މޮޅުގޮތް ހޯދަން އިސްލާމް ދީނުގަ އޮތްގޮތް ނޫންގޮތަކަށް ކުރަން މަސައްކަތްކުރި ކޮންމެ ކަމެއް ވަނީ ފޭލްވެފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 40ސ
މޮޅުގޮތް ހޯދަން އިސްލާމް ދީނުގަ އޮތްގޮތް ނޫންގޮތަކަށް ކުރަން މަސައްކަތްކުރި ކޮންމެ ކަމެއް ވަނީ ފޭލްވެފަ!

އަހަރެމެން މުސްލިމުން މިތިބީ ﷲ ތަޢާލާއަށް އީމާންވެގެންނެވެ. އެއީ ކީރިތި ޤްރުއާނުގައި އެކަމަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. ހަމަ އެފަދއިން ރަސޫލް ()ގެ ރަސޫލްކަންވެސް ޤަބޫލުކޮށްގެންނެވެ. އެކަންވެސް ކުރީ ﷲ ތަޢާލާގެ އެންގެވުމަށެވެ. އަހަރެމެން މިތިބީ ކީރިތި ޤްރުޢާނުގެ ހުރިހާ އާޔަތްތައް ޤަބޫލުކޮށް ކަށަވަރުކޮށްގެންނެވެ. 

މިހެން ބުނަންޖެހެނީ ސަބަބުތަކެއް ހުރުމުންނެވެ. ރަސޫލް ، ތިމަންނާއީ ރަސޫލުބޭކަލަކުކަމުގައި މީސްތަކުންނަށް ޙަދީޘްފުޅުކުރެއްވެވީ އެކަން ކުރެއްވެވުމަށް ﷲ ތަޢާލާ އެންގެވުމުންނެވެ. ޤުރްއާނުގެ އެތައް އާޔަތަކުން މިބަހަށް ދަލީލު ލިބިގެންދެއެވެ. 

އިސްލާމް ދީނުގައި ބަޔާންވެގެންވާ ޙުކުމްތަކަށްވުރެ މޮޅު ގޮތްތަކެއް ނެރެވޭނީ ކޮން ބައަކަށް ހެއްޔެވެ؟ ކޮން ޖަމާޢަތަކަށް ހެއްޔެވެ؟ އިސްލާމް ދީނުގައި ބަޔާންވެގެންވާ ކަންކަން ބަދަލުކޮށް އަމިއްލަ ފިކުރުން މޮޅުގޮތްގޮތަށް ބަދަލުކުރި ކޮންމެ ކަމެއް ވަނީ ސައްތައިން ސައްތަ ފޭލްވެފައެވެ. މުޅި ދުނިޔެ ތަމްސީލުކުރާ އދގެ އެފަދަ ނިންމުންތައްވެސް ވަނީ ފޭލްވެފައެވެ. އެކަމުން އެނގެނީ މުޅި ދުނިޔެ އެއްކޮޅަށް އެރި ނަމަވެސް މި ޙަޤީޤަތްތައް ބަދަލެއް ނުކުރެވޭނެއެވެ. 

އެކަމަށް ފެންނަމުންދާ އެންމެ ބޮޑު އެއް ދަލީލަކީ ކުށުގެ އަދަބުތަކާއި ޑްރަގުގެ މައްސަލަތަކާއި އަނހެނުންގެ ޙައްޤުތައް ފަދަ ކަންކަމުގައި އދ އިން ނިންމާފައިވާ ހުރިހާ ނިންމުންތައް އެކުގައި ފޭލްވެފައިވާކަމެވެ. ކުށްކުރުމާއި އަނިޔާކުރުން އިތުރުވެގެން ގޮސްފައިވާ ކަމެވެ. 

އެހެންކަމުން އިސްލާމް ދީނުގައި ބަޔާންވެގެންވާ އެއްވެސް ހައްދަކަށް ބަދަލު ގެނެސް މާމޮޅު ގޮތްތައް ދައްކަން ނުއުޅޭށެވެ! ﷲ ތަޢާލާ އިޚްތިޔާރުތަކެއް ދެއްވަވާފައިވާތީ ބަދަލު ގެނެވިދާނެއެވެ. ނަމަވެސް ކުށްތަކުން މީސްތަކުން ސަލާމަތް ކުރުމަށްޓަކައި އިސްލާމް ދީނުގައި ބަޔާންވެގެންވާ ޙައްދުތަކަށްވުރެ މޮޅު ގޮތެއް ނުދެއްކޭނެއެވެ. 

އިސްލާމް ދީން ބިނާވެފައިމިވަނީ ކީރިތި ޤްރުއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތުގެ މައްޗަށެވެ. ނަމަވެސް ބައެއް މީހުން އެމީހުންގެ އަމިއްލަ ގޮތްތައް ކުރިއަށް ނެރެ މިވެނި ގޮތެއް މާ ރަނގަޅު ކަމަށް އެބަ ބުނެއެވެ. އަދި ރަސޫލް (ޞޢވ)ގެ ސުންނަތުގައި ބަޔާންވެގެންވާ ގޮތްތަކަށްވުރެ އެމީހުންގެ ފަތުވާ މާފުރިހަމަ ކަމަށް ބުނެ ހުއްޖަތް ދައްކަން އެބަ މަސައްކަތްކުރެއެވެ. 

އެފަދަ މީހުންނާއި ކުރަން ޖެހޭނެ ސުވާލަކީ (އެމީހުން) ތިއަ ބުނަނީ ނުވަތަ ދައުވާ ކުރަނީ ކީރިތި ޤްރުއާނުގައި ﷲ ތަޢާލާ ވަޙީޚުރައްވަވާފައިވާ ކަންކަން، އިސްލާމް ދީން ރަސޫލް (ޞޢވ)އަށް އެނގިވަޑައިގަންނަވާވަރަށްވުރެ ބޮޑަށް (އެމީހަކަށް) އެނގެނީ ކަމަށް ހެއްޔެވެ؟ އެހެންކަމަށް ބުނާނަމަ އެކަމުގެ ހެކި ދެއްކުމަށްވެސް އެދޭށެވެ!   

އިސްލާމް ދީނުގެ އެންމެ މުހިންމު އަސާސަކީ ކީރިތި ޤްރުއާނެވެ. ކީރިތި ޤްރުއާން ﷲ ތަޢާލާ ބާވައިލެއްވެވީ ޖިބްރީލްގެފާނު މެދުވެރިކުރައްވަވައި ރަސޫލް ()ގެ އަތްޕުޅު މައްޗަށެވެ. ކީރިތި ޤްރުއާނުގެ އާޔަތްތައް ފުރަތަމަ ވަގެގެންދިއައީ ރަސޫލް ()ގެ ހިތްޕުޅަށެވެ. ބޭރަށް ނުކުތީ ރަސޫލް ()ގެ ދޫފުޅުންނެވެ. ކީރިތި ޤްރްއާނުގެ އާޔަތްތައް މީސްތަކުންނަށް އެނގުނީ ރަސޫލް () ބަޔާންކޮށް ދެއްވެވުމުންނެވެ. ޖިބްރީލްގެފާނު 7 އުޑު މަތިން ގެންނެވި އެއްވެސް ޢާޔަތެއް ރަސޫލް () ބަޔާންކޮށް ދެއްވެވުމުން މެނުވީ އެއްވެސް ޞަހާބީއަކަށް އަޑު އިވިވަޑައިގެންފައެއް ނުވެއެވެ. 

މީސްތަކުންނޭވެ! ބިރުވެތިވެ ރައްކަތުރިވާށެވެ. ބަޔާންކުރި ފަދަ މައްސަލަތައް ނެރުވަނީ ސީދާ އިބިލީހެވެ. އިންސާނުންގެ ތެރޭގައި ތިބި އިބިލީހުގެ އެޖެންޓުން މެދުވެރިކޮށްގެންނެވެ. އިސްލާމް ދީން ﷲ ތަޢާލާ ވަނީ ފުރިހަމަކުރައްވަވައި ނިންމަވައި އެކަން ކީރިތި ޤްރުއާނުގައި ބަޔާން ކުރައްވަވައިފައެވެ. އަލްމާއިދަތު ސޫރަތުގެ 3 ވަނަ ޢާޔަތް ކިޔައިބަލާށެވެ. 

"..މިއަދު، ތިއަބައިމީހުންގެ ދީން، ތިއަބައިމީހުންނަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށް ދެއްވަވައިފީމެވެ. އަދި ތިމަން ރަސްކަލާނގެ ނިޢްމަތް، ތިއަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށްދެއްވަވައިފީމެވެ. އަދި، އިސްލާމް ދީން ތިއަބައިމީހުންނަށް ދީނެއްކަމުގައި ތިމަން ރަސްކަލާނގެ ރުހިވޮޑިގެންފީމެވެ..." 

މިއާޔަތްވެސް މީސްތަކުންނަށް ބަޔާންކޮށް ދެއްވެވީ ހަމަ ރަސޫލް (ޞޢވ)އެވެ. ވީމާ ތިމާމެން އަމިއްލައަށް ގޮތްތައް ކުރިއަށްނެރެ މިވެނި އެވެނި ގޮތެއް މާރަނގަޅުވާނެ ކަމަށް ބުނެވޭނީ ކާކަށް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން