ލޯބިވެރިޔާ ނަމަވެސް ގޭތެރެއިންނަމަވެސް ޢިއްފަތްތެރިކަމަށް އަރައިގަތުމުގެ ޢަމަލެއް ފެނިއްޖެނަމަ ކަންކަންކުރަން އޮތް މަގު-: ޝައިޚް ޢަބްދުއްނާޞިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ލޯބިވެރިޔާ ނަމަވެސް ގޭތެރެއިންނަމަވެސް ޢިއްފަތްތެރިކަމަށް އަރައިގަތުމުގެ ޢަމަލެއް ފެނިއްޖެނަމަ ކަންކަންކުރަން އޮތް މަގު-: ޝައިޚް ޢަބްދުއްނާޞިރު

މިހާރަކަށް އައިސް ވަރަށް ގިނައިން އުޚުތުން ކުރިމަތިކުރުވާ މައްސަލައެކެވެ. ލޯބިވެރިޔާ ނުވަތަ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ހީވެސް ނުކުރެވޭ މީހަކު އެއުޚުތުންނަށް އޮލުވާލައިގެން ކޮޓަރިއެއް ފަދަ ތަނަކަށް ވައްދުވާފައި ޢިއްފަތްތެރިކަމަށް އަރައިގަންނަ ކަމުގެ ޝަކުވާއެވެ. 

ފުރަތަމަ ކަމަކީ ލޯބިވާންވީ ކައިވެނިކުރާށެވެ! ކައިވެނިނުކޮށް ކުރުން ހުއްދަ ނޫން ކަންކަން ކުރާކަށް ނޫނެވެ. ވީމާ އެފަދަ ފުރުޞަތުތައް ލޯބިވެރިޔާއަށް ނުދޭށެވެ. ދެން އޮތީ އެއަށްވުރެވެސް ނުރައްކައުތެރިކަން ބޮޑު މައްސަލައެކެވެ. އެއީ ދިރިއުޅޭ ގޭގެ ތެރެއިން އެފަދަ ކަންކަން ކުރިމަތިވުމެވެ. އެފަދަ ކަމެއް ކޮށްފާނެކަމަށް ޤަބޫލުވެސް ނުކުރެވޭވޭ ޢާއިލީ މީހުންގެ ފަރާތުން އެފަދަ ކަންކަން ކުރިމަތިވުމެވެ. 

މިއިން ކޮންމެ ޙާލަތެއްގައިވެސް ފިލާވަޅު ލިބިގަނެ ޢަމަލުކުރަންވީ ޔޫސުފްގެފާނު ޢަމަލުފުޅު ކުރެއްވެވިގޮތުންނެވެ. އެކަން ހުށަހެޅީ އެތަނަށް ވަދެވެންހުރި 3 ދޮރު ތަޅުލައިފައެވެ. އެތަނަށް ވަދެވެންހުރީ އިތުރު 2 ތަނަކަށް ވަދެގެންކަމަށްވާތީއެވެ. ފުރަތަމަވެސް ވިދާޅުވީ ކީކޭތޯއެވެ؟ "ﷲ އަށް ބިރުވެތިވެވަޑައިގަންނަވަމެވެ." 

އެހެންވިދާޅުވެފައި މަޑުން ހުންނެވީއެއް ނޫނެވެ. އެކަމަށް ރުހިވަޑައިގަތީއެއްވެސް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިވަޑައިގެން އެކަމުން ސަލާމަތްވެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވެވީއެވެ. ދުވެވަޑައިގަތީއެވެ. ދޮރު ހުޅުއްވަވައި ނުކުމެވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވެވީއެވެ. ﷲ ތަޢާލާ އެކަމަށް މަގު ދެއްކެވިއެވެ. ބޭރަށް ނުކުމެވަޑައިގެންނެވޭނެ މަގު ފަހިކުރައްވަވައި ދެއްވެވިއެވެ. 

އަހަރެމެންނަށްވެސް އޮތީ ހަމައެގޮތެވެ! އެޙާލަތުގައި ﷲ ތަޢާލާއަށް ބިރުގަންނަކަމަށް ބުނާށެވެ. ﷲ ތަޢާލާގެ ކޯފާގެމަތިން އޭނާއަށްވެސް ހަނދާންކޮށްދޭށެވެ. އަދި ސަލާމަތްވާން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރާށެވެ! ﷲ ތަޢާލާއަށް ވަކީލުކުރަންވާނީ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށްފަހުގައެވެ. 

ތިބާގެ ނިޔަތާއި ސަލާމަތްވާން ތިބާކުރި މަސައްކަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެނެކަމުން މީހަކު އަނިޔާވެރިވިނަމަވެސް ތިބާގެ ކުށެއް ނެތެވެ. ނަމަވެސް މިބުނި މަގުން މަސައްކަތްކުރިނަމައެވެ. 

- ޝައިޚް ޢަބްދުއްނާޞިރު ޖަންގްދާގެ ދަރުސަކުން

 

--

މިއަދު އޮންލައިން