ބައްދަލުކޮށް ޙާލު ބަލަންޖެހޭ މީހުންގެ ޙާލުނުބަލާނަމަ ފޮނުވާ މެސެޖަކުން ކުރާނެ ފައިދާއެއް ނެތް! މެސެޖް ފޮނުވަން އޮތީ ބައްދަލުކޮށް ޙާލުބަލަމުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ބައްދަލުކޮށް ޙާލު ބަލަންޖެހޭ މީހުންގެ ޙާލުނުބަލާނަމަ ފޮނުވާ މެސެޖަކުން ކުރާނެ ފައިދާއެއް ނެތް! މެސެޖް ފޮނުވަން އޮތީ ބައްދަލުކޮށް ޙާލުބަލަމުން!: މުފްތީ މެންކް

އެއް ފަސްގަނޑުގައި ތިބެމެ، ތިމާ ހާލު ބަލަން ޖެހޭ މީހެއްގެ ޙާލު ސޯޝަލް މީޑިއާ މެދެވުރިކޮށް ބެލުމަކުން ނުފުދޭނެއެވެ. އަމިއްލަ ލޮލުން ބަލަންވާނެއެވެ. އަމަލީ ގޮތުން ކޮށްދެވެން އޮތް ކަމެއް ކޮށްދެވޭނީވެސް ބައްދަލުކުރެވިގެންނެވެ. ވީމާ މިކަންކަމަށް ވިސްނައިލުން ވަރަށް ބޮޑަށް އެދެމެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް 1 މިލިއަން ފަހަރު "އަހަރެން ވަރަށް ލޯބިވޭ" މެސެޖް ނުވަތަ ސްޓިކަރ ފޮނުވުމާ އެންމެފަހަރަކު ފިރުމައިލުމާއިވެސް އުޑާއި ބިމާހައި ތަފާތެވެ.

މީހުންގެ ބިޒީކަން ބޮޑުވުމުން ކަމަށްބުނެ ގާތް ތިމާގެ މީހުންނާއިވެސް ބައެއް މީހުން ހުރިހާ ގުޅުންތަކެއް ބާއްވަނީ ސޯޝަލް މީޑިއާގައެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. ވީވަރަކުން ބައްދަލުކޮށް ޙާލު އަހުވާލު ބަލަންވާނެއެވެ. މޫނާއި މޫނު ދިމާކުރަންވާނެއެވެ. ޢާއިލާގެ މީހުން ދިރިއުޅެނީ އެއް ރަށުގައި ކަމަށްވާނަމަ ބައްދަލު ނުކޮށް ތިބުމަކީ ދީނުގައި އަމަލުކުރަން އޮތް ގޮތެއް ނޫނެވެ.

މިހާރަކަށް އައިސް ހުސްވަގުތެއް ލިބުމުންނާއި ހުސްވަގުތު ހޯދައިގެންވެސް ގިނަ ބައަކު ވަގުތު ހޭދަކުރަނީ ފޭސްބުކް ފަދަ ސޯޝަލް މީޑިއާގައި މީސްމީހުންނާއި ވާހަކަދެއްކުމަށެވެ. މިގޮތުން އެމީހަކު އެއްގޮތަކަށްވެސް ނުދަންނަ ގިނަ ބައަކާއިވެސް ވާހަކަ ދައްކައެވެ.

އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ނުވެސް ދަންނަ މީހަކު ކޮންމެފަދަ ލަފައެއްވެސް ދީފާނެއެވެ. އެކަމަކުން އަނެކާއަށް ލިބިދާނެ ގެއްލުމަކަށް ނުވިސްނާނެއެވެ. ވިސްނި ނަމަވެސް ތިމާ ދަންނަ، ހެޔޮ ލަފާ މީހުން ވިސްނާ ވަރަކަށް ނުވިސްނާނެއެވެ. ވީމާ ކަންކަމުގައި މަޝްވަރާ ކުރަން އެންމެ ރަނގަޅީ އެމީހަކު ރަނގަޅަށް ދަންނަ ހެޔޮ ލަފާ މީހުންނާއިއެވެ. ޚާއްޞަކޮށް މޫނާއި މޫނު ދިމާކޮށެވެ.

ފުރުޞަތުތައް ހުޅުވާލެވިފައި މިވާ ދުނިޔޭގައި ސޯޝަލް މީޑިއާ ބޭނުން ނުކޮށް އުޅުމަކީ ކުރަން އެހައި ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ރަނގަޅު ކަންކަން ކުރުމަށް، އިސްލާމް ދީން ހުއްދަކުރާ ކަންކަން ކުރުމަށް ސޯޝަލް މީޑިއާ ބޭނުންކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ހަމަ ބޭނުންކުރަންވީއެވެ. މައްސަލައަކަށްވެގެންދަނީ ސޯޝަލް މީޑިއާ ބޭނުން ކުރެވޭ ގޮތެވެ. ބަދަލުކުރަން ޖެހިފައި މިވަނީ ދިރިއުޅެން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރުން ކަމަށް ދެކޭ ދެކުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން (މިއީ މީގެ 2 އަހަރުކުރިން މުފްތީ މެންކް ދެއްވާފައިވާ ދަރުސަކުން ނަގާފައިވާ ބައެކެވެ. ވީމާ މިހާރު ފެތުރިގެން މިއުޅޭ ކޮރޯނާގެ ސަބަބުން ރައްކައުތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ޢަމަލުކުރުމަކީ މިދަރުސާއި ގުޅުންހުރި ކަމެއް ނޫނެވެ. މިއީ ޢާންމު ޙާލަތަށް ނިޞްބަތްކުރައްވައި ދެއްވާފައިވާ ދަރުސެކެވެ.)

މިއަދު އޮންލައިން