ބިލާލުގެފާނުގެ ސިޔަރަތު: ހިތެއް އޮތްނަމަ ކުރާ އަސަރުން ހިތްފަޅައިގެންދާނެ! ހިތާމައިންނާ އުފަލުން ރޮމުން މޭމަތިފޯކޮށްލާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 3ސ
ބިލާލުގެފާނުގެ ސިޔަރަތު: ހިތެއް އޮތްނަމަ ކުރާ އަސަރުން ހިތްފަޅައިގެންދާނެ! ހިތާމައިންނާ އުފަލުން ރޮމުން މޭމަތިފޯކޮށްލާނެ!

ރަސޫލް ﷺ ގެ ކޮންމެ ޞަޙާބީއަކީވެސް އެހައިމެ މަތިވެރި ޞަޙާބީއެކެވެ. އެހެންކަމާއިއެކުވެސް މަތިވެރިކަން ބޮޑުވެގެންވާ ބައެއް ބޭކަލުން ތިއްބެވިއެވެ. މިޘާލަކަށް ދިރިހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލް ދެއްވެވީ އެންމެ 10 ޞަޙާބީންނަށެވެ. ވީމާ العشرة المبشرون ގެ ދަރަޖަ ލިބިވަޑައިގަތީ ހާދަ މަދުބޭކަލަކަށެވެ. 

ކޮންމެއަކަސް އިސްލާމް ދީނުގައި ޘާބިތުވެ ތިބުމަށް ހިތްވަރަށް މިވަނީ އިންތިހާއަށް ބޭނުންވެފައެވެ. މިފަދަ ސިޔަރަތުތަކުގެ ވާހަކަ ގިނަގިނައިން ދައްކަންމިޖެހެނީ އެހެންވެގެންނެވެ. އެގޮތުން ބަލާއިރު ޞަޙާބީންގެތެރެއިން ހުރިހާ ގޮތަކުންވެސް އެންމެ ގިނަ ޢިބްރަތްތައް ލިބިގެންދަނީ ބިލާލުގެފާނުގެ ސިޔަރަތުންކަމަށް ބުނެވިދާނެއެވެ. އަދި އެންމެ އަސަރުގަދަ ކަންކަން ހިމެނިގެންވަނީވެސް ބިލާލުގެފާނުގެ ސިޔަރަތުގައިކަމަށްވެސް ބުނެވިދާނެއެވެ. ކުރިއަށްދަމާ ހިނގާށެވެ. 

އެންމެހައި މީސްތަކުންނަށް ބަލައިފިނަމަ ހުރިހާ ގޮތަކުން އެންމެ މަތިވެރި ޝަރަފާއި ޢިއްޒަތާ ކަރާމާތާއި މަތިވެރިކަން ލިބިވަޑައިގެންވަނީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް (ﷺ) އަށެވެ. އެހެންކަމުން އަހަރެމެން ކަންކަމުގައި މީސްތަކުންގެ ވާހަކަ ދައްކަންވާނީ އެކަން ރަނގަޅަށް އެނގިތިބެގެންނެވެ. އެއްވެސް އިންސާނަކާއި އެއްވެސް ކަމެއްގައި އިތުރުއެކަލޭގެފާނާއި އަޅައިކިޔަން ހިތުގައިލައިގެން ވެސް ނުވާނެއެވެ. ވީމާ އަހުރެން އަބަދުވެސް ދަރުސް ދެނީ އެ ވިސްނުމުގައެވެ. 

މިރޭ ބަހެއް ބުނެލަން ޤަޞްދު މިކުރަނީ މިއުންމަތުގައި އެފަދަ މަތިވެރި މަޤާމެއް ދެންވެސް ހަމަ އެކަކަށްވެސް ނުލިބޭނެ "ކެތްތެރި، ހިތްވަރުގަދަ، ސާބިތު" ކަމުގެ އެފަދަ ދެވަނަ އެއް ނެތް ނަމޫނާ ޞަޙާބީއެއް ކަމުގައިވާ ބިލާލުގެފާނަށް މިދުނިޔޭގައި ވެސް ﷲ ދެއްވެވި މަތިވެރި ނިޢްމަތްތަކާއި ޢިއްޒަތާއި ޝަރަފުގެ މަތިވެރިކަމާއިމެދުގައެވެ. 

ބިލާލުގެފާނަށް ބަލައިފިނަމަ ބިލާލްގެފާނު އިސްލާމްދީން ފައުޅުކުރެއްވެވީ މުޝްރިކެއްގެ އަޅެއްގެ ގޮތުގައި ހުންނެވުމުންނެވެ. އެ ޞާޙިބް މީހާ ބިލާލުގެފާނުގެ ހަށިކޮޅަށް އަލިފާނުން އަދަބުދިނެވެ. ކޮންމެ ދުވަހަކުވެސް އަދަބުދިނުން ހުއްޓާލަނީ ބިލާލުގެފާނު އަވަހާރަވެއްޖެ ކަމަށް ބަލައިގެންނެވެ. ނުވަތަ ހޭފުޅު ނެތުމުންނެވެ. ހޭފުޅުނެތެންދެން ވިދާޅުވަމުން ގެންދެވީ "ﷲ ނޫން ކަލަކު ނުވެއެވެ. އެއީ އެއްކައުވަންތަ ކަލާނގެއެވެ!" 

ބިލާލްގެފާނުގެ މިގަފަދަ ހިތްވަރު ވެގެންދިއައީ އަޅެއްގެ ގޮތުގައި ހުންނަވައި މުޝްރިކުންގެ ހިތްވަރާއި އުންމީދުތައް "ކަތިލެއްވެވި" ތޫނު ހަންޖަރަކަށެވެ. ނަތީޖާ އަކީ އިސްލާމްވި އެއްވެސް މީހަކަށް މިދުނިޔޭގައި ފަހުންވެސް ކުރިންވެސް ދުވަހަކުވެސް ނުވެސް ލިބޭނެ ފަދަ މަތިވެރި ޢިއްޒަތާއި ޝަރަފް ލިބިވަޑައިގަތުމެވެ. 

ފުރަތަމަ ޝަރަފް: 3 ހަރަމްފުޅުގެ އިމާމްކަން- 

މައްކާގެ ޙަރަމްފުޅާއި މަދީނާގެ ޙަރަމްފުޅުގައި ބަންގި ގޮވަން ރަސޫލް (ﷺ) ޙަވާލުކުރެއްވެވީ ބިލާލްގެފާނާއިއެވެ. ޢުމަރުގެފާނުގެ ޚަލީފާ ކަމުގައި ފަލަސްޠީން ފަތަޙަވެ މަސްޖިދުލްއަޤްޞާ މުސްލިމުންގެ ބާރުގެދަށަށް އައުމުން މަސްޖިދުލްއަޤްޞާގައި ބަންގި ގޮވަން ޢުމަރުގެފާނު ޙަވާލުކުރެއްވެވީ ވެސް ބިލާލްގެފާނާއިއެވެ. 

ވީމާ ބިލާލްގެފާނަކީ 3 ޙަރަމްފުޅުގައި ބަންގި ގޮވުމުގެ މަތިވެރި ޝަރަފު ލިބިވަޑައިގެންނެވި މަތިވެރި ޞަހާބީއެވެ. ދުނިޔޭގެ ޖައްވަށް ބަންގީގެ އަޑު ފޮނުއްވައިލެއްވެވުމުގައި ބިލާލުގެފާނަށް ލިބިވަޑައިގެންނެވި ފުރުޞަތަކީ ހާދަ މަތިވެރި ނިޢުމަތެކެވެ. 

2 ވަނަ ޝަރަފް: އަބޫބަކުރުގެފާނާ ޢުމަރުގެފާނުގެ މާސްޓަރުކަން 

އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ދެއްވެވި މާސްޓަރު ކަމުގެ ޝަރަފެވެ. ބިލާލްގެފާނު ބައްލަވައިގަނެ މިނިވަންކުރެއްވެވުމަށްފަހު އަބޫބަރުކުގެފާނު ވިދާޅުވީ ތިއައީ ތިމަންކަލޭގެފާނުގެ "މާސްޓަރު" ކަމަށެވެ. މާނައަކީ ރަސޫލް (ﷺ) އަށްފަހު އެންމެ މަތިވެރި ޤަދަރެއް ކުރައްވަވަނީ ބިލާލެގެފާނަށް ކަމެވެ. އަބޫބަކުރުގެފާނުގެ ޚަލީފާ ކަމުގައި ޢުމަރުގެފާނު ވިދާޅުވީ ތިމަންކަލޭގެފާނުގެ "މާސްޓަރަކީ އަބޫބަކުރުގެފާނު ކަމަށާއި އަބޫބަކުރުގެފާނުގެ މާސްޓަރަކީ ބިލާލުގެފާނު ކަމަށެވެ. 

އެންމެ މަތިވެރި ޝަރަފް: 

ރަސޫލް (ﷺ) އަށް މިޢްރާޖް ދަތުރުފުޅުގައިވަނީ ބިލާލްގެފާނުގެ ފައިންޕުޅުގެ ފިޔަވަޅުފުޅުގެ އަޑުފުޅު ސުވަރުގެއިން އިވިވަޑައިގެންފައެވެ. ވީމާ ބިލާލްގެފާނަކީ ވެސް ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. 

ބިލާލްގެފާނު އިސްލާމް ދީނަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤްރްބާނީއަކީ އިސްލާމީ ތާރީޚުގައި އެންމެ ގަދައަށް އަބަދުވެސް ވިދަވިދައި ހުންނާނެ ވާހަކަތަކެވެ. ނިކަން ވިސްނައިލަބަލާށެވެ. އެއީ ބިލާލުގެފާނުގެ ކުލަ އަލިކަމަކުން ނޫނެވެ. ކަޅު، ބަބުރެއް ނަމަވެސް ހިތްޕުޅުގައި ﷲ ތަޢާލާ އަށާއި އެކަލާނގެ ރަސޫލާއަށް އޮތް ލޯބިފުޅުގެ ބޮޑުކަމުންނެވެ. 

ބިލާލްގެފާނު ގަނެގެން އަޅެއްގެ ގޮތުގައި ގެންގުޅުނު އުމައްޔު ބިން ޚަލަފް، ބިލާލްގެފާނު އިސްލާމްވެވަޑައިގަތުމުން ބިލާލްގެ ހަށިކޮޅަށް ނުދެނީ ކޮން އަނިޔާއެއް ހެއްޔެވެ؟ ހޭފުޅު ނެތެންދެން ތެޅިއެވެ. އަލިފާން ޖެއްސިއެވެ. މޭފުޅުމަތީގައި އަލިފާން ބެހެއްޓިއެވެ. ހަތަރެސް ފައިގައި ޗޭނުޖަހައި މޮޔައިންނާއި ކުޑަކުދިން ލައްވައި މަގުތަކުގައި އެ ގަދަ ހޫނުގައި ދެންމުވިއެވެ. އެކަންކަން ކުރުމަށްފަހުގައިވެސް އިސްލާމް ދީން ދޫކުރެއްވުމަށް އެންގުމުން ކޮންމެ ފަހަރަކުވެސް ވިދާޅުވަނީ އެއީ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ﷲ ނޫން ކަލަކު ނުވާ ކަމަށެވެ. 

މޭފުޅުމަތީގައި އަލިފާން ބަހައްޓައި ހަށިކޮޅަށް އަނިޔާދެމުން "ލާތަ އާ ޢުއްޒާ މަތިވެރިކުރައްވަން" އަމުރު ކުރުމުން ވިދާޅުވަމުން ގެންދެވީ އެއީ މިދުލުން ބޭރުވާނެ ބަސްތަކެއް ނޫން ކަމަށެވެ. ﷲ ނޫން ކަލަކު ވޮޑިގެން ނުވާކަމަށެވެ. 

މިއަނިޠާތައް ދެމުން ގެންދާތަން ރަސޫލް (ﷺ) އަށް ފެނިވަޑައިގަންނަވައެވެ. ކެތް ނުކުރެއްވެވިގެން ބިލާލްގެފާނު ބައްލަވައިގަނެ މިނިވަންކޮށްދެއްވާނީ ކޮން ޞަޙާބީއެއްތޯ ސުވާލުކުރެއްވެވުމުން އެކަމަށް ކުރިމަތިލައްވަވައި ނުކުމެވަޑައިގަތީ އަބޫބަކުރުގެފާނެވެ. ބިލާލުގެފާނު ގަނެ އަޅުވެތިކޮށް އަނިޔާދެމުން ގެންދިއަ އުމައްޔަ ބިން ޚަލަފުގެ ގާތަށް ވަޑައިގެން ބިލާގެފާނު ވިއްކާނެ އަގަކާއިމެދު ސުވާލު ކުރެއްވުމުން ބިލާލުގެފާނުގެ އަގަކަށް އޭނާ ހުށަހެޅީ 10 ރަން ދީނާރު (ގޯލްޑް ކޮއިން) އެވެ. އަބޫބަކުރުގެފާނު ގެކޮޅަށް ވަޑައިގެން 10 ރަން ދީނާރު ގެނެސް ދެއްވުމުން އުމައްޔަ ބިން ޚަލަފު މަލާމާތުގެ ހިނިގަނޑެއް ޖަހާފައި ބުނީ ތިއައީ އެއްވެސް އަގެއް ހުރި އަޅެއް ނޫން ކަމަށާއި އަބޫބަކުރުގެފާނު އެދިވަޑައިގެންނެވިނަމަ އެންމެ ދީނާރަކަށްވެސް ވިއްކާނެ ކަމަށެވެ. ޖަވާބުގައި އަބޫބަކުރުގެފާނު ވިދާޅުވީ ބިލާލްގެފާނުގެ އަގަކަށް 100 ރަން ދީނާރު ކީ ނަމަވެސް ދެއްވާފައި މިނިވަންކުރެއްވީސް ކަމަށެވެ. 

ނިކަން ވިސްނައިބަލާށެވެ. ބަދްރް ހަނގުރާމައިގެ ޝިޢާރަކީ ބިލާލުގަފާނަށް އަނިޔާ ލިބިވަޑައިގަންނަވަމުން ދިއައިރު ވިދާޅުވި ބަސްފުޅެވެ. "އަޙްދު އަހަދު"އެވެ. "ﷲ ތަޢާލާ ނޫން ކަލަކު ވޮޑިގެނެއް ނުވެއެވެ. އެހަނގުރާމައިގައި ބިލާލުގެފާނަށް އަނިޔާކުރި އުމައްޔަ ބިން ޚައުފް އަތުލައިގަނެވުނެވެ. އޭނާ ޤަތުލުކުރެއްވެވީ ބިލާލްގެފާނެވެ. "އަޙަދް އަޙަދް" ވިދާޅުވަމުންނެވެ. 

ބިލާލެގެފާނުގެ ހިތްޕުޅުގައި ރަސޫލް (ﷺ)ގެ މައްޗަށް އޮތް ލޯބީގެ ބޮޑުކަމާއިމެދު ނިކަން ވިސްނައިބަލާށެވެ! ރަސޫލް (ﷺ) ދުނިޔެ ދޫކުރެއްވެވުމުން އެކަމުގެ ހިތާމައިގާ ބަނަގި ނުގޮވުނެވެ. (أشهد أن محمدا رسول للهِ) އާއި ހަމައަށް ވަޑައިގެންނެވުމުން ކީރިތި ކުރެއްވެވެނީއެވެ. އިތުރުގޮތްތައްވެސް ވަނީއެވެ. 

ރަސޫލް (ﷺ) އަވަހާރަވެވަޑައިގަތުމުން ބިލާލްގެފާނު ވިދާޅުވި ބަސްފުޅަށް ވިސްނައިލާށެވެ. "މަންމަ އަހަރެން ނުވިހޭނަމަ މާރަނގަޅެވެ. މިދުވަސް ނުދައްކަވައި އަހަރެންގެ ފުރާނަ ގެންދެވި ނަމަ މާރަނގަޅެވެ." 

ރަސޫލް (ﷺ) ނެތް ޙާލުގައި މަދީނާގައި އުޅުއްވުން ވޭނަކަށްވެގެން މަދީނާ ދޫކުރައްވަވައި ޖިހާދަށް ނުކުމެވަޑައިގެންނެވިއެވެ. މަޑުކޮށް ދެއްވެވުމަށް އަބޫބަކުރުގެފާނު އެދިވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ. ނަމަވެސް މަދީނާއިން ނުކުމެވަޑައިގަތީ ބިލާލުގެފާނުގެ ހާލުކޮޅަށް ބައްލަވައި އަބޫބަކުރުގެފާނު އެކަމަށް ހުއްދަ ދެއްވެވުމުންނެވެ. 

އެގޮތަށް އުޅުއްވަވަނިކޮށް ހުވަފެންފުޅުގައި ރަސޫލް (ﷺ) ފެނިވަޑައިގަތެވެ. ރިވާޔަތުގައިވާގޮތުން "ދެން ބިލާލްގެފާނު އަހަރެމެންނަށް ޒިޔާރަތް ނުކުރައްވާނަންތޯ؟" ރަސޫލް (ﷺ) ބިލާލްގެފާނާއި ސުވާލުކުރެއްވެވިއެވެ. އަދި ރަސޫލް (ﷺ)ގެ މަހާނަފުޅު ކައިރީގައި ހުންނަވައި ޚީރިތި ކުރައްވަމުން ގެންދަވަނިކޮށް ޙަސްންގެފާނާއި ޙުސައިންގެފާނު ވަޑައިގެން ބަންގި ގޮވައިދެއްވުމަށް އެދިވަޑައިގަތުމުން ބަންގި ގޮވިއެވެ. ބިލާލްގެފާނުގެ އަޑުފުޅު ޖެހުމާއިއެކު މުޅި މަދީނާ ހީވީ ކެކި އުތުރި އަރައިގަތްހެންނެވެ. އެމީހުންނަށް އިޙްޞާޞްވެގެންދިއައީ ރަސޫލް (ﷺ) ދުނިޔޭގައި ހުންނެވި ދުވަސްވަރެވެ. މީސްތަކުން ބައިބައަށް އަވަސް އަވަހަށް ޖަމާއަތަށް ހާޒިރުވިއެވެ. 

ބިލާލްގެފާނު އަވަހާރަވުމުގެ ކަންތަކަށް ވިސްނައިލަބަލާށެވެ. ބިލާލްގެފާނުގެ އާލާސްކަންފުޅު ބޮޑުވެ އަވަހާރަވަނީކަން އެނގިވަޑައިގަތުމުން އަނބިކަނބަލުން ހިތާމަކުރައްވަން ފެށްޓެވުމުން ދެއްވެވި ޖަވާބާއިމެދު ވިސްނައިލާށެވެ. "ތިއަ ހިތާމަކުރަނީ ކޮން ކަމަކާއި ހެއްޔެވެ؟ މާދަމާއަކީ ރަސޫލް (ﷺ) އާއި އަދި އަހަރެމެންގެ އެހެން މީހުންނާއި ބައްދަލުވާނެ އުފާވެރި ދުވަހެވެ." 

މިޢްރާޖްގެ ދަތުރުފުޅަށްފަހު ބިލާލްގެފާނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލް (ﷺ) ވަނީ ދެއްވަވައިފައެވެ. ޙަދީޘްފުޅުކުރެއްވެވީ ތިމަންކަލޭގެފާނު ސުވަރުގެއިން ބިލާލުގެފާނުގެ ފައިންޕުޅުގެ އަޑުފުޅު އެއްސެވިން ކަމަށެވެ. 

ބިލާލުގެފާނުގެ ސިޔަރަތުން މިކިޔައިދިން ކުޑަ މިންވަރުގެ މިވާހަކަ ކޮޅާއިމެދު ވިސްނައިފި ކޮންމެ މީހަކަށްވެސް ވަރަށް އަގުހުރި ފިލާވަޅުތަކެއް ލިބިގެންދާނެއެވެ! 

ނިންމާލުމުގެ ކުރިން ނސްލީ ތަފާތުކުރުންތައް ނައްތާލަނީއޭ، އެންމެން ހަމަހަމަކިޔައިގެން ދުނިޔޭގައި މީސްތަކުން މަގުފުރައްދަމުން ގެންދާ ޖަމާއަތްތަކަށާ ހުރިހާ ފަރާތްތަކަށް ބުނެލަން ބޭނުމެވެ. 

ނަސްލީ ތަފާތުކުރުން ވަނީ ނައްތާލެވިފައިކަމަށް ބުނެވުނު ނަމަވެސް އަދިވެސް އެކަމެއް ނުވެއެވެ. ގިނަބައެއްގެ މެދުގައި އެކަން އޮތީ ހަމަ ބޮޑު މައްސަލައެއްގެ ގޮތުގައެވެ. އެންމެ ބޮޑަށް ޙައިރާންވާންޖެހޭ ކަމަކީ ނަސްލީ، ޤައުމީ، އަދި އެހެންވެސް ތަފާތުކުރުންތައް ނައްތާލަން އެންމެ ބާރަށް ގޮވާ މީހުންވެސް، އެކަމަށް ގޮވާ ޤައުމުތަކުންވެސް ބޮޑެތި ތަފާތުކުރުންތައް ގެންގުޅެމުންދާކަމެވެ. 

ނަމަވެސް އިސްލާމްދީނަށް ނިކަންބަލައިލަބަލާށެވެ! ލަދެއް ނުގަނޭހެއްޔެވެ؟ މިފަދަ މަތިވެރި ޝަރަފް ލިބިވަޑައިގަތީ ހަބުޝްކަރައިގެ ކަޅު ބަބުރަކަށެވެ. މުޝްރިކުން އަޅެއްގެ ގޮތުގައި ގެންގުޅުނު އަޅަކަށެވެ. ދެނަވެސް ނިކަން ބުނެބަލާށެވެ! ހަމަހަމަކަމޭ ތަފާތުކުރުމޭ ކިޔައިގެން ތިއަ އަމުނަނީ ކޮން ބޭކާރު ބަނދިފައްޗެއްހެއްޔެވެ؟ ހުރިހާ އެންމެންގެ ހުރިހާ ޙައްޤުތަކެއްވެސް އެންމެ ފުރިހަމައަށް ފޮރުކޮށްދީފައިވަނީ އިސްލާމްދީނުގައިކަން މިވަރުންވެސް ނޭނގެނީހެއްޔެވެ؟ 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން