އަނބިދަރިންނަށް ކުށެއް ކުރެވުނަސް ރުޅި އިސްނުކޮށް ރަޙުމްކުރާ މީހަކަށް ﷲ ރަޙުމްކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
އަނބިދަރިންނަށް ކުށެއް ކުރެވުނަސް ރުޅި އިސްނުކޮށް ރަޙުމްކުރާ މީހަކަށް ﷲ ރަޙުމްކުރައްވަވާނެ! އިން ޝާ ﷲ

ކުޑަކުދިންނަށް ކުށް ކުރެވޭނެއެވެ. އެކުދިންގެ ފުށުން އުނދަގޫވެސް ވާނެއެވެ. އެއްޗެއްސަސްވެސް ގެއްލުން ލިބޭނެއެވެ. އެފަދަ އެއްވެސް ކަމެއް ދިމާވެގެން ރުޅި އައިސް ނުބައި ބަސްތައް ނުބުނާށެވެ. އަތް އިސްނުކުރާށެވެ. އެކުދިންނަށް އޯގާތެރިވެ ރަޙުމްކުރާށެވެ! ކުދިންގެ ކިބައިން އެފަދަ ކަންކަން މެދުވެރިވަނީ އެއީ ކުޑަކުދިންކަމުގައިވާތީއެވެ. 

ހަމައެފަދައިންވެސް އަނބިމީހާއަށްވެސް ކުށެއް ކުރެވިދާނެއެވެ. ތިބާއަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ފޯރުކޮށް ނުދެވިވެސް ހިނގައިދާނެއެވެ. އެފަދަ ކަމެއް ދިމާވާއިރަށް ރުޅިއައިސް ނުބައި ބަސްތައް ނުބުނާށެވެ. އަތް އިސްނުކުރާށެވެ. އޯގާތެރިވެ ރަޙުމްކުރާށެވެ. 

އެހެނީ ޙަދީޘްފުޅުގައި އޮތީ ރަޙުމްނުކުރާ މީހަކަށް ރަޙުމް ނުލިބޭނެކަމަށެވެ. ރަޙުމް ލިބެން އޮތީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. އެއީ ގަދަކަމުން ލިބިގަނެވެން އޮތްކަމެއް ނޫނެވެ. ވީމާ ފުރަތަމަކަމަކަށް ތިމާއަކީ އެހެން މީހުންނަށް ރަޙުމްކުރާމީހަކަށްވާން އެބަޖެހެއެވެ. ރަޙުމް ލިބެން އޮތީ ރަޙުމް ކުރުމުން ކަމުގައިވާތީއެވެ. 

ރަޙުމްކުރެވޭނީ ހިތް މަޑުމޮޅިކޮށްގެންނެވެ. ހަރުކަށި ހިތަކަށް އެކަންކުރަން ވަރަށް އުނދަގޫވާނެއެވެ. ވީމާ ތިމާގެ ހިތަކީ މަޑުމޮޅި ހިތަކަށް ހަދަން މަސައްކަތްކުރަން ޖެހޭނެއެވެ. ﷲ ތަޢާލާއީ އަހަރެމެންގެ އެންމެންގެ މައްޗަށް އެންމެ އޯގާތެރިވަންތަ، އެންމެ ބޮޑަށް ރަޙުމް ކުރައްވަވާ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ނަމާދުގެ ކޮންމެ ރަކްއަތެއްގައި އެކަމަށް އެބަ އިޢްތިރާފްވަމުއެވެ. ވީމާ ނަމާދުކުރަމުން މީސްތަކުންނަށް، ޚާއްޞަކޮށް އަނބިދަރިންނަށް، އަހުލުވެރިންނަށް ރަޙުމްނުކުރާނަމަ ބަހާއި ޢަމަލު ދިމާކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ 

އަދިވެސް ކީއްހެއްޔެވެ؟ ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ ހަމައެކަނި އެމީހާ ދުލުން ބުނާ ބަސްތަކަކަށް ނޫނެވެ. ހިތަށާއި ޢަމަލުތަކަށްވެސް ބައްލަވައި ވޮޑިގެންވެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން