މާދަމާ ކުރިމަތިވެދާނެ ކަންކަމަށް ބިރު ނުގަނެ އުފަލުގަ ހުރެވޭނެ މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މާދަމާ ކުރިމަތިވެދާނެ ކަންކަމަށް ބިރު ނުގަނެ އުފަލުގަ ހުރެވޭނެ މަގު!

މާދަމާ ނުވަތަ މުސްތަޤްބަލުގައި މެދުވެރިވާނެ ކަންކަމަށް ތިބާ ބިރުވެތިކުރުވަނީ ޝައިޠޯނާއެވެ. އެއީ އެކަންކަމަށް ވިސްނަން ފެށުމުން ﷲ ތަޢާލާގެމަތިން ހަނދުމަނެތިވެގެންދާނެތީއެވެ. ވެދާނެ ކަންކަމަށް ވިސްނާ މީހާ އަބަދުވެސް ހުންނާނީ އެކަންކަމަށް ވިސްނުމުގައެވެ. ކޮންމެވެސް ކަމެއް މެދުވެރިވެދާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ. ވީމާ އެމީހަކަށް އޮންނާނީ ﷲ ތަޢާލާ އާއިމެދު ވިސްނައިލަންވެސް ވަގުތު ނުލިބިފައެވެ. އަދި ނަމާދުކުރުންފަދަ އަޅުކަމުގައި ހުންނައިރުވެސް އެބިރުވެރިކަމުން ހިތް އޮންނާނީ ފުރިފައެވެ. ފުރިހަމަ ގޮތުގައި ނަމާދުވެސް ނުކުރެވޭނެއެވެ. ޝައިޠޯނާގެ ބޭނުމަކަށްވަނީ އެހާލަތު ޖައްސުވައިގެންވެސް މީސްތަކުންގެ ވިސްނުން ﷲ ތަޢާލާ ޢާއި ދުރުކުރުވުމެވެ!

ވީމާ މާދަމާ ކުރިމަތިވެދާނެ އެއްވެސް ކަމަކާއިމެދު ނުވިސްނާށެވެ! އެކަން ﷲ ތަޢާލާއަށް ވަކީލްކޮށްފައި ބާއްވާށެވެ! މިއަދު ފުރިހަމަކުރަންޖެހޭ އަޅުކަން ފުރިހަމަކޮށް ޛިކުރުކޮށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރުން މާދަމާވެސް އަނެއް ދުވަހުވެސް އަދި އާޚިރަތް ދުވަހުވެސް ތިބާ ހުންނާނީ ﷲ ތައާލާގެ ހެޔޮ ރަޙްމަތުގައެވެ. އުފލުންނެވެ.

މުސްލިމުންނަށް ލިބިފައިވާ އެންމެ ޚާއްޞަ އެއް ނިޢްމަތަކީ މާދަމާ ކުރިމަތިވެދާނެ މުޞީބާތަކާއިމެދު ކަންބޮޑުނުވުމެވެ. މާދަމާ ނުވަތަ ކުރިއަށް އޮތްތަނުގައި ކުރިމަތިވެދާނެ މުޞބާތްތަކަށް ކަންބޮޑު ނުވެ ދުނިޔޭގައި އުޅެވޭނެ މަގު ﷲ ތަޢާލާ ދައްކަވައި ދެއްވަވާފައިވާ ކަމެވެ.

އެކަމަށް ކުރަން އޮތް ކަމަކީ ހުސްވަގުތު ލިބުމުން ވަޤުތު ބޭކާރުނުކޮށް ﷲ ތައާލާއަށް ޛިކުރުކުރުމާއި އަޅުކަންކުރުން މަތީގައި ސާބިތުވެ ހުރުމެވެ. އެއްވެސް މިންވަރަކަށް ވަގުތު ބޭކާރުނުކުރުމެވެ. ވަގުތު ބޭކާރުކުރާނަމަ އެމީހާގެ ހިތަށް ވަސްވާސް ވެއްދުމުގެ ފުރުޞަތު ޝައިޠޯނުންނަށް ލިބިގެންދެއެވެ.

---ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން