މަންމަ މުސްކުޅިވީއެވެ. ބަލިވީއެވެ. ބައެއް ރޭރޭ ނުނިދިގެން ފުރޮޅުފުރޮޅި އޮންނަނީއެވެ. ބައެއް ޙާލަތްތަކުގައި ގައިގަ އަޅާވޭނަށް ކެތްނުކުރެވިގެންނެވެ. އަހުރެންގެ ސުވާލަކީ އެޙާލަތުގައި މަންމަ އޭނާގެ ގައިގައި ވޭންއަޅާތީ ނުނިދިފައި އޮންނައިރު ގާތުގައި ހޭލައި އިނދެގެން މަންމައަށް ޚިދުމަތްކުރަނީ ކިތައް ދަރިންހެއްޔެވެ؟
މިވާހަކަދެއްކީމާ ބައެއް ދަރިން އެބަ ބުނެއެވެ. "އަހުރެންގެ ދަރިން ބަލަންޖެހެއެވެ. ގޭތެރޭގެ މަސައްކަތްކުރަންޖެހެއެވެ. ހުންނަނީ ވަރުބަލިވެފައެވެ. ނިދިއައިސްފައެވެ. އެހެންވެ ނުނިދައި ހުންނަން އުނދަގޫވަނީއެވެ."
އެފަދައިން ބުނާ ބައަކަށް އަހުރެންގެ ސުވާލަކީ މަންމަ ތިބާ ކުޑައިރު ތިބާ ބަލިވުމުން ގާތުގައި ހޭލައި ފިރުމަން އިނީ ތިބާއާއި އެހެންދަރިން ބެލުމުގެ ބުރަ އުފުލަން ނުޖެހޭތީ ހެއްޔެވެ؟ ގޭތެރޭގެ މަސައްކަތްކުރަންވެސް ނުޖެހޭތީހެއްޔެވެ؟ ވަރުބަލިނުވާތީހެއްޔެވެ؟ ނިދިނުއަންނާތީހެއްޔެވެ؟
ނޫނެކެވެ. ހަމަ ތިބާ ތިބާގެ ދަރިންނަށްޓަކައި މިއަދު އުފުލާ ބުރަތައް އުފުލައި ގޭތެރޭގެ މަސައްކަތްކުރަމުން އެކަމުން ލިބޭ ވަރުބަލިކަމާއިއެކުގައެވެ. ނިދިއަންނަ ޙާލުގައެވެ.
އާދޭސްކޮށްފައި ބުނަމެވެ. މައިން މުސްކުޅިވެ ބަލިޙާލުގައި އުޅޭނަމަ ވޭންއަޅަން ދޫކޮށްނުލާށެވެ. ގައިގައި ބޭސްކޮޅު އުނގުޅައިލަދީ ފިރުމައިލަދޭން ގާތުގައި މަޑުކޮށްލާށެވެ. މަންމަ ގާތުގައި ޤުރްއާން ޖަހާފައި ބެހެއްޓުމުގެ އިތުރުން ގާތުގައި އިނދެގެން ޤުރްއާންކިޔަވާށެވެ. މަންމައަށްޓަކައި ދުޢާކުރާށެވެ. އެކަމުގެ ސަބަބުން އުފުލަންޖެހޭ ތަކްލީފަކީ ބުރައެއް ކަމުގައި ނުދެކޭށެވެ.
އަހަރެމެން ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ރިޒުޤް ދެއްވަވަނީ ﷲ ތަޢާލާއެވެ. އެކަލާނގެ އިރާދަކުރެއްވެވި އަޅަކަށް ގިނައިންނެވެ. ތަކްލީފްތައް ލުއިކޮށްދެއްވެވޭނެ ފަރާތަކީވެސް ހިތްހަމަޖެހުން ދެއްވެވޭނެ ހަމައެކަނި ފަރާތަކީވެސް ﷲ ތަޢާލާއެވެ. ވީމާ އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން މަސައްކަތްކުރުމެވެ.
ﷲ ތަޢާލާއަށް އީމާންވުމަށްފަހު އެންމެ ބޮޑު އިސްކަމެއްދޭން އަންގަވާފައި އޮތީ މައިންބަފައިންނަށެވެ. ވީމާ މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ. އަޅައިލާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިބާއަށް ލިބުމުން ތިބާއަށް ބޭނުންވާ ހުރިހާ ކަންކަމާއި އުފާވެރިކަން ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން