ރުޅި ކޮންޓްރޯލް ނުކުރެވޭ މީހުން ކައިވެނި ނުކުރާށެވެ! އެއީ އަނެކާއަށް ދެވޭ އަނިޔާއެކެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ރުޅި ކޮންޓްރޯލް ނުކުރެވޭ މީހުން ކައިވެނި ނުކުރާށެވެ! އެއީ އަނެކާއަށް ދެވޭ އަނިޔާއެކެވެ!: މުފްތީ މެންކް

ރުޅި ކޮންޓްރޯލު ނުކުރެވޭނަމަ ކައިވެނި ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެހެނީ ކައިވެނިތައް ރޫޅުމުގެ މައިގަނޑު ސަބަބަކީ ރުޅިކަމުގައިވާތީއެވެ. އެމީހެއްގެ ކިބައިގައި ރުޅި ހުންނަ މިންވަރު އެންމެ ރަނގަޅަށް އެނގޭނީ އެމީހަކަށެވެ! ވީމާ އެންމެ މުހިންމު ކަމަކީ ކަމުގެ މާހިރުންގެ އެހީ ހޯދައިގެން ނަމަވެސް ކައިވެނީގެ ކުރިން ރުޅި ކޮންޓްރޯލްކުރަން ދަސްކުރުމެވެ. 

ރުޅި އަންނަހިނދު ހިތަށް ގެންނާށެވެ! ރުޅިއަކީ ޝައިޠޯނާގެ ކިބައިން އަންނަ ކަމެއް ކަމެވެ. ޝައިޠޯނާ އެންމެ އުފާވާ އެއްކަންތައް ކަމެވެ. އަޢޫޛް ކިޔާށެވެ! ކޮޅަށް ހުރިނަމަ އިށީންނާށެވެ! އިށީނދެއިން ނަމަ އޮށޯންނާށެވެ! ވުޟޫވެސްކޮށްލާށެވެ! ރުޅިން ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ  

ރުޅި ކޮންޓްރޯލް ކުރުމަކީ އެކަމަށް މަސައްކަތްކުރުމުން ކުރެވޭނެ ކަމެކެވެ. އެއީ މީހާގެ ގައިގައި ހުންނަ ސިފައެއް ކަމަށް ބުނެ ނިންމައެއް ނުލެވޭނެއެވެ. ކޮންމެ މީހެއްގެ ކިބައިގައި ވެސް ރުޅި ހުންނާނެއެވެ. އެކިމީހުންގެ ގައިގައި އެކިވަރަށެވެ. އެކަމަށް ވިސްނައި ކޮންޓްރޯލް ކުރުމަކީ އެމީހާގެ ކަމެކެވެ. އެކަމަށް މަސައްކަތްކުރުމުން ﷲ ތަޢާލާ ހިތްވަރު ދެއްވަވާނެތެވެ. މަގުވެސް ފަހިކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

އަހަރެންނަށް މީހަކު ދެއްކި ވީޑިއޯ ކްލިޕެއްގައި ފެންނަނީ ކައިވެނީގެ ހަފްލާއަށްފަހު މީހުން ދިއުމުން އަނބިމީހާ ފިރިމީހާގެ އަގައަށް ކޭކުކޮޅެއް ލައްވަން އުޅެނިކޮށް ކޭކުކޮޅު ވެއްޓުމުން ގައިހުރި ބާރަށް މޫނުމަތީގައި ޖަހާތަނެވެ. 

މިބާވަތުގެ ޢަމަލުތަކަކީ އެއްވެސް މީހަކުކޮށްގެންވާނެ ކަންކަމެއް ނޫނެވެ. ޚާއްޞަކޮށް ދެމަފިރިން އެކަކު އަނެކަކަށް ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. މިބާވަތުގެ ކަންކަން ކުރެވެނީ ރުޅި ކޮންޓްރޯލުކުރުމުގެ ބާރު އެއްވެސް ވަރަކަށް އެމީހެއްގެ ކިބައިގައި ނެތުމުންނެވެ. 

ފިރިމީހާއަށް ކުރެވޭ ވަރަށް ކުދިކުދި ކަމަށް ރުޅިގަދަވެ ދުލުން ނުބައިބަސްތައް ބުނެ އަދި ގައަށް އަތްލައި ކަންކަންކުރާ އަންހެނުންވެސް މަދެއް ނޫނެވެ. ހަމަ ރުޅި ކޮންޓްރޯލު ނުކުރެވޭތީއެވެ! ވީމާ ރުޅިކޮންޓްރޯލްކުރުމަކީ ދެމަފިރިންވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތަކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން