"އެކިއެކި ކަންކަން ދިމާވެގެން ބައްދަލުކުރާ އަދި ފޯނުންވެސް ގުޅާ ބައެއް މީހުންގެ ގާތުގައި ދުޢާކުރަން ބުނީމާ އެމީހުންނަށް ހީވަނީ އެއީ އެކަމަކަށް އަހުރެން ސަމާލުކަން ނުދިނީ ކަމަށެވެ. ދުޢާއަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރުކަން އެމީހުންނަށް ޤަބޫލެއް ނުކުރެވެއެވެ. ދުޢާކުރުމުން އައްސަވައިވޮޑިގެންވާކަމާއި ޢިޖާބަކުރައްވަވާނެކަން ޔަޤިންކުރަންވެސް އުނދަގޫވަނީއެވެ."
މިއީ ޝައިޚަކު ވަރަށް ދެރަވެ ހުންނަވައިގެން ވިދާޅުވި ބަސްފުޅެކެވެ. މިބަސްފުޅުގެ އަޑު އިވުމުން ބޭނުންވީ މީގެ 3 އަހަރުކުރިން ހަމަ އެންމެންގެ ލޯމަތީގައި ހިނގައި ގޮސްފައިވާ ކަމެއްގެ ހަނދާން އައުކޮށްލާށެވެ. ޝައިޚް އެވިދާޅުވާ ވިސްނުމުގެ މީހުންނަށް ޢިބްރަތަކަށްވެދާނެކަމުގެ އުންމީދުގައެވެ.
2019 ވަނަ އަރުގެ އެޕްރިލްމަހުގެ 15 ވަނަ ދުވަހު އެންމެންގެ ލޯތަކަށް މާތް ﷲ ދެއްކެވި ކަމެއްގެ ހަނދާން އަުކޮށްލަމާތޯއެވެ! އެދުވަހު ކުރި އިސްތިސްޤާ ނަމާދަށްފަހު ކުރިދުޢާ 7 އުޑުމަތިން އަޑުއައްސަވައިވޮޑިގެންނެވި ކަމުގެ ހެކި ދެއްކެވީ ވަޤުތުންނެވެ. ހަމަ އެވަގުތު ވެއްސެވި ހިމަފޮދު ވާރެއިންނެވެ.
އެދުވަހު ލިޔުނު ޚަބަރުތަކުން:
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޝައިޚުގެ ގައިކޮޅުގައިވެސް ރަޙްމަތުގެ ވާރޭ ޖެހުނު ކަމަށެވެ. އަދި ބައެއް ރަށްރަށަށް ވާރޭ ވެހުނު ކަމުގެ މައުލޫމާތުވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ޚުޠުބާގައި ކިޔާފައިވާ ފަދައިން މަސައްކަތް ކުރަންވީ އަމަލުތައް އިޞްލާޙް ކުރުމަށެވެ. ތަޤްވާވެރިކަން އިތުރުމަށެވެ. ކުރެވޭ ފާތަކުން ތައުބާވުމަށެވެ. އެފަދަ ފާފައެއް ދެން ނުކުރުމަށް އަޒުމް ކަނޑައެޅުމަށެވެ. ކީރިތި ޤްރްއާނުގައި ވަނީ "ރަށްތަކުގެ އަހުލުވެރިން، އީމާންވެ، ތަޤްވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންމާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވަވައިދެއްވެވީމުހެވެ."
ދެވަނަ ޚަބަރު:
އިސްތިސްޤާ ނަމާދުކޮށް ދުޢާކުރަމުން ދަނިކޮށް މާލެއަށް ވާރޭ ފޮދެއް ވެހިއްޖެ
އިސްތިސްޤާ ނަމާދުކޮށް ދުޢާކުރަމުން ދަނިކޮށް މާލެއަށް ވާރޭ ފޮދެއް ވެހިއްޖެ އެވެ.
މީޓިއޮރޮލޮޖީން ވަނީ މެންދުރު 12.54 ހައި އިރު މާލެއަށް ވާރޭ ފޮދެއް ވެހުނުކަން ކަށަވަރުކޮށްދީފައެވެ. މީޓިއޮރޮލޮޖީން ބުނީ އެއީ އެ އެވަގުތު މާލެ މަތީގައި ހަދާލި ކުޑަ ވިލާކޮޅަކުން ވެހުނު ކެރިފޮދެއް ކަމަށެވެ.
މިއަދު މާލޭގައި ކުރި އިސްތިސްޤާ ނަމާދު އިމާމުވެ ކޮށްދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްއެވެ.
ހަމަ އެވަގުތު މާލޭގެ އިތުރުން ބައެއް ރަށް ރަށަށް ވެސް ވާރޭ ވެހުނެވެ. އެއިގ ތެރެއިން އެއްރަށަކީ ޅ. ނައިފަރެވެ.
މިޚަބަރުތަކުގެ ހަނދާން ވަރަށް ގިނަ ބައަކު އަދިވެސް ހުންނާނެއެވެ.
އެދުވަހުގެ ޚުޠުބާގައި ކިޔާފައިވެއެވެ. "މަސައްކަތް ކުރަންވީ އަމަލުތައް އިޞްލާޙް ކުރުމަށެވެ. ތަޤްވާވެރިކަން އިތުރުމަށެވެ. ކުރެވޭ ފާފަތަކުން ތައުބާވުމަށެވެ. އެފަދަ ފާފައެއް ދެން ނުކުރުމަށް އަޒުމް ކަނޑައެޅުމަށެވެ. ކީރިތި ޤްރްއާނުގައި ވަނީ "ރަށްތަކުގެ އަހުލުވެރިން، އީމާންވެ، ތަޤްވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންމާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވަވައިދެއްވެވީމުހެވެ."
މިފަދަ ހަނދާންތައް އައުނުކުރެވޭނަމަ ޝައްކުތައް އުފެދި އިތުރުވާނެއެވެ. ދުޢާކުރަން ފެށުމުން ޙައްލު ލިބޭކަން ބަޔާންކޮށް މިއަދުނޫހުގެ ބައެއް ކިޔުންތެރިން މަޢުލޫމާތު ޙިއްޞާކުރެއެވެ. އެފަދަ ވާހަކައެއްގެ ބަދަލުގައި ޙިއްޞާމިކުރީ އެންމެންގެ ލޯމަތީގައި ހިނގައިދިއަކަމެއްގެ ވާހަކައެވެ.