ކައިވެނީގެ ހަފްލާތަކަށް މިހާރަކަށް އައިސް ދައުވަތު ދެނީ ދައުވަތުދޭން ނުޖެހޭ މީހުންނަށެވެ. ކައި ބަނޑުފުރައިގެން ތިބި މީހުންނަށެވެ. ކާނެ އެއްޗަކަށް ބޭނުންވެގެން ތިބި މީހުންނަކަށް ނޫނެވެ. ދައުވަތު ލިސްޓުން ނިކަމެތިން އެބަ ބާކީކުރަމުއެވެ.
ނަތީޖާއަކަށްވަނީ ކާތަކެތީގައި ދެ އިނގިލި ކުރި ޖައްސައިލުމަށްފަހު ނިންމައިލުމެވެ. އެކަމުގެ ނަތީޖާއަކަށްވަނީ ތައްޔާރުކުރި ގިނަ އަދަދެއްގެ ކާބޯތަކެތި އިސްރާފްވެގެން ދިއުމެވެ.
ތަނަވަސްކަން ހުރިނަމަ މުޅި ރަށުގެ އެންމެންނަށް ވެސް ކައިވެނީގެ ޙަފްލާއަށް ދައުވަތުދޭށެވެ. ދައުވަތު ދެވޭ މީހުންގެ އަދަދު ގިނަވުމަކީ މައްސަލައެއް ނޫނެވެ. މައްސަލަ ނުކުންނަނީ ޖާފަތް ބޮޑުކޮށް އިސްރާފްކުރުމުންނެވެ. ކިތަންމެ މަދު މީހުންނަށް ދައުވަތު ދިން ނަމަވެސް އިސްރާފްކޮށްފިނަމަ އެ ބަރަކާތްތެރި ހަފްލާ އެވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެ ޙަފްލާއަށްވެފައެވެ.
މިސާލަކަށް ތިބާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ 10000 މީހުންނަށްވެސް ދައުވަތުދޭށެވެ. ދައުވަތު ދެވުނު މީހުންގެ ތެރޭގައި ޢާއިލާގެ މީހުންނާއި ގާތް މީހުންގެ އިތުރުން ޔަތީމުންނާއި މިސްކީނުންނާއި ފަޤީރުން ފަދަ މީސް މީޙުން ހިމެނޭނަމަ އެކުރެވުނީ ވަރަށް ރަނގަޅު ކަމެކެވެ.
އެހެންކަމުން ބަލަންވީ ވީހައިވެސް ގިނައިން މިބުނި ބައިތަކުގައި ހިމެނޭ މީހުންނަށް ދައުވަތު ދިނުމަށެވެ. ތަނަވަސްކަން ހުރިވަރަކުން ޢާއިލާ އާއި ގާތް މީހުންގެ ތެރެއިންވެސް ނިކަމެތިންނަށް އިސްކަން ދޭންވާނެއެވެ. ނަމަވެސް މިހާރަކަށް އައިސް ފެންނަނީ ނިކަމެތިން ބާކީ ކުރެވޭ ތަނެވެ. އެއީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ.
ކައިވެނީގެ ހަފްލާއަކަށް ކާބޯތަކެތި ތައްޔާރުކުރި ނަމަވެސް މިހާރު ގިނަ ބައަކު ބަލަނީ ތައްޔާރުކުރާ ތަކެތިން ޞިއްހަތަށް ކުރާނެ ފައިދާއަކަށް ނޫނެވެ. މޮޅަށް ރީތިކޮށް ޒީނަތްތެރިކޮށް ބެހެއްޓޭ ތަކެއްޗަށެވެ. މިސާލަކަށް ތާޒާ މޭވާއަކުން ފަނި ގިރައިފާނެއެވެ. އެ ފަނި ޒީނަތްތެރިކޮށް ރީތި ކުލަ ޖައްސަން ތަފާތު ތަކެތި އަޅަމުން ގޮސް އެތަކެތީގެ ސަބަބުން އެއީ ޞިއްހަތަށް ގެއްލުންދޭ އެއްޗަކަށް އެބަ ބަދަލުކޮށްލައެވެ. މިއީވެސް އިޞްލާޙްކުރަން ޖެހިފައިވާ ކަމެކެވެ. އެންމެ މީހަކަށް ނަމަވެސް ނުވަތަ ގިނަ ބައަކަށް ނަމަވެސް ދައުވަތުދީގެން ގެނެސް ކާންދޭން ޖެހޭނީ ޞިއްހަތަށް ފައިދާކުރާނެ ތަކެއްޗެވެ.
އަހަރެންގެ ޤައުމު ޒިމްބާބްވޭގައި އޮންނަ އާދައަކީ ކާބޯ ތަކެތި ގިނަވާނަމަ ހަފްލާއަށްދާ މީހުން ދާނީ ޕާރުސަލްކޮށްގެން އެތަކެތި ހިފައިގެންނެވެ. ނަމަވެސް ތަރައްޤީވެފައިވާ ޤައުމުތަކުގައި އިތުރުވާ ބައި އަޅަނީ ކުނިވަށިގަނޑަށެވެ. ކާބޯތަކެތި އިސްރާފް ކުރުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް މަނާކުރާ ކަމެކެވެ. އެހެންކަމުން ކޮންމެ ބާވަތެއްގެ ހަފްލާއެއް ބޭއްވި ނަމަވެސް ފާހަގަ މިކުރި ކަންކަމަށް ސަމާލުކަން ދިނުމުން ﷲ ތައާލާގެ ރުހިވޮޑިގަތުން އިތުރުވެގެންދާނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން