ހިޖުރައިން ފަނަރަސަތޭކަ އަހަރު ހަމަވަންދެން އަހަރެމެން ދުނިޔެ ދެމިއޮންނާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ހިޖުރައިން ފަނަރަސަތޭކަ އަހަރު ހަމަވަންދެން އަހަރެމެން ދުނިޔެ ދެމިއޮންނާނެތަ؟

ހިޖުރައިން 1500 އަހަރުހަމަވަންދެން ދުނިޔެ ދެމިއޮންނާނެ ކަމާއިމެދު މީސްތަކުން ސުވާލު އުފައްދަނީ ބަލިކަށި ޙަދީޘްފުޅަކަށް ބަލައިގެންނެވެ. އަހަރެން ދެކޭ ގޮތުގައި ބަޙުސްކުރަންވީ އެޙަދީޘްފުޅާއިމެދަކު ނޫނެވެ. ޔަޤީންވާންހުރި ކަންކަމުގެ މައްޗަށް ބުރަވެގެންނެވެ. ފެންނަމުންދާ ޢަލާމާތްތަކަށް ބަލައިގެންނެވެ. 

މިސާލަކަށް ކުއްލި މަރުތައް ގިނަވުމާއި ނުރައްކައުތެރި ކާރިސާތައް ގިނަވުމަށް ބަލާށެވެ. ކުއްލިމަރުތައް ދަނީ ދުވަހެއް ދުވަހަކަށް ގިނަވެ އިތުރުވަމުންނެވެ. ޑޮކްޓަރީގޮތުން މިހައިބޮޑަށް ކުރިއަރާފައިވާއިރުވެސް ކުއްލިމަރުތައް ގިނަވެ އިތުރުވަމުން އަންނާތީ ސައިންސްވެރިން ތިބީ ކަންބޮޑުވެފައެވެ. ސަބަބު ހޯދަން މަސައްކަތްކުރަނީ އަދި މިހައިތަނަށް އެއްވެސް ޖަވާބެއް ހޯދިފައެއް ނުވެއެވެ. 

އަހުރެންގެ އަޚަކު ދާދިފަހުން ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކުން ފުލްމެޑިކަލް ޗެކަޕެއް ހެދިއެވެ. އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވުނެވެ. އެނބުރި ޤައުމަށް އައިތާ މަސްދުވަސްނުވަނީސް ކުއްލިއަކަށް މަރުވީއެވެ. މަރުވުމުން ޑޮކްޓަރުން ބުނީ ސިކުނޑީގެ ނާރުތަކެއް ފަޅައިގެންގޮސް ސިކުނޑިއަސް ލޭއެޅުނީކަމަށެވެ. 

އެއީ އޭނާ މަރުވި ސަބަބުކަމަށްވެދާނެއެވެ. އެކަމަށް ބަޙުސްކުރާކަށް ނެތީމެވެ. ނަމަވެސް އަހުރެންގެ ސުވާލަކީ ބޮޑު ޚަރަދުކޮށްފައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކުން ހެދި ޓެސްޓުން ކުރީ ކޮންފައިދާއެއް ހެއްޔެވެ؟ މިސުވާލު އުފފެއްދުމުގެ ބޭނުމަކީ މެޑިކަލް ޗެކަޕްހަދަން ހިތްވަރު ނުދިނުމެއް ނޫނެވެ. ޗެކަޕްތައް ހަދައި ކުރިއާލައި ބަލި ދެނެގަނެ ފަރުވާ ހޯދަން ދީނުގައި ބާރުއަޅައެވެ.

އެހެނަސް މިބުނަނީ މެޑިކަލް ޗެކަޕްގައި މައްސަލައެއް ނުދެއްކުމަކީ ކުއްލިއަކަށް ކަމެއް ކުރިމަތިވެ މަރުނުވާނެ ކަމުގެ ޔަޤީންކަން ލިބެން އޮތް ކަމެއް ނޫނެވެ. އެއްވެސް ބައްޔެއް ނުވެ ގަދަވެ ސަލާމަތުން ތިބި އެތައް ބައަކު ކޮންމެ ދުވަހަކު މިދަނީ މަރުވަމުންނެވެ. ވީމާ ކުއްލިއަކަށް މަރުވުމަކީ ހެދި މެޑިކަލްޗެކަޕާއި ބަލިނުވުމާއި އެއްވެސް ގުޅުމެއް ހުރިކަމެއް ނޫންކަމެވެ. 

މިހުރިހާ ވާހަކަތަކެއް ދައްކަން މިޖެހެނީ ކިތަންމެ ޞިއްޙަތު ރަނގަޅުނަމަވެސް ޢުމުރުން ކިތަންމެ ޒުވާން ނަމަވެސް އަބަދުވެސް މަރަށް ތައްޔާރުވެ ހުރުމުގެ މުހިންމުކަން ފާހަގަކޮށް އެކަމަށް ނަޞޭޙަތްތެރިވުމަށެވެ. އެންމެ ސްމާޓް މީހަކީ މަރުހަނދާންކުރުން ގިނަކޮށް މަރަސް ތައްޔާރުވެގެން ހުންނަ މީހާކަމަށް އޮތް ޙަދީޘްފުޅަށް ޢަމަލުކުރަން ބުނުމަށެވެ. 

ނިންމާލަމުންވެސް ބުނާނީ ދުނިޔޭގެ އެންމެ މޮޅު ހޮސްޕިޓަލުން އެންމެ މޮޅު ޑޮކްޓަރުން ލައްވައި ކިތަންމެ ގިނައިން މެޑިކަލް ޗެކަޕްތައް ހެދިނަމަވެސް މަރުވާނެ ދުވަހެއް ނުއެނގޭނެއެވެ. ޙައްލަކީ ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމަށް ބަލައި މަރަށް ތައްޔާރުވެގެން ހުރުމަށް ބުނުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން