އަޅުކަންކުރާއިރު އިޙްޞާންތެރިވުމަށްޓަކާ ތިމާގެ ނިކަމެތިކަން ހިތްމައްޗަށް ގެނެވޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އަޅުކަންކުރާއިރު އިޙްޞާންތެރިވުމަށްޓަކާ ތިމާގެ ނިކަމެތިކަން ހިތްމައްޗަށް ގެނެވޭނެ މަގު-

ނިކަން ވިސްނައިބަލާށެވެ! ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ އަމުރުފުޅަށް ﷲ ތަޢާލާ ފިޔަވައި އެހެން ހުރިހާ އެއްޗެއް ނެތިފަނާވެގެންދާނެއެވެ. މަލާއިކަތް ބޭކަލުންނާއި އުޑުތައްވެސް ހިމެނޭ ގޮތުންނެވެ. އެއަށްފަހު ވުޖޫދުވާނީ ﷲ ތަޢާލާ ވުޖޫދު ކުރެއްވެވި އެއްޗެކެވެ. 

އެކަމުން އެނގިގެންދަނީ ފަނާވުމެއް ނެތި ދިރިދެމިވޮޑިގެންވާ ހަމައެކަނި ފަރާތަކީ އަދި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާ ކަމެވެ. 

ދުނިޔޭގައި ﷲ ތަޢާލާ މީސްތަކުންނަށް ބާރުތައް ދެއްވެވުމުން ހިތަށް އެރިހައިކަމެއް ކުރަމުން ހިތަށްއެރިހައި ގޮތަކަށް އުޅެއެވެ. ﷲ ތަޢާލާ ދެއްވެވި ނިޢްމަތުގެ ބޭނުންކުރަމުން ޝުކުރުވެރިނުވެވެސް އުޅެއެވެ. ދުނިޔޭގައި ގިނައީ އެފަދަ މީހުންނެވެ. 

އަހުރެންގެ ސުވާލަކީ ނިޔުކްލިއަރު ހަތިޔާރުބޭނުންކޮށް ދުނިޔެއަށް ބޮޑެތި ގެއްލުންތައް ދިނުމުގެ ބާރުލިބިގެންވާ މީހުންނަށް އެތައް މިލިއަން މީހުން އެއްފަހަރާ މަރާލުމުގެ ކުލަދާނަކަން ﷲ ތަޢާލާ ދެއްވެވި މީހުންނަށް ލިބިގެންވަނީ ކޮންބާރެއް ހެއްޔެވެ؟ އެހެނީ އޭނާއަކީވެސް މަރުވާން ބޭނުންވާނެ މީހެއް ނޫނެވެ. އެކަމަކުވެސް އޭނާއަށް މަރުނުވެ ދުނިޔެއަކު ނުހުރެވެއެވެ. ފުރާނަ ހިއްޕަވަން މަލަކުލްމައުތުގެފާނު ވަދައިގަތުމުން ޖެހެނީ ކިޔަމްންތެރިކަމާއިއެކު ދުނިޔެއާއި ވަކިވާށެވެ! އެންމެ ހިނދުކޮޅަކު އިތުރަށް ދުނިޔޭގައި ހުންނަންވެސް ކުރެވޭނެ އެއްވެސް ކަމެއް ނުއޮވެއެވެ. 

ވީމާ ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! އަޅުކަންކުރުން ގިނަކުރާށެވެ! ހިތާއި ނަފްސް އެފަރާތަށް ޚާލިޞްކުރާށެވެ! އަބަދުވެސް ތިމާއަކީ އެއްވެސް އާރެއް ބާރެއް ނެތް ނިކަމެއްޗެއް ކަމަށް ޤަބޫލުކުރާށެވެ. އެކަންކަން ހިތުގެ އަޑިން ޤަބޫލުކޮށް ޔަޤީންކޮށްގެން ހެޔޮ އަމަލުތައް ކުރަން މަސައްކަތް ކުރާށެވެ! އަޅުކަންކުރަން އޮތް ރަނގަޅު ގޮތުގައި އިޙްޞާންތެރިކަމާއިއެކު ކިރިޔާވެސް އަޅުކަން ކުރެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން