ތަނަވަސްކަން އިތުރުކުރަންވެސް، އުފާވެރި ދިރިއުޅުމަކަށްވެސް ބޭނުންނަމަ ޙާލުގަ ޖެހިފަ ތިބި މީހުން އަމިއްލައަށް ހޯދައިގެން އެހީތެރިވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ތަނަވަސްކަން އިތުރުކުރަންވެސް، އުފާވެރި ދިރިއުޅުމަކަށްވެސް ބޭނުންނަމަ ޙާލުގަ ޖެހިފަ ތިބި މީހުން އަމިއްލައަށް ހޯދައިގެން އެހީތެރިވާށެވެ!: މުފްތީ މެންކް

ހެޔޮ ޢަމަލުކުރުމުން ދެއްވަވާ ޖަޒާ 10 ގުނައިން 700 ގުނައަށް ތަފާތު ކުރައްވަވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއިގެ ތެރެެއިންވެސް އެކަމެއް ކުރަން ފަރުވާތެރިވާ މިންވަރާއި ސަމާލުކަންދޭ މިންވަރު ވަރަށް ބޮޑަށް ފާހަގަކުރަން ޖެހޭނެއެވެ. 

އެހީއަށް އެދިގެން އައުމުން އެހީތެރިވުމަށްވުރެ އެހީއަށް ބޭނުންވެފައި ހުރި މީހަކު އަމިއްލައަށް ހޯދައިގެން އެހީތެރިވުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން މާބޮޑަށް ލިބޭނެއެވެ. އެހެނީ ޙާލުގައި ޖެހިފައި ތިބި މީހުން ހޯދަން އެމީހާ ނުކުންނަނީ ﷲ ތަޢާލާގެ އެންގެވުން ތަންފީޒުކުރުމަށެވެ. އެމީހާގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯބީގެ ބޮޑުކަމުންނެވެ. 

އެހެންކަމުން މީހަކު އެހީއަށް އެދިގެން އަންނަންދެން މަޑުން ހުންނާކަށް ނުޖެހެއެވެ. ސިޓީއެއް ފޮނުވަންދެން މަޑުކުރާކަށް ނުޖެހެއެވެ. އެހީތެރިކަމަށް ބޭނުންވެގެން ތިބި މީހުން ހޯދަން ނުކުންނަންވީއެވެ. އެފަދަ މީހުން ހޯދައިގެންވެސް އެހީތެރިވެދޭންވީއެވެ. 

ﷲ ތައާލާ މުއްސަނދިކަން ދެއްވަވަނީ ތިބާ އެއިގައި ބަގުޑި ބެއްދުމަކަށް ނޫނެވެ. އެއިން މީސްތަކުންނަށް ޞަދަޤާތް ކުރުމަށެވެ. ޒަކާތް ދިނުމަށެވެ. ޒަކާތްދީ، އެހެން މީހުންނަށް އެހީތެރިވެ ޞަދަޤާތް ކުރާ މީހާ މަރުވާ ވަގުތުން ފެށިގެން އެކަމުގެ ހެޔޮކަން ލިބެންފަށާނެއެވެ. ކައްވަޅުގައާއި ޢާޚިރަތުގައި މުއްސަނދިކަން އިތުރުކުރަން ބޭނުންނަމަ މިދުނިޔޭގައި މުދަލަށް ދަހިވެތިނުވާށެވެ. ﷲ ތަޢާލާ ދެއްވަވާ ވަރަކުން ބަހައި ހުސްކުރަމުން ގެންދާށެވެ. މިދުނިޔޭގައި އަތުން ހުސްވި ވަރަކަށް އެކޮޅަށް ދާނީ އިތުރުވަމުންނެވެ. 

ޞަދަޤާތް ކުރުމުގެ ސަބަބުން ހަމަ އެކަކުވެސް ބަނގުރޫޓު ނުވާނެ ކަމުގެ ގަރަންޓީ ރަސޫލް (ޞޢވ) ވަނީ ދެއްވަވައިފައެވެ. މާނައަކީ ޞަދަޤާތްދީގެން މީހަކު ފަޤީރު ނުވާނެ ކަމެވެ. ވާނީ މުއްސަނދިކަމެވެ. ހިތާމައަކީ މިފަދަ ހަދީޘްފުޅުތަކަށް ވިސްނާ މީހުން މަދުކަމެވެ. އަމިއްލަ އެކައުންޓު ބޮޑުކުރަން ވިސްނާ މީހުން ގިނަކަމެވެ. 

ތިމާއަށް މާލީ މުޞީބާތެއް ކުރިމަތިވާން އުޅޭކަން އިޙްޞާޞް ކުރެވުނު ނަމަވެސް ޞަދަޤާތްކުރުން އިތުރުކުރާށެވެ. މުޞީބާތުގެ ވަގުތަށް ކަމަށް ބަލައި ފޮރުވަން ނުހަދާށެވެ. ފަޤީރުވެދާނެ ދުވަހަކަސް ބިރު ނުގަންނާށެވެ. ޔަޤީންކަމާއިއެކު ބުނަމެވެ. މާލީ ގޮތުން މުޞީބާތެއް ނުވަތަ ދަތިކަމެއް ކުރިމަތިވާން އުޅޭކަމުގެ އިޙްޞާޞް ވެގެން ހުރެ ޞަދަޤާތް ދިނުން އިތުރުކޮށްފި މީހަކަށް އެމީހަކު ހޭދަކުރި އަދަދު އެތައް ގުނައަކަށް އިތުރުވެގެން އަނބުރައި ލިބޭނެއެވެ. އެމީހަކަށް އެތައް ގުނައަކަށް އިތުރަށް ﷲ ތަޢާލާ ދެއްވަވާނެތެވެ. 

މިއީ އަހަރެން ބުނާ ބަހެއް ނޫނެވެ. ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ދެއްވަވާފައިވާ ޔަޤީންކަމެކެވެ. އަހަރެން މިކުރާ ހަމައެކަނި ކަމަކީ އެ މައުލޫމާތު ފޯރުކޮށް ދިނުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން