ނިކަން ވިސްނައިބަލާށެވެ. ޔޫސުފްގެފާނު ފެންވަޅަށް ވައްޓައިލި އަޚުންނަށް މަޢާފް ދެއްވަވައި ވިދާޅުވި ބަސްފުޅެވެ. ހަމަ ކަށަވަރުން އެކަން ހިނގައިދިއައީ ޝައިޠޯނާގެ ހުރި ޢަދާވާތްތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވި ބަސްފުޅެވެ.
ޙަޤީޤަތަކީ ކޮންމެ ޢާއިލާއަކަށްވެސް ނުފޫޒު ފޯރުވަން އިބިލީސް މަސައްކަތްކުރާނެ ކަމެވެ. ފިތުނަ އުފައްދުވައި ބައިބައިކުރުވަން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމެވެ. ވީމާ އެކަމަށް ތިބެން ޖެހޭނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.
މިސާލަކަށް ކުރިމަތިވާ ކަމެއްގައި ޢާއިލާގެ މެދުގައި ވާހަކަ ދެއްކުން މަދުވެދާނެއެވެ. ކޮންމެވެސް ބައަކު ވާހަކަ ނުދައްކައި ތިބެންވެސް ފަށައިފާނެއެވެ. މެދުވެރިވާ ކުދިކުދި ކަންކަން ހޫނުވެ ބޮޑެތި މައްސަލަތަކަށް ބަދަލުވާން ފަށައިފާނެއެވެ. މިފަދަ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ޔަޤީން ކުރަންވީ އިބިލީސް ޢާއިލާގެ ތެރެއަށް ވަދެގެންފިކަމެވެ. އިބިލީހުގެ ހީލަތްތެރިކަމާ ފިތުނައިން މިންޖުވުމަށް އަވަހަށް ގަދައަޅައި މަސައްކަތްކުރަން ފާށާށެވެ.
އިބިލީހުގެ ހަމައެކަނި މަސައްކަތަކީ މީސްތަކުން ނަރަކައަށް ގެންދިއުމެވެ. އޭނާ ހޭބޯ ނާރައި ކުރާ މަސައްކަތަކީ އޭނާއާއިއެކު ވީހައި ގިނަ ބައަކު ނަރަކައަށް ގެންދަން ކުރާ މަސައްކަތެވެ. ޢާއިލާތަކުގެ މެދުގައި ފިތުނަ އުފެއްދުމަކީވެސް ހަމަ މީސްތަކުން ނަރަކައަށް ގެންދަން ކުރާ މަސައްކަތެވެ. އެކަމަށް ހޭލުންތެރި ނުވެއްޖެނަމަ ޢާއިލާގެ މެދުގައި ބޮޑެތި ފިތުނަތައް އުފެދި ހަސަދަވެރިކަން އިތުރުވެ ގިނަބައަކު ކުރާ ހެޔޮ އަމަލުތައް، އަލިފާން ދަރު އަންދައި ހުސްކުރާ ފަދައިން އަންދައި ހުސްކޮށްލާނެއެވެ. އެކަމުގެ ސަބަބުން ނަރަކައަށް ދާންޖެހުން ވަރަށް ގާތެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން