އަޅުގަނޑަކީ ވަރަށް ބަލިޙާލުގައި އޮތް ކުޑަ ދަރިއަކު ބަލަހައްޓަމުންގެންދާ ވަރަށް ފަޤީރު އެކަނިވެރިމައަކީމެވެ. ދަރިފުޅަށް ބޭސްފަރުވާކުރަންޖެހެނީ އިންޑިއާއިންނެވެ. އާސަންދަ ލިބެއެވެ. ނަމަވެސް އެހެން ޚަރަދުތަކަށް އެންސްޕާއިން ލިބެނީ ވަރަށް ކުޑަކުޑަ މިންވަރެކެވެ. އެހެންވެ ޖެހެނީ ކޮންމެ ފަހަރަކުވެސް ފުރަންވުމުން ސަލާންޖަހަމުން ހިނގާށެވެ.
އެހީތެރިކަމެއް ލިބެނީ ތަނަވަސް މީހުންގެ ތެރެއިންވެސް ވަރަށް މަދު މީހެއްގެ އަތުންނެވެ. ގިނަ ތަންތަނުން ވެރިމީހާ އާއި ބައްދަލެއް ނުވެއެވެ. އެތައް ފަހަރަކު ދިއުމުންވެސް ޖަވާބުވެސް ނުދެއެވެ. އަޅުގަނޑު ބޭނުންވަނީ އެފަދަ މީހުންނަށް ޢިބްރަތަކަށްވާނެ ފަދަ ލިޔުމެކެވެ. އެއީ އެހީއަސް އެދި ފޮނުވާ ސިޓީ އާއިއެކުގައި ފޮނުވުމަށެވެ."
ތިރީގައި އެވާ ލިޔުމަކީ ކިޔުންތެރިޔާ އެދިލެއްވި ފަދަ ލިޔުމެއް ކަމަށް ބެލެވެއެވެ.
ﷲ ތައާލާގެ މަގުގައި ހޭދަކުރާނަމަ ނިޢްމަތްތައް އިތުރުކުރައްވަވާނެކަން އެއީ ވަޙީ ބަސްފުޅުން އެނގެން އޮތް ޔަޤީންކަމެކެވެ. ނަމަވެސް ތަނަވަސްކަން ލިބުމުން ގިނަ މީހުންނަށް އިސްކުރެވެނީ ދީލަތިކަމެއް ނޫނެވެ. އަވަސްވެގަނެވެނީ ތަނަވަސްކަން އިތުރުކުރުމަށެވެ.
މިރޭ މިކިޔައިދެނީ ދަހިވެތި މީހަކު ދީލަތި މީހަކަށް ބަދަލުވުމުން އޭނާއަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކައެވެ. އެކަމުގައި އޭނާގެ ދަރިން އަދާކުރި ދައުރުގެ ވާހަކައެވެ. ޢިބްރަތް ޙާޞިލުކޮށް ޢަމަލުކުރަން ރަނގަޅު، ޢިބްރަތްތެރި ފިލާވަލަކަށްވެގެންދާނެ ކަމުގެ އުންމީދުގައެވެ.
އޭނާއަކި ވަރަށް މުއްސަނދި މީހެކެވެ. އަދި ވަރަށް ދަހި ވެސް މީހެކެވެ. އަބަދުވެސް ބަލަނީ ބޭންކް އެކައުންޓަށް ގިނަ ކުރެވެތޯއެވެ. ފަޤީރުންނަށް އެހީތެރިވުމަކީ އޭނާ ކުރަން ދަންނަ ކަމެއްވެސް ނޫނެވެ. އަދި ފަޤީރުންނަށް ބަލައިލުމާއި ހިނިތުންވުމަކީ އަމުދުން ކުރަން ބޭނުންވާ ކަމެއް ވެސް ނޫނެވެ.
ނަމަވެސް އޭނާގެ އަނބިމީހާއަކީ އެ ސިފަތައް ހުންނަ އަންހެނެއް ނޫނެވެ. އެހެންކަމުން ދަރިންގެ ކިބައިގައިވެސް ބައްޕަގެ ހުރި ސިފަތަކެއް ނުހުރެއެވެ. ދަރިން އެއްބަސް ކިޔާފައި ބައްޕައަށް ފިލާވަޅެއް ދޭން ރާވައި 500 މީހުންނަށް ކާން ދެވޭނެ ފައިސާ ބައްޕަގެ ތިޖޫރީން ނެގިއެވެ. އަދި ބައްޕައަށް ޝައްކުވެސް ނުވާނެ ގޮތަށް ދުރު މީހަކު ލައްވައި އަވަށުގެ ފަޤީރުންނަށް ކެއުމެއް ތައްޔާރުކުރިއެވެ. އެޖާފަތަށް ބައްޕައަށްވެސް ދައުވަތު ދިނެވެ.
ބައްޕަ ދިއައިރު ދަރިން އޮތީ އެއީ ބައްޕަ ދޭ ޖާފަތެއް ކަމަށް ޖާފަތުގެ ބައިވެރިންނަށް ބުނެދީފައެވެ. އެހެންކަމުން ބައްޕަ ދިއުމާއިއެކު އެންމެން ބައްޕައަށް ޝުކުރު އަދާކުރިއެވެ. އަދި ހަފްތާއެއް ވެގެން ދިއައިރުވެސް ޝުކުރުގެ ކަންތަކެއް ނުނިމުނެވެ. މަގުމަތިން ބައްޕަ ފެނުނު ނަމަވެސް މީހުން ބައްޕައަށް ޝުކުރު އަދާކުރިއެވެ.
މީސްތަކުންގެ ލޯބި ލިބުމުން ލިބޭ އުފާވެރިކަން ބައްޕައަށް އިހްޞާޞް ކުރެވުނީ އެ ހިސާބުންނެވެ. އެ ހިސާބުން ދަހިވެތިކަން ދޫކޮށް މީސްތަކުންނަށް އެހީތެރިވާން ފެށިއެވެ. އެކަމުގެ ބަރަކާތް އޭނާގެ މަސައްކަތުގައި ލައްވަވަން ފެށުމުން ލިބޭ އާމްދަނީ ދިއައީ އިތުރުވަމުންނެވެ. އެހެންކަމުން ބައްޕައަކީ މިހާރު ހުރިހާ ގޮތަކުންވެސް އަބަދުވެސް ވަރަށް އުފަލުގައި ހުންނަ މީހެކެވެ.
ބައްޕައަށް ހެޔޮ މަގު ވިސްނުމުން ދަރިން ވަނީ ކަންކުރި ގޮތް ކިޔައިދީ މަޢާފަށް ވެސް އެދިފައެވެ. އެދުވަހު ބައްޕަގެ ޖަވާބަކަށްވީ ތިއަ ދަރިން ބައްޕަގެ ލޯހުޅުވައިދީ ބައްޕަގެ ހިތަށް އުފާވެރިކަން ހޯދައިދީފި ކަމަށެވެ. ވީމާ މަޢާފަށް އެދެން ޖެހެނީ ވެސް ޝުކުރުވެރިވާން ޖެހެނީ ވެސް ތިއަ ދަރިންނަށް ބައްޕަ ކަމަށެވެ.
މީސްތަކުންނޭވެ. މުދަލުގެ ދަހިވެތިކަމުގައި ބަގުޑި ބައްދާ މީހަކަށް ދުވަހަކުވެސް ހިތް ހަމަޖެހިލައިގެން ނިދައިވެސް ނުލެވޭނެއެވެ. ނިކަމެތި ނަމަވެސް ދީލަތި މީހާ އަބަދުވެސް ހުންނާނީ އުފަލުގައެވެ. ވީމާ ދީލަތި މީހަކަށް ވާން މަސައްކަތް ކުރާށެވެ! ދެ ދުނިޔޭގައިވެސް އެކަމުގެ މަންފާ ކުރާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން