ބައެއް ފިރިން އެމީހުންގެ އަނބިން ޙައިޟުވުމުން، އެކަނބަލުން އެކަމުން ޠޯހިރުވަންދެން އެބަ ބާކީކޮށްލައެވެ. އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެކަން އެގޮތަށް ކުރާކަށް އަހަރެމެންގެ ދީނަކު ނެތެވެ.
ޙައިޟުވުމުގައި އަންހެނުންގެ އޮތީ ކޮންކުށެއް ހެއްޔެވެ؟ އެއީ އެކަނބަލުން އަމިއްލައަށް ލިބިގަންނަ ކަމެއް ނޫނެވެ. އެއީ އަންހެނުންގެ ކިބައިގައި ﷲ ތަޢާލާ ލައްވަވާފައިވާ ކަމެކެވެ.
ޞަޙީޙް ޙަދީޘްފުޅުން ޘާބިތުވާން އޮތް ގޮތުގައި ޙައިޟުގެ ދުވަސްވަރު (އެކަނބަލުންގެ ޞިއްޙަތު ތަންދޭނަމަ ތަންދޭ މިންވަރަކުން) ދެމީހުން ލޯބިކުރުން ހުއްދައެވެ. ހަމައެކަނި މަނާވެގެންވަނީ ޖިމާޢުވުމެވެ. އެކަންކުރުން ވަނީ ޙަރާމްވެގެންނެވެ.
ކަންމިހެން އޮއްވައި 7 ދުވަސްވަންދެން (ޙައިޟުން ޠޯހިރުވަންދެން) އެކަނބަލުން އެކަނިވެރިކޮށް ނިކަމެތިނުކުރާށެވެ. ދެމީހުން ކުރިންވެސް ނިދައި އުޅުނު ގޮތަށް އެކުގައި ނިދައިއުޅޭށެވެ. ޙައިޟުގެ ދުވަސްވަރު އެކަމުގެ ސަބަބުން އެކަނބަލުންނަށް ވަރުބަލިކަމެއް ލިބޭނަމަ އޯގާތެރިކޮށް ކަންކަންކުރާށެވެ. ލިބޭމިންވަރަކުން ފައިދާހުރި ކާނާ ކާންދޭށެވެ. ވަރުބަލިވާނަމަ އަރާމުކުރަން ވަޤުތު ހޯދައިދޭށެވެ.
- މުފްތީ މެންކުގެ ދަރުސަކުން