ދެމަފިރިންވެސް މި 2 އާޔަތަށް ވިސްނައި ޢަމަލުކުރާނަމަ ދެބަސްވާކަށްވެސް ވަރިއާ ހަމައަށް ދާކަށްވެސް ނުޖެހޭނެ-! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ދެމަފިރިންވެސް މި 2 އާޔަތަށް ވިސްނައި ޢަމަލުކުރާނަމަ ދެބަސްވާކަށްވެސް ވަރިއާ ހަމައަށް ދާކަށްވެސް ނުޖެހޭނެ-! އިން ޝާ ﷲ

ދިރިއުޅުމުގައި މައްސަލަތައް ޖެހި ގިނަ ކައިވެނިތައް ރޫޅެމުން މިދާ އެންމެ ބޮޑު ސަބަބަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކުގެ ތެރެއިން އެމީހަކު ޢަމަލުކުރަން ބޭނުންވާ އަމުރުފުޅަކަށް ޢަމަލުކޮށްފައި އަނެއްބައި ދޫކޮށްލެވޭތީއެވެ. 

އަލް އަޙްޒާބް ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާދައިވަނީ މިފަދައިންނެވެ. 

"އަދި ﷲ އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއްމިން ފިރިހެނަކަށްވެސް، އަދި މުއްމިން އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."

(އަލް އަޙްޒާބް: 36 ) 

ވީމާ ދެމަފިރިންވެސް ޤަބޫލުކުރަންވީ ކަމެއް ވަކިގޮތަކަށް ކުރަން އަންގަވާފައިވާނަމަ އެކަމެއް ދެމީހުންވެސް ކުރަންޖެހޭނެ ކަމެވެ. މިސާލަކަށް އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަމުން ﷲ ތަޢާލާއަށް އުރެދުމެއްނުވާ ކަމަކަށް ފިރިމީހާ އަމުރުކޮށްފިނަމަ އޮތީ ކިޔަމަންތެރިވުމެވެ. 

ކުޑަކުޑަ މިޘާލެއް ބުނެފާނަމެވެ. ހެދުން އަޅަން ނުވަތަ ޒީނަތްތެރިވާން ފިރިމީހާއަށް ރީތިގޮތް ބުނެފައި އެގޮތަށް ހެދުންއަޅަން ބުނެފިނަމަ އެގޮތަކީ ﷲ ތަޢާލާ ރުހިވޮޑިގެންވާ ގަތެއްކަން ބެލުމަށްފަހު އޮތީ ކިޔަމަންތެރިވުމެވެ. އެހެދުމަކީ ޤުރްއާނުގައި އޮތްމިންވަރަށް އަޢުރަ ނިވާވާ ހެދުމަކަށްވާންޖެހޭނެއެވެ. ނޫންނަމަ އޭނާ އެކުރަނީ ބާޠިލް އަމުރެކެވެ.

އައްނިސާ ސޫރަތުގައިވަނީ މިފަދައިންނެވެ. 

"ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމްވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ. އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިޔަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ." (އައްނިސާ: 34) 

ފިރިންނަށް ވަކިބާވަތެއްގެ ބާރުތަކެއް ލިބޭ ސަބަބު މިއާޔަތުން އެބައެނގެއެވެ. "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމްވެގެންތިބޭ ބަޔެކެވެ." އޮތުމުންނެވެ. އަނބިން ހިމާޔަތްކޮށް ބަލަހައްޓަން އެބަޖެހެއެވެ. ބެލެހެއްޓުމުގެ މާނައަކީ ތަޅުލައިގެން ގެންގުޅުން އެކަންޏެއް ނޫނެވެ. އެއިގެ ތެރޭގައި ނިދާނެތަން ދެއްކުމާއި ކާންބޯންދިނުމާއި އަދި ބަލިވެއްޖެނަމަ ބޭސްފަރުވާކޮށްދިނުމާއި ލާނެ ފޭރާން ދިނުމާއި މިހެންގޮސް އެތައް ކަމެއް ހިމެނިގެންވެއެވެ. 

ވީމާ އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރެއިން ފިރިމީހާއަށް ކޮށްދޭން ފެންނަ ކަންކަން ކޮށްދިނުމަކުން ނުފުދޭނެއެވެ. އަދާކޮށްދޭން ﷲ ތަޢާލާ އަންގަވާފައިވާ ހުރިހާ ޙައްޤުތަކެއް އަދާކޮށްދޭންޖެހޭނެއެވެ. 

ހަމައެފަދައިން ޙައްޤުތައް އަދާކުރަމުންދަނިކޮށް ނުކިޔަމަންތެރިވުމުގެ ޙައްޤު އަނބިންނަށް ނެތްކަމާއި ނުކިޔަމަންތެރިވާނަމަ އަޅަންޖެހޭ ފިޔަވަޅުތައްވެސް މިއާޔަތުން އެބަ އެނގެއެވެ. ޖަހަންޖެހިއްޖެ ޙާލަތުގައި ޖަހްނަވީ ގޮތް ބަޔާންކޮށްދެއްވަވާފައިވަނިކޮށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރުމުގެ ޙައްޤު ފިރިންނަށް ލިބިގެނެއް ނުވެއެވެ. 

މިއީ ވަރަށް ދިގުކޮށް ވާހަކަ ދެއްކެން އޮތް މައުޟޫއެކެވެ. ވަޤުތު ނެތުމުން ކުރުކޮށްލާނަމެވެ. ބާރުއަޅައި ބުނެލަން ބޭނުންވަނީ ދެމަފިރިންވެސް ޤުރްއާނާއި ޙަދީޘްފުޅުތަކަށް ފުރިހަމައަށް ޢަމަލުކުރަންޖެހޭނެއެވެ. އެ ހަދީޘްފުޅު ޤަބޫލެއް ނުކުރަން، މިވެނި އާޔަތެއް ނުވަތަ އާޔަތުގެ މިވެނިބައެއް ޤަބޫލުނުކުރާކަމަށް ބުނުމުގެ ޙައްޤު ދެމަފރިންކުރެ އެކަކަށްވެސް ލިބިގެނެއް ނުވެއެވެ. ފުރަތަމަ އާޔަތުގައި އެވަނީ އެވާހަކައެވެ. 

ވީމާ ދެމަފިރިންވެސް ޤުރްއާނާއި ޙަދީޘްފުޅުތަކުގައި ހިފަހައްޓައި ޢަމަލުކުރާށެވެ! އެއިރުން ވަރިއާއި ހަމައަށް ދާންޖހުން ވަރަށް މަދުވާނެއެވެ. ދާން ނުވެސް ޖެހޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން