ސަމާލުކަން ނުދީފިނަމަ މިޒަމާނުގެ އެންމެ ގިނަބައަކު ނަރަކައަށް ވަންނަނީ ދުލާ ކަންފަތުން ކުރާފާފަތަކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ސަމާލުކަން ނުދީފިނަމަ މިޒަމާނުގެ އެންމެ ގިނަބައަކު ނަރަކައަށް ވަންނަނީ ދުލާ ކަންފަތުން ކުރާފާފަތަކުން!

ޔޯލަ ތުހުމަތުކުރުމާއި ޔޯލަވާހަކަދެއްކުމާއި ނެތިމޮށުމާއި ދޮގުހެދުމަކީ އެއީ ފާފަތައް ކަމަށްވެސް ނުބަލައި މިހާރު ގިނަބައަކު ކުރަމުން ގެންދާ ފާފަތަކެވެ. ތިމާ އެކަންކަމުން ދުރުހެލިވެހުރުމާއިއެކު އެކުވެރިއަކު އެފަދަ ފާފައަކަށް އަރައިގަންނަނަމަ އެކަން ހުއްޓުވާށެވެ! އެކަމުގައި ހުރި ބިރުވެރިކަން ބުނެދީ އެމީހަކު އެކަމަކުން ސަލާމަތްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ.

އެންމެ މުހިންމު އެއްކަމަކީ އެފަދަ ވާހަކަތައް އަޑު ވެސް ނުއެހުމެވެ. އަޑުއަހާނަމަ ތިބާ ގާތު އެފަދަ ވާހަކަތައް ދައްކަން ހިތްވަރުލިބޭނެއެވެ. ބައެއް މީހުން ހީކުރަނީ އެފަދަ ވާހަކަތަކަށް ޖަވާބު ނުދިނުމުން ފުދުނީ ކަމަށެވެ. އެވަރަކުން ނުފުދޭނެއެވެ.

ފުރަތަމަ ސަބަބަކީ ތިބާއަޑުއަހާނަމަ އެފަދަ ވާހަކަތައް ތިބާގާތު ދައްކަން ހިތްވަރުލިބޭނެ ކަމެވެ. ދެވަނަ ކަމަކީ އެފަދަ ވާހަކަތައް އަޑުއެހުމަކީވެސް ކަންފަތުން ކުރެވޭ ފާފައެއްކަމެވެ. ވީމާ ޔަޤީންނުކުރެވޭ ވާހަކަތަކާއި ނެތިމޮށުމުގެ ވާހަކައެއް ދައްކަން ފަށާއިރަށް އެކަން އަވަހށް ހުއްޓުވާށެވެ! އެއިރުން ތިބާ ގާތު އެބާވަތުގެ ވާހަކަތައް ދައްކަން މީހުން ޖެހިލުންވާނެއެވެ.

މިބުނިފަދައިން މިކަންކަން ނުކުރެވޭނަމަ ކުރާ އަޅުކަންވެގެންދާނީ ތެޅިފައިހުރި ޖާޑިއަކަށް ފެންފުރުން ފަދަ ކަމަކަށެވެ. ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް ޤިޔާމަތް ދުވަހު ތިމާއަށް އެކަމުގެ ފައިދާއެއް ނުކުރުމަކީ ގާތްކަމެކެވެ. ބަދަލުދޭންޖެހޭ މީހުންނަށް ބަދަލުދީނިމޭއިރު އަތުގައި އެއްވެސް އެއްޗެއް ނެތް މީހަކަށްވެދާނެއެވެ. އަދި ތިބާގެ ދަރަނި ބޮޑުވެ އަނެކާގެ ފާފަތަކުން ބައެއް ކޮނޑުގައި އަޅަންޖެހި ނަރަކައަށް ވަންނަން ޖެހޭ މީހަކަށްވެސް ވެދާނެއެވެ.

މިދައްކަނީ ޒިނޭކުރުމާއި ވައްކަންކުރުން ފަދަ ބޮޑެތި ފާފަތައް ނުކުރި ނަމަވެސް ހަމައެކަނި ދުލާއި ކަންފަތުން ކުރެވޭ މިބުނި ފަދަ، މިހާރު މީހުން އެއީ ފާފަކަމުގައި ނުވެސް ދެކޭ ފާފަތައް ކުރުމުން މެދުވެރިވެދާނެ ކަންކަމެވެ. ބިރުވެތިވެ އަވަހަށް ސަލާމަތްކަން ހޯދާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން