ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"އޭ އާދަމްގެ ދަރިންނޭވެ! ތިއަބައިމީހުން ޝައިޠާނާއަށް އަޅުކަން ނުކުރުމަށް ތިމަން ރަސްކަލާނގެ ތިއަބައިމީހުން ލައްވައި އަހުދެއް ނުކުރުއްވަވަން ހެއްޔެވެ؟ ހަމަކަށަވަރުން އެކަލޭގެއީ (އިބިލީހަކީ) ތިއަބައިމީހުންނަށް ހުރި، ފައުޅުވެގެންވާ ޢަދާވާތްތެރިއެކެވެ."
(ޔާސީން ސޫރަތުގެ 60)
ޝައިޠޯނާގެ ބަސް ޤަބޫލުކޮށް ﷲ ތަޢާލާއަށް އީމާން ނުވާ މީހުންނާއި ގުޅިގެން އުޅުމުން އާޚިރަތް ދުވަހު އެކަންކަމާއި ކުރިމަތިލާން ޖެހޭނެއެވެ. ޔާސީން ސޫރަތުން މިކަން ވެސް އެނގިގެންދެއެވެ.
މުސްލިމުންނަށް، ސުވަރުގެވަންތަވެރިންނަށް ރަޙީމްވަންތަ ކަލާނގެ ޙަޟްރަތުން ސަލާމްގެ ބަސްފުޅު ވަޙީކުރައްވަވާނެތެވެ. އަދި ﷲ ތަޢާލާއަށް އީމާން ނުވި މީހުންނަށް ވަޙީ ކުރައްވަވާނީ އެމީހުންނަކީ ކުށްވެރިން ކަމުގައެވެ. އެއީ ﷲ ތަޢާލާއަށް އީމާން ނުވި ކަމަށްޓަކައެވެ. އަދި ވަޙީ ކުރައްވަވާނީ "މިއަދު ތިއަބައިމީހުން (މުއްމިނުންނާ) ވަކިވުމަށެވެ." (58،59)
މިތަނުގައި ވެސް ހިތް މައްޗަށް ގެނެސްގަންނަން ޖެހޭނީ ﷲ ތަޢާލާއަށް އީމާންވުމަކީ ﷲ ތަޢާލާ އެންގެވި ގޮތަށް އަމަލުކުރުން ކަމެވެ. ހަމައެކަނި އީމާން ވެއްަިން ކަމަސް ދުލުން ބުނެލުމަކުން ނުފުދޭނެ ކަމެވެ.
މިއަދު އަހަރެމެން ކޮންމެ މީހަކަށްވެސް ﷲ ތަޢާލާއަށް އީމާން ނުވާ މީހުންނާއި ގުޅިގެން އުޅެވިދާނެއެވެ. އެމީހުން ކުރާ ކަންކަން ވެސް ކުރެވިދާނެއެވެ. ޝައިޠާނާ އާއި ބައިވެރިވެ ޝައިޠާނާއަށް އަޅުކަން ކުރެވިދާނެއެވެ. ޝައިޠާނާއަށް އަޅުކަން ކުރުމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތްތައް ދޫކޮށް ޝައިޠާނާ ބުނާ ކަންކަން ކުރުމެވެ. ޝައިޠާނާ ބުނާ ގޮތަށް އުޅުމެވެ.
އާޚިރަތް އެދޭ މީހާ މިކަންކަމަށް ބިރުގަންނަން ޖެހޭނެއެވެ. ސަމާލުވާން ޖެހޭނެއެވެ. މިދުނިޔޭގައި ގުޅިގެން އުޅެވޭ މީހުންގެ ސަބަބުން މަގުފުރެދިދާނެ ކަމަށް ބިރުގަންނަން ޖެހޭނެއެވެ. ގުޅިގެން އުޅެން ޖެހޭނީ ތިމާގެ އީމާންކަން ވަރުގަދަކުރަން ވާގިވެރިވާ މީހުންނާއިއެވެ. ނޫންނަމަ ޝައިޠާނާއަށް އަޅުކަން ކުރެވޭ މީހަކަށްވެވުން އޮންނާނީ ދާދިގާތުގައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން