ދިރިއުޅުމުގަ ރުޅި އިސްނުކުރާށެވެ! ބޮޑެތި ފާފަތައްކުރުމުން ދުރުހެލިވާ ފަދައިން ރުޅި ކޮންޓްރޯލްކޮށް މާފުކުރަންޖެހޭކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ދިރިއުޅުމުގަ ރުޅި އިސްނުކުރާށެވެ! ބޮޑެތި ފާފަތައްކުރުމުން ދުރުހެލިވާ ފަދައިން ރުޅި ކޮންޓްރޯލްކޮށް މާފުކުރަންޖެހޭކަން ޤުރްއާނުން-

ފުރަތަމަ ބަހެއް ބުނެލަން ބޭނުންވަނީ ރުޅިއަކީ ކޮބައިކަމާއިމެދުގައެވެ. ރުޅި (غضب) އުފެދިގެން މިއަންނަނީ (الغضب، مغضب) ގެތެރެއިންނެވެ. ތަފާތު ކަންކަމާއި، ތަފާތު ޙާލަތުތަކާއި ގުޅިގެން މިމޭރުމުން ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި އައިސްފައިވެއެވެ. ލަފްޒީ މާނައަށް ބަލައިފިނަމަ އެއީ ކަމަކާއި ނުރުހުމުން އިންށާނާއަށް ބަދަލުތަކެކެވެ، ނުވަތަ ހިތްހަމަނުޖެހުމެވެ. 

ރުޅި އައުމުން މީހާއަށް އަންނަ ބަދަލުތަކަށް ބަލާއިރު ތަފާތު ގޮތްތައް މީހުންނަށްވެއެވެ. މީގެ ތެރެއިން އެންމެ ނުކަންބޮޑު ކަމަކީ ރުޅިއައުމުން މީހާގެ އަމިއްލަ ނަފްސްގެ ކޮންޓްރޯލް އެމީޙަކަށް ގެއްލިގެންދިއުމެވެ. ބުނެވޭ ނުބުނެވޭ ބަސްތައް ނުއެނގުމާއި ކުރެވޭ ނުކުރެވޭ ކަންކަން ނުއެނގޭ ޙާލަތަށް މީހާގެ ޢަމަލުތައްދިއުމެވެ. އަދި ބަދަލު ހިފުމުގެ ގޮތުން ކިތަންމެ ބޮޑު ނުބައިކަމެއް ކުރަންވެސް ފަސްނުޖެހެވުމެވެ. އެޙާލަތުގައި އެކަމެއް ކުރުމުން ތިމާއަށް ފަހުން ލިބިދާނެ ގެއްލުމަކަށްވެސް ބަލައެއް ނުލެވެއެވެ. 

ރުޅީއާއިމެދު ކީރިތި ޤުރްއާނުން ބަލައިލަމާ ހިނގާށެވެ! 

"އަދި އެއުރެންނީ ބޮޑެތިފާފަތަކާއި، ފާޙިޝް ކަންތައްތަކުން ދުރުހެލިވެ ތިބޭމީހުންނެވެ. އަދި އެއުރެންނީ ރުޅިއަތުވެއްޖެހިނދެއްގައި މާފުކުރާ ބަޔެކެވެ." (އައްޝޫރާ: 37) 

"އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ.

އިޙްޞާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އާލް އިމްރާން: 134) 

މިއީ މުއްމިނުން ރުޅި އާއިމެދު ޢަމަލުކުރަންޖެހޭ ގޮތެވެ. ފުރަތަމަ އާޔަތުން އެނގެންދަނީ ނުބައިކަންބޮޑު ފާފަތަކުން ދުރުހެލިވާ ފަދައިން ރުޅި އަންނަ ކަމެއް މެދުވެރިވިނަމަވެސް ރުޅިއިސްނުކޮށް މާފުކުރަން އަންގަވައިފައެވެ. 

ދެވަނަ އާޔަތުގައި އެވަނީ މުއްމިނުންނަކީ ރުޅި މަތަކަޮށް ހިފަހައްޓައި މީސްތަކުންނަށް މާފުކުރަންޖެހޭނެ ކަމެވެ. އެއިރުން އެމީހަކު އިޙްޞާންތެރިންގެ ތެރޭގައި ހިމެނިގެންދާނެކަމާއި އިޙްޞާންތެރިން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާކަން އެއޮތީ އެނގޭށެވެ! 

ވީމާ ދިރިއުޅުމުގައި ކަމެއް ކުރިމަތިވާއިރަށް ރުޅި އިސްނުކުރާށެވެ. ބައިވެރިޔާއަށް ނުބައިބަސްތައް ބުނެ އަތްއިސްނުކުރާށެވެ. ވަރިއާއި ހަމައަށް ކަންކަން ނުގެންދާށެވެ. މިބަޔާންކުރީ ބޮޑެތި ފާފަތައް ކުރުމާއި ދުރުހެލިވާންޖެހޭ ފަދައިން ރުޅި ކޮންޓްރޯލްކުރަންޖެހޭ ކަމެވެ. އަނެކާއަށް މާފުކުރަންޖެހޭ ކަމެވެ. އަދި އެއީ އިޙްޞާންތެރިއަކުކަމުގައިވެ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމަށްޓަކައި ކޮންމެހެން ކުރންޖެހޭނެ ކަމެއް ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން