ސުވާލު:. ތިން އަހަރު ވެފައިވާ ދަރިފުޅު ގޮވައިގެން އުޅޭ އުޅުމުގައި ވަރަށް ގިނަ ފަހަރު އެ ކުޑަކުއްޖާއަށް ބޮސްދެވޭ. މިހެން ދެވޭ ކޮންމެ ފަހަރަކު ދެން ތިބި ކުދިންނަށް ވެސް ދޭންޖެހޭނެތޯ؟ ނުދީފި ނަމަ ދަރީންގެ މެދުގައި ތަފާތުކުރުން ކަމުގައިވާނެތޯ؟ ދެން ތިބޭ ކުދިންގެ އުމުރަކީ 16 އަހަރުގެ ފިރިހެން ކުއްޖެއް އަދި 13 އަހަރުގެ އަންހެން ކުއްޖެއް!
ޖަވާބު:. ކުދިންނަށް ލޯބިން ކޮށްދޭން ޖެހޭނީ އެ ކުއްޖަކަށް ބޭނުންވާ ކަންތައްތަކެވެ. ކުއްޖަކު ބަލިވެގެން ބޭސްކުރަން ޚަރަދުކޮށްފި ނަމަ އަނެއް ކުއްޖާއަށް އެ ޚަރަދު ކުރަން ނުޖެހޭނަމަ (ބަލިނުވާނަމަ) ކުރާކަށް ނުޖެހެއެވެ. އެ ކުއްޖާއަށް ބޭނުން ޖެހިއްޖެ ކަމެއް ކުރާނީއެވެ.
ކޮންމެއަކަސް، ކުޑަކުދިންނަކީ ލޯބިން ބޮސްދޭން ޖެހޭ ކުދިންނެވެ. ނަމަވެސް ބޮޑެތި ކުދިންނަކީ ކުޑަކުދިންނަށް ބޭނުންވާ ވަރަށް އެކަން ބޭނުންވާ ކުދިންނެއް ނޫނެވެ. ބޮޑެތި ކުދިން ވެސް ކުޑައިރު ހުންނާނީ ހަމަ އެ ގޮތަށް ކަންތައް ކޮށްދެވިފައެވެ. ވީމާ ކުޑަކުއްޖާއަށް ބޮސްދޭ ކޮންމެ ފަހަރަކު ބޮޑެއްޗަށް ތިބޭ ކުދިންނަށް ވެސް ބޮސްދޭކަށް ނުޖެހެއެވެ.
-- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް