ފިތުނައިން ޢާއިލާ ސަލާމަތްކުރަން ބޭނުންތަ؟ އެކަން ކުރެވޭނީ ފުރަތަމަކަމަކަށް ޝައިޠޯނާއަށް ގެއަށް ވަނުމުގެ ފުރުޞަތުނުދީ ހިފަހައްޓައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ފިތުނައިން ޢާއިލާ ސަލާމަތްކުރަން ބޭނުންތަ؟ އެކަން ކުރެވޭނީ ފުރަތަމަކަމަކަށް ޝައިޠޯނާއަށް ގެއަށް ވަނުމުގެ ފުރުޞަތުނުދީ ހިފަހައްޓައިގެން!

އެގެއެއްގައި ދިރިއުޅޭ ބައެއްގެ މެދުގައި ރުޅި އާއި ނަފްރަތު އުފެދިއްޖެނަމަ އެގެއެއްގައި އެވަނީ ހުޅުހިފައިފައެވެ. އެހުޅު އަހަރެމެންނަށް ނުފެންނަނީއެވެ. އެހުޅަކީ ޝައިޠޯނާގެ ހުޅުކަމަށްވާތީއެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ދިރިއުޅޭތަން ޝައިޠޯނާގެ ކިބައިން ސަލާމަތްކުރަން އެބަޖެހެއެވެ.

ޝައިޠޯނާ އެގެއެއްގައި ހާލި ހަދައިފިނަމަ އެގޭގައި ހިނގާ ވަރަށް ކުދިކުދި ކަންކަންވެސް ބޮޑެތި ފިތިނައަށް ބަދަލުވެގެންދާނެއެވެ. މިސާލަކަށް ގިނަ ބައަކު އުޅޭ ގެއެއްގައި ކުޑަކުއްޖެއްގެ އަތުން އެހެން މީހެއްގެ ތަށްޓެއް ވެއްޓި ތެޅިދާނެއެވެ. އެތަށީގެ އަގަކީ ކިތަންމެ ކުޑަކުޑަ މިންވަރެއް ނަމަވެސް އެކަމަށް ބެލުމެއް ނެތި "ކަލޭގެ ދަރި ނުބަލަނީއޭ" ކިޔައިގެން ބޮޑު ކަމަކަށް އެކަން ހައްދުވާނެއެވެ. ޒުވާބުކުރުވާނެއެވެ. މޫނުކަނޑުވާނެއެވެ.

ޝައިޠޯނާ އުފައްދުވާ ފިތުނަތަކުގެ ޝިކާރައަކަށް ނުވާށެވެ! ޢާއިލާގެ މީހުންނަށްވެސް އަދި އެހެން މީހަކަށްވިޔަސް އެއްވެސް ގެއްލުމެއް ނުދޭށެވެ. އެހައި ފަސޭހައިން ކަންކަމުގައި ރުޅި އާދެވެނީ ފިތުނައިގެ ސަބަބުން އުފެދޭ ހަސަދަވެރިކަމުންނެވެ. ވީމާ އެކަމުން ސަލާމަތްވާށެވެ!

ރުޅި އަންނަ ފަދަ ކަމެއް ކުރިމަތިވި ނަމަވެސް ކެތްތެރިވެ އަޢޫޛް ކިޔައި ވައަތްފަރާތަށް 3 ފަހަރު ހިކިކުޅު ޖަހައި އިބިލީސް ފައްސައިލާށެވެ. އެއަށްފަހު ހަމަޖެހިލައިގެން ހުރެ ވިސްނައިލާށެވެ. އެންމެ ރަނގަޅު ގޮތަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކްރްކުރުމެވެ. ވުޟޫކޮށް އަޅުކަމެއް ކުރުމެވެ. އެއިރުން މަކަރުވެރި ޢަދާވާތްތެރި ޝައިޠާނާއަށް ކައިރިއެއް ނުވެވޭނެއެވެ.

އިބިލީހުގެ އެންމެ ބޮޑު ނުރައްކަލަކީ ޢަދާވާތްތެރިކަމެވެ. ކީރިތި ޤްރްއާނުގައި 88 ފަހަރު އެކަމަށް ސަމާލުވާން އިންޒާރު ދެއްވަވާފަވަނީ އިބިލީހުގެ ހުރި ޢަދާވާތްތެރިކަން ބޮޑުކަމުންނެވެ. އިބިލީހަކީ މީސްތަކުންނަށް ހުރި އެންމެ ބޮޑު އަދާވާތެރިޔާ ކަމުގައި ބަޔާން ކުރައްވަވައި އެއްވެސް ގޮތަކަށް، އެއްވެސް މިންވަރަކަށް އިބިލީހާއި ގާތް ނުވުމަށް، އިބިލީހުގެ ވަސްވާސްތަކަށް އެއްވެސް ވަރަކަށް ނުހެއްލުމަށް ގަދައަޅުއްވަވައި އަމުރުފުޅު ކުރައްވަވާފައިވަނީ މީސްތަކުންނަށް އެކަމުގެ ސަބަބުން ލިބެން ހުރި ގެއްލުމުގެ ބޮޑުކަމުންނެވެ.

ޝައިޠޯނާ ގެއަސް ވަނަނުދިނުމަށްޓަކައި ކުރަން އޮތް އެންމެ މުހިންމު ކަމަކީ އެގެއެއްގައި އަޅުކަންކުރުން ގިނަކުރުމެވެ. ޤުރްއާންކިޔެވުން ގިނަކުރުމެވެ. ބަޤަރާސޫރަތް ކިޔެވުމެވެ. ހަމައެއާއިއެކު އެންމެން އެކުވެރިވެ ގުޅިގެން އެއް ބައެއްގެ ގޮތުގައި ދިރިއުޅެން މަސައްކަތްކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން