ އެކަންވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާކަން އަބަދުވެސް ޔަޤީންކުރަންވާނެއެވެ.