މަންމައަށް ކުރެވިފަ އޮތްކަމަކުން ހިތުގަ ޝަކުވާ އޮންނަނަމަ ޝަކުވާތައް ފިލުވައިލަން އެންމެ ފަސޭހަމަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
މަންމައަށް ކުރެވިފަ އޮތްކަމަކުން ހިތުގަ ޝަކުވާ އޮންނަނަމަ ޝަކުވާތައް ފިލުވައިލަން އެންމެ ފަސޭހަމަގު-

ވަރަށް ގިނައިން ދަރިންނަށް ބުނެވެއެވެ. "އަހަރެންނަށް މަންމައަށް ދޭންޖެހޭ ލޯބި ނުދެވެނީ ކުޑައިރު މަންމަ މިވިނިބަހެއް ބުނެފައި އޮތުމުންނެވެ. މިވެނިކަމެއް ކޮށްފައި އޮތުމުންނެވެ." 

އެއް ހަމައަކުން ބަލައިފިނަމަ މިއީ ހަމަ ބުރަދަންހުރި ވާހަކަތަކެކެވެ. ނަމަވެސް ﷲ ތަޢާލާ އަހަރެމެންނަށް އަންގަވާފައިވަނީ މައިންބަފައިން ކޮށްފައި ހުންނަ ކަންކަމަށް ނުބަލައި އެމީހުންނަށް ހެޔޮކޮށްހިތުމަށެވެ. ވީމާ ކުރިން މިބުނި ފަދަ ވިސްނުން ގެންގުޅުމަކީ މުސްލިމުންނަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ. 

ދެން އޮތީ އެފަދަ ބަސްތައް ހަނދާންނައްތައިލަން ކުރެވިދާނެ ކަމަކީ ކޮބައިތޯ ވިސްނައިލުމެވެ. އަހުރެންގެ ވިސްނުމަކީ އެކަމަށް ޢަމަލުކުރަންވީވެސް ދެމަފރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން ޢަމަލުކުރަން އޮތް ގޮތެވެ. އެއީ އަނެކާގެކިބައި ކުށެއް ފެނުނު ކަމުގައިވީނަމަވެސް އެކަމުގެ ޝަކުވާކުރުމުގެ ބަދަލުގައި އޭނާ ތިމާއަށް ކޮށްދީފައިވާ ހެޔޮ ކަންކަމަށް ވިސްނައިލުމެވެ. 

އެގޮތަށް އެކަންކުރަންޖެހެނީ ދެމަފިރިންނަށް އޮތީ ކަމެއް ޖެހުމުން ވަކިވުން ނޫންކަމުގައިވާތީއެވެ. އެކަމެއް ޙައްލުކޮށް އެކުގައި ދިރިއުޅުން މަސައްކަތްކުރުން ކަމުގައިވާތީއެވެ. 

ކޮންމެއަކަސް ދެމަފިރިންނަށް އެކުގައި ނުއުޅެވިއްޖެނަމަ ވަކިވުން ހުއްދައެވެ. ދީނުގައި އޮތްމަގުން އެކަންކުރުމުން އެއީ ފާފަވެރިވާ ކަމެއްނޫނެވެ. ނަމަވެސް މައިންބަފައިންނާއި ދުވަހަކުވެސް ވަކިވެވޭކަށް ނެތެވެ. ދިރިއުޅުން ވަކިކުރިނަމަވެސް މައިންބަފައިން ދުނިޔޭގައި ތިބިހައި ދުވަހަކު އެމީހުންނަށް ޒިޔާރަތްކޮށް ޙާލުބަލަންޖެހެއެވެ. އެހީތެރިވާންޖެހެއެވެ. ނޫންނަމަ ފާފަވެރިވާނެއެވެ. 

ބައެއް މައިންބަފައިންނަށް ދަރިންގެ ހިތުގައި ޖެހޭނެ އެތައް ކަމެއްވެސް ކުރެވިފައި ހުރެދާނެއެވެ. ނުބައި ބަސްތައްވެސް ބުނެވިފައިހުރެދާނެއެވެ. ކަންކަންވެސް ކުރެވިފައިހުރެދާނެއެވެ. ދަރިންގެ މެދުގައި ތަފާތުކޮށްފައިވެސް ހުރެދާނެއެވެ. 

އެފަދަ ކަމެއް މެދުވެރިވެފައިވާނަމަ އެކަންކަން ހަނދާނުގައިވެސް ހުންނާނެއެވެ. އިންސާނުންކަމުގައިވީތީއެވެ. އެކަމަސް އޮތް އެންމެ ރަނގަޅު ފަރުވާއަކީ އެފަދަ ކަންކަން ހަނދާންވާ ކޮންމެ ފަހަރަކުވެސް އެމީހުން ކޮށްދީފައިވާ ހެޔޮ ކަންކަން ހަނދާންކުރުމެވެ. ތިމާ ގެންގުޅެ ބޮޑުކޮށް ކިޔަވައިދީ އަދި ކޮށްދީފައިވާ އެހެން ކަންކަންވެސް ހަނދާންކުރުމެވެ. 

މިޘާލަކަށް މަންމަ އެންމެ ލޯބިވާ ދަރިފުޅަށް ބޮޑަށް ހެޔޮކޮށް ހިތާފައިވީނަމަވެސް ތިބާވެސް ގެންގުޅުނެއް ނޫންހެއްޔެވެ؟ ތިބާއަށްވެސް ކަންކަން ކޮށްދިން ނޫންހެއްޔެވެ؟ އެކަންކަން ހަނދާންކުރާށެވެ. އެކަންކަމަށް ޝުކުރުވެރިވާށެވެ. އަދި މިފަދަ ހުރިހައިކަމެއްގެ އިތުރުން ތިމާ މިއަދާކުރަނީ ތިމާގެ މައްޗަށް ﷲ ތަޢާލާ ވާޖިބުކުރައްވަވާފައިވާ ކަމެއްކަން ހިތްމައްޗަށް ގެންނާށެވެ. އެކަން ކުރުމުން ﷲ ތަޢާލާ ތިމާއަށް ދެއްވަވާނެ ޘަވާބާއި ނިޢުމަތްތައް ލިބިގަތުމަށް ޝައުޤުވެރިވާށެވެ.

މައިންބަފައިންނަށްވެސް އެހެން މީހަކަށްވެސް ހެޔޮކޮށް ހިތަންވީ އެމީހަކު ތިމާއަށް ހެޔޮކޮށް ކަންކަން ކޮށްފައިވާތީއެއް ނޫނެވެ. ﷲ ތަޢާލާ އެކަމަށް އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔމަންތެރިވެ ޢަމަލުކުރާ އަޅުންނަށް އެކަމުގެ ސަބަބުން ދެއްވަވާނެ ހެޔޮ ރަޙްމަތްފުޅަށް އެދޭމީހާއަށް އުފާވެރިކަން ދެދުނިޔޭގައިވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން