ޤަޟާކުރަން ޖެހޭ ރޯދަ ހުރި ނަމަ އަވަހަށް އެ ރޯދަތައް ހިފައި ނިންމާށެވެ! އެއްކަމަކީ މިއަހަރުގެ ރަމަމާން މަސް ގާތްވަމުން އަންނަކަމެވެ. ދެވަނަ ކަމަކީ މަރުވާނެ ވަގުތެއް ނުއެނގޭއިރު ނުހިފިހުއްޓައި މަރުވެއްޖެނަމަ އޮންނާނީ ޤިޔާމަތްދުވަހު އަދާކުރަންޖެހޭ ދަރަންޏެއްގެ ގޮތުގައިކަމެވެ.
ޤަޟާ ރޯދައަކީ ކޮންމެހެން ހިފަންޖެހޭ ވަރަށް މުހިންމު ރޯދައަކަށްވާއިރު ޤަޟާ ކުރަން ޖެހޭ ރޯދަ ހުރިނަމަ އެކަންކޮށް ނިންމުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. މަޤްބޫލްއުޒުރެއް ނެތި މިއަހަރުގެ ޤަޟާކުރަންޖެހޭ ރޯދަ އަންނަ އަހަރަށް ފަސްކުރުމެއް ނެތެވެ.
އިސްލާމް ދީނުގައި އަޅުކަމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ނަމާދަށެވެ. ހައިޟުވެރިޔާއަށް، ޙައިޟުގެ ދުވަސްވަރު ނުކުރެވި ގެއްލޭ ނަމާދު ޤަޟާކުރުމެއް ނެތެވެ. ނަމަވެސް ޙައިޟުގެ ދުވަސްވަރު ގެއްލޭ ރޯދަ ޤަޟާކުރަން ޖެހެއެވެ. ވީމާ ހައިޟުގެ ދުވަސްވަރު ގެއްލޭ ނަމާދު ދަރަންޏަކަށް ނުވާއިރު ގެއްލޭ ރޯދަ ޤަޟާކުރަން ޖެހުމުން، ރޯދަ ޤަޟާކުރަން ދޭންޖެހޭ ސަމާލުކަން އެނގިގެންދެއެވެ.
--މައުލޫމާތު އިސްލާމް އޮންލައިން