މަރްޔަމްގެފާނަށް އުޑުން މޭވާ ދެއްވެވި ﷲ، ތިބާ ތަޤްވާވެރިވުމުން މިއަދުވެސް ރިޒްޤް ދެއްވަވާނެކަން ޤަބޫލުކުރާމީހާއަށް ދާނީ ރިޒުޤް ލިބެމުން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މަރްޔަމްގެފާނަށް އުޑުން މޭވާ ދެއްވެވި ﷲ، ތިބާ ތަޤްވާވެރިވުމުން މިއަދުވެސް ރިޒްޤް ދެއްވަވާނެކަން ޤަބޫލުކުރާމީހާއަށް ދާނީ ރިޒުޤް ލިބެމުން! އިން ޝާ ﷲ

ﷲ ތަޢާލާ ހުރިހާ ޒަމާންތަކެއްގައިވެސް އާދަފޫވައްޓާލަނިވި އެތައް ކަމެއް މީސްތަކުންގެ ލޯތަކަށް ދައްކަވައެވެ. އެއީ ވިސްނައި ޢިބްރަތް ޙާޞިލްކުރުމަށެވެ. ކަންކަމާއި ގުޅިގެން މިއަދު ވަޙީ ބާވައި ނުލެއްވެވުމަކީ ﷲ ތަޢާލާގެ ރަޙްމަތް އަހަރެމެންނާއިއެކުގައި ނުވުމެއް ނޫނެވެ. މިއަދު އަހަރެމެންނަށް އޮތީ ޤުރްއާނާއި ސުންނަތުގެ އަލީގައި ވިސްނައި ފިކުރުކުރުމެވެ. އެއިރުން ހަމަ ހުރިހާ ކަމެއްވެސް ވިސްނޭނެއެވެ.

ޒަކަރިއްޔާގެފާނު މަރްޔަމްގެފާނު ދިރިއުޅުއްވާ ކޮޓަރިކޮޅަށް ވަދެވަޑައިގަތުމުން ފެނިވަޑައިގަންނަވަނީ ފިނިމޫސުމުގައި ވެސް ހޫނުމޫސުމުގެ މޭވާ ކޮޓަރިކޮޅުގައި ހުއްޓައެވެ. ހޫނު މޫސުމުގައި ފެނިވަޑައިގަންނަވަނީ ފިނިމޫސުމުގެ މޭވާ ހުއްޓައެވެ.

އެކަމާއި ޒަކަރިއްޔާގެފާނު ކަންބޮޑުވެވަޑައިގެން އެތަކެތި ލިބިވަޑައިގަންނަވާ ގޮތަކާއިމެދު ސުވާލުކުރެއްވުމުން މަރްޔަމްގެފާނު ވިދާޅުވީ ލިބިވަޑައިގަންނަވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށެވެ.

އެއީ އެކަންވަމުން އައިގޮތެވެ. އެކަމަނާގެ ތަޤްވާވެރިކަންބޮޑުކަމުން އުޑުން ސުވަރުގޭގެ މޭވާ ﷲ ތަޢާލާ ދެއްވެވަމުން ގެންދެވީއެވެ.

މީސްތަކުންނޭވެ! ތަޤްވާވެރިކަމުގައި ކުރިއަރައިދާން ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރުން ހަމަ މިއަދުވެސް އެމީހަކަށް ރިޒްޤް ދެއްވަވާނެތެވެ! އެހެން ބޭނުންތައް ވެސް ފުއްދަވައިދެއްވަވާނެތެވެ. ތަޤްވާވެރިކަން އިސްކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ!

ރިޒްޤް ދަތިވާނަމަ މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ހިތްވަރުކުރާށެވެ. ކިތަންމެ ދަތިވި ނަމަވެސް ﷲ ތަޢާލާ ހުއްދަކުރެއްވެވި ގޮތުގައި ނޫނީ އެއްވެސް އެއްޗެއް ލިބިނުގަތުމަށެވެ. ކަންކަމަށް ދަތިވާވަރަކަށް ތަޤްވާވެރިކަން އިތުރުކުރާށެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދަން މަސައްކަތަކުރާށެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމުން ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ.

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން