ސަޖްދަކުރުމުގެ މަތިވެރިކަން މިހާބޮޑުކަން އެނގޭ މީހާ ސަޖިދަކުރުން ގިނަކުރާނެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ސަޖްދަކުރުމުގެ މަތިވެރިކަން މިހާބޮޑުކަން އެނގޭ މީހާ ސަޖިދަކުރުން ގިނަކުރާނެއެވެ!: މުފްތީ މެންކް

ﷲ ތައާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަމަލަކީ ސަޖިދަކުރުމެވެ. އެންމެ ގިނަ ބައަކު ސަޖިދަކުރަނީ މަސްޖިދުގައެވެ. ސަޖިދަކުރާ މީހާއަށް ކިޔަނީ ސާޖިދުއެވެ. ވީމާ އަހަރެމެން ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރަންވީ އެންމެ ގިނައިން ސަޖިދަކުރާ ސާޖިދަކަށްވުމަށެވެ.

ސަޖިދަކުރުމަށް ﷲ ތަޢާލާ ލޯބިވެވޮޑޮވޮގަންނަވާ މިންވަރު ނިކަން ދެކެބަލާށެވެ! ރަސޫލް (ﷺ) އެހައި ގިނައިން ސަޖިދަކުރައްވަވަމުން ގެންދެވިއިރުވެސް ސަޖިދަކުރެއްވެވުން ގިނަކުރެއްވެވުމަށް ރަސޫލް (ﷺ)އަށް ވަޙިކުރެއްވެވިއެވެ. ހަމައެއާއިއެކު ސުވަރުގޭގައި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިވުމަށް އެދޭމީހާއަށްވެސް އޮތީ ސަޖިދަކުރުން ގިނަކުރުމެވެ. ވީއިރު ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވުމަށް އޮތް މަގަކީ ވެސް އަދި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައި ސުވަރުގޭގައިވުމަށް އޮތްމަގަކީވެސް ސަޖިދަކުރުން ގިނަކުރުމެވެ.

ހަމައެއާއިއެކު މިއަދުގެ ސައިންސް ނުވަތަ ޑޮކްޓަރީ ހޯދުންތަކުގެ އަލީގައި އެނގެން އޮތް ޙަޤީޤަތަކީ ސަޖިދަކުރުމަކީ ޞިއްޙަތަށް ނުހަނު ފައިދާކުރާ ކަމެއްކަމެވެ. ސަޖިދަކުރުމުން ހަށިގަނޑަށް ލިބޭ ފައިދާތަކަށްވުރެ ބޮޑީ ސަޖިދަކުރުން ގިނަކުރުމުން ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުވެ އެކަމުގެ ސަބަބުން ކަންބޮޑުވުންތަކުން ސަލާމަތްވެހުރެވޭތީ ކުރާފައިދާއެވެ.

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މަރުވުމަށްދާންދެން ސަޖިދަކުރުމުގައި ސާބިތުވުމަށެވެ. ހަމައެއާއިއެކު މިސްކިތެއް އަޅައިފި މީހަކަށް ސުވަރުގޭގައި ބިނާއެއް ޤާއިމުކޮށްދެއްވަވަނީ މިސްކިތް އަޅަނީ ﷲ ތަޢާލާއަށް ސަޖިދަކުރުމަށް ކަމުގައިވާތީއެވެ.

ފާހަކަކުރެވޭ ހެއްޔެވެ؟ ނަމާދުގެ ކޮންމެ ރަކްއަތެއްގައި، އެއީ ސުންނަތް ނަމާދެއް ނުވަތަ ފަރުޟު ނަމާދެއް ނަމަވެސް އެނޫން ކޮންމެ ކަމެއްވެސް ތަފާތެވެ. (1 ޤިޔާމް، 1 ރުކޫޢް، 1 އިޢްތިދާލް) ނަމަވެސް ނަމާދުގެ ކޮންމެ ރަކްޢަތެއްގައި ދެ ސަޖިދަކުރަމެވެ. ކިޔަނީ އެއް ތަސްބީޙްއެކެވެ. ވީމާ ކޮންމެ ރަކްޢަތެއްގައި 2 ސަޖިދަކުރަން އޮތީވެސް ސަޖިދަކުރުން ގިނަކުރުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ޢަމަލުކަމުގައިވާތީއެވެ!

އިބިލީސް އެންމެ ދެރަވެ ކަރުއެލުވައިލަނީވެސް ސަޖިދަކުރުމުންނެވެ. އިބިލީހަށް އެންމެ ސަޖިދައެއް ކުރަން އަމުރުފުޅުކުރެއްވެވުމުން ނުކޮށް އިންކާރުކުރީއެވެ. އަހަރެމެން ނަމާދުގެ ކޮންމެ ރަކްޢަތެއްގައި ދެފަހަރު އެބަ ސަޖިދަކުރަމުއެވެ. އަދި ޤުރްއާން ކިޔަވަމުންވެސް އެބަ ސަޖިދަކުރަމުއެވެ. އުފަލެއް ލިބޭހިނދުގައިވެސް އެބަ ސަޖިދަ ކުރަމުއެވެ. މިފަދަ ކޮންމެ ސަޖިދައެއް ކުރާ ކޮންމެފަހަރަކީ އިބިލީހަށް އިބިލީހުގެ ނިކަމެތިކަން އިޙްޞާޞް ކުރެވޭ ވަގުތުތަކެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން